އޭޝިއާގައި އެންމެ ހަގު ޤައުމުކަމަށްވާ އީސްޓް ޓިމޯގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ހޯސޭ ރަމޯސް ހޯރޓާ ވެރިކަމުގެ ހުވާކުރައްވައިފިއެވެ.
އެމަނިކުފާނު ހުވާކުރެއްވީ އެ ޤައުމުގެ 20 މިނިވަން ދުވަހާއި ގުޅުވައިގެން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. އީސްޓް ޓިމޯ މިނިވަންވެފައިވަނީ 2002 ވަނަ އަހަރުއެވެ.
އީސްޓް ޓިމޯގެ ރައީސްއަކަށް އިންތިޚާބުވެވަޑައިގެންނެވި ރަމޯސް ހޯރޓާ އަކީ އެ ޤައުމު މިނިވަން ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ މަސައްކަތްޕުޅު ފާހަގަކޮށް ދުނިޔޭގެ ފެންވަރުގައި ދޭ ނޯބަލް އެވޯޑު ވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
އުމުރުން 72 އަހަރުފުޅުގެ ރަމޯސް ހޯރޓާ ވެރިކަމުގެ ހުވާކުރެއްވީ މީގެ 20 އަހަރު ކުރިން އީސްޓް ޓިމޯ މިނިވަންވި ވަގުތާ ދިމާކޮށެވެ. ރަސްމިއްޔާތަށްފަހު އެއްބައިވަންތަކަމާއެކު މަސައްކަތް ކޮށްގެން ޤައުމު ކުރިއަރުވައި ތަރައްޤީ ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އީސްޓް ޓިމޯގައި ފަޤީރުންގެ އަދަދު މަދު ކުރުމަށާއި މައިންނާއި ކުޑަކުދިންނަށް ސިއްޙީ ދާއިރާ އިތުރަށް ފުރިހަމަ ކުރުމަށާއި ސިޔާސީ ގޮތުން ވަރުގަދަ ޤައުމަކަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެ ޤައުމަކީ އެސޯސިއޭޝަން އޮފް ސައުތު އޭޝިއަން ނޭޝަންސް (އާސިއާން) ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށް ހައްދަވަން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ބޭއްވި އިންތިޚާބު ރަމޯސް ހޯރޓާ ކާމިޔާބު ކުރެއްވީ އެމަނިކުފާނާއެކު ޤައުމު މިނިވަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފްރެންސިސްކޯ ގުޓަރޭސްއާ ވާދަކުރައްވައިގެންނެވެ. އެމަނިކުފާނުވަނީ އެ ޤައުމު މިނިވަންވި ފަހުން 2006ން 2007ށް އެ ޤައުމުގެ ބޮޑު ވަޒީރުގެ މަޤާމާއި 2007ން ފެށިގެން 2012ށް އެ ޤައުމުގެ ރައީސްގެ މަޤާމު އަދާކުރައްވާފައެވެ.
އީސްޓް ޓިމޯއަކީ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެ ޤައުމުގައި ބޮލަކަށް ދުވާލަކަށް 1.9 ޑޮލަރު ޖެހޭއިރު އުފަންވާ ކޮންމެ 1000 ކުދިންގެ ތެރެއިން 42 ކުދިންނަށް ބޭނުންވާ ފުރިހަމަ ކާނާ ނުލިބުމުގެ ސަބަބުން ފަސް އަހަރު ފުރުމުގެ ކުރިން މަރުވެއެވެ.