އަވަށްޓެރި އިންޑިއާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް މަގާމުން ދުރުކޮށްފިއެވެ.
ޕަޓޭލްއާއި އޭނާގެ އެކްސްކޯ މެމްބަރުން މަގާމުން ދުރުކޮށްފައިވަނީ އެ ގައުމުގެ ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުން ނިންމީ ޕަޓޭލް މަގާމުން ދުރުކުރުމަށްފަހު، ފުޓުބޯޅަ ފެޑެރޭޝަންގެ ހިންގުން އެޑްމިނިސްޓްރޭޓިވް ކޮމެޓީއަކާ ހަވާލުކުރުމަށެވެ. އެ ކޮމެޓީ ކަނޑައެޅީ ވެސް އެ ގައުމުގެ ސުޕްރީމް ކޯޓުންނެވެ.
ސުޕްރީމް ކޯޓުން ކަނޑައެޅި ކޮމެޓީގައި ހިމެނެނީ ޖުމުލަ ތިން މެމްބަރުންނެވެ. މި ކޮމެޓީގައި ހިމެނޭ މެމްބަރުންނަކީ އެ ގައުމުގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ އަނިލް ރަމޭސް ދޭވް، އެ ގައުމުގެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޝާހާބުއްދީން ޔައުގޫބް ގުރައިޝީ އަދި އެ ގައުމުގެ ކުރީގެ ކެޕްޓަން ބާޝްކާރު ގަންގްލީއެވެ. މި ކޮމެޓީގެ އިސް ފަރާތަކީ ކުރީގެ ފަނޑިޔާރު އަނިލް ރަމޭސައެވެ. ދެން ތިބި ދެ މެމްބަރުންގެ ޒިންމާއަކީ އައު އެކްސްކޯއެއް ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން އެގައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސާއި އޭނާގެ އެކްްސްކޯ މެމްބަރުން މަގާމުން ދުރުކުރީ އެގައުމުގެ ސަރުކާރުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ގައުމުގެ ކުޅިވަރާ ބެހޭ ވުޒާރާއިން ހުށަހެޅި މައްސަލާގައި ބުނަނީ އިންޑިއާގެ ކުޅިވަރުގެ ގާނޫނާއި ކޯޑުގައި ވާގޮތުން ޕްރަފުލްއަށް އެ ގައުމުގެ އޯލް އިންޑިއަން ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސް ކަމުގައި އިތުރަށް ނުހުރެވޭނެ ކަމަށެވެ.
އެ ގައުމުގެ އެއްވެސް ކުޅިވަރު ފެޑެރޭޝަނެއްގެ ރައީސްކަމުގައި އެކަކަށް ގިނަ ވެގެން 12 އަހަރަށްވުރެ ގިނަ ދުވަހު ނުހުރެވޭނެކަމަށް އެ ގައުމުގެ ކުޅިވަރު ކޯޑުގައި ވެއެވެ. މިއީ 2011 އިން ފެށިގެން އެ ގައުމުން އަމަލުކުރަމުން އަންނަ ގަވާއިދެކެވެ. ޕްރަފުލް އެ ގައުމުގެ އޭއައިއެފްއެފްގެ ރައީސްކަމުގެ މަގާމާ އެންމެ ފުރަތަމަ ހަވާލުވީ 2009 ވަނަ އަހަރުއެވެ.
ސްޕްރީމް ކޯޓުގެ ނިންމުމުގައި ބުނީ އެންމެ ފަހުން ފުޓުބޯޅަ ފެޑެރޭޝަންގެ އިންތިޚާބު ބާއްވާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު 12 ގައި ކަމަށެވެ. އަދި ޕްރަފުލްގެ ދައުރު 2020 ޑިސެމްބަރުގައި ހަމަވެފައިވާ ކަމަށާއި، އެ ގައުމުގެ ކުޅިވަރު ކޯޑުގައި ބުނާ މުއްދަތުގެ އިތުރަށް އޭނާ މަގާމުގައި ހޭދަކޮށްފިކަމަށެވެ. އެހެންކަމުން އޭނާއަށް އިތުރަށް އެ މަގާމުގައި ނުހުރެވޭނެކަމަށާއި، މިހާރުން މިހާރަށް އިންތިޚާބެއް ބޭއްވުމަށެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާއި ގުޅިގެން އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ނިންމުން ބަަލައިގަންނަ ކަމަށް އެ ގައުމުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.