ކ. މާލެ
|
20 މެއި 2022 | ހުކުރު 22:01
ކޮލަމްބޯ
ކޮލަމްބޯ
ރޮއިޓާސް
ސްރީލަންކާގެ ހާލަތު
ސްކޫލްތައް ބަންދުކޮށް، ސަރުކާރު މުވައްޒަފުން ގޭގައި ތިބުމަށް ލަންކާއިން އަންގައިފި
މިގޮތަށް އިލްތިމާސްކޮށްފައިވަނީ ހުކުރު ދުވަހު

ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ސްކޫލްތައް ބަންދުކޮށް، ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފިއެވެ.

ހުކުރު ދުވަހު މިގޮތަށް އިލްތިމާސްކޮށްފައިވަނީ ތެލުގެ ދަތިކަން ދިމާވެދާނެކަމަށް ބަލާފައެވެ. ލަންކާގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީން ވަނީ ކޮންމެހެން އަސާސީ ޚިދުމަތްތައް ދޭ މީހުން ފިޔަވާ އެހެން މީހުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ. އެއީ ތެޔޮ މަދުވުމާއި ދަތުރުފަތުރުގައި ހުރި ދަތިތަކާއި ގުޅިގެންނެވެ.

ސްރީލަންކާގައި މިވަގުތު ބޭރު ފައިސާ ވަރަށް ބޮޑަށް މަދުވެފައި ވުމާއި އެކު ތެލާ ބޭސް ވަނީ ގާތްގަޑަކަށް ހުސްވެފައެވެ. އަދި އިގްތިސާދީ މަސައްކަތްތައް ވަނީ ފިނިހަކަ ދުވެއްޔަށް ވެއްޓިފައެވެ.  ގޭސް ސްޓޭޝަންތަކުގައި އެތައްހާސް ބަޔަކު އެތައް ދުވަދުވަހެއް ވަންދެން ކިޔޫތައް ވަނީ ހަދާފައެވެ.

އެޕްރިލްމަހު އިންފްލޭޝަން 29.8 އިންސައްތައިގައި ހުރިއިރު ކުރިޔަށް އޮތް ދެތިން މަސް ދުވަހުގެތެރޭގައި 40 އިންސައްތަޔަށް ވެސް އަރާފާނެ ކަމަށް ގަވަރުނަރު ވިދާޅުވެފައިވެއެވެ.

އަނެއްކޮޅުން އާންމުންގެ ގިނަ ބަޔަކު އަދިވެސް ގެންދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަމުންގެންދާ މީހުންނާ ދިމާލަށް ފުލުހުން ބުރާސްފަތި ދުވަހު ޕްރެޝަރުގަ ފެންޖަހާ އަދި ކަރުނަ ގޭސް ބޭނުން ކޮށްފައި ވެއެވެ. މުޒާހަރާ ކުރާމީހުން ގޮވަމުން ދަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަދި އަލަށް އައްޔަން ކުރެވުނު ބޮޑުވަޒީރުވެސް މަގާމުން އިސްތިއުފާ ދެއްވުމަށެވެ. އެމީހުން ތުހުމަތު ކުރާ ގޮތުގައި ވިކްރަމަ ސިންގހަ އަކީ ރާޖަޕަކްސަ ދެބެންގެ ދަށުވެފަ ހުންނަވާ ބޭފުޅެކެވެ.

ލަންކާ އިން ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ބޭރު ޤައުމުތަކަށް ދައްކަންޖެހޭ 25 ބިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން މިއަހަރު 7 ބިލިއަން ޑޮލަރުގެ ލޯނުތައް ވެސް ދެއްކުން މިއަހަރު އެ ޤައުމުން ވަނީ މަޑުޖައްސާލާފައެވެ. އެ ޤައުމުން ބޭރު ޤައުމުތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު އުޅެނީ 51 ބިލިއަން ޑޮލަރުގައެވެ. ލަންކާ އިން ބުނީ މިހާރު ފޮރިން ރިސާވްގައި ހުރީ ހަމައެކަނި 25 މިލިއަން ޑޮލަރު ކަމަށެވެ.

- ކޮމެންޓް