ކ. މާލެ
|
18 މެއި 2022 | ބުދަ 16:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ޗައިލްޑް ސޭފްގާޑިން ޕޮލިސީ
ޗައިލްޑް ސޭފްގާޑިން ޕޮލިސީގެ ސަބަބުން، ކުދިންނަށް ލިބެންވާ ރައްކާތެރިކަމާމެދު ހޭލުންތެރިވެގެންދާނެ: ރައީސް ސޯލިހް
 
ގާތްތިމާގެ މީހުންނާއި އާއިލާއާއެކު އުޅޭ ކުދިންނަށްވެސް އެތައް ނުރައްކާތަކެއް ކުރިމަތިވޭ

ޗައިލްޑް ސޭފްގާޑިން ޕޮލިސީގެ ސަބަބުން, ކުދިންނަށް ލިބެންވާ ރައްކާތެރިކަމާމެދު ހޭލުންތެރިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާހުކުރުމަށް ބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު އާންމުން މުޖުތަމައުން އެކަހެރިވެ، ކުށުގެ ވެއްޓާ ލާމެހިފައިވާ ކުދިންތަކެއް މަދުން ނަމަވެސް އުޅޭކަމަށެވެ. ހަމައެފަދައިން މައިންބަފައިންގެ ލޯތްބަށް އެންމެ ބޭނުންވާ ކުދިންވެސް އެމައިންބަފައިންގެ ލޯބިން މަހްްރޫމުވެފައި ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިބިކަމަށެވެ.

އަދި މިފަދަ ކޮންމެ ހާލަތަކީ އެކުދިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ހުރަސްއެޅޭ ހާލަތެއް ކަމަށާއި، އެ ކުދިންނަށް ލިބެންވާ ހަގީގީ ރައްކާތެރިކަމާއި ހިމާޔަތް ވެސް ލިބިދިނުމަށް ހުރަސްއެޅޭ ހާލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މިހެންވުމުން އެކަނިވެރިކަމާއި އެކަހެރިކަމުގެ އޮއެވަރުގައި އެކުދިން ދުވަސްތައް ހޭދަކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގާތްތިމާގެ މީހުންނާއި އާއިލާއާއެކު އުޅޭ ކުދިންނަށް ވެސް އެތައް ނުރައްކާތައް ކުރިމަތިވާ ކަމަށާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް އެތައް ނުރައްކާތައް ކުރިމަތިވާ ކަމަށެވެ. އަދި މި ޕޮލިސީގެ ސަބަބުން އެ ކުދިންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕޮލިސީއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިސްނަގައިގެން، "އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)"ގެ ބައިވެރިވުމާއެކު އެކުލަވާލި ޕޮލިސީއެކެވެ. މި ޕޮލިސީ އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، މި ސިޔާސަތުގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ރައްކާތެރިކަން ލިބުމުގެ އިތުރުން އެކުދިންނަށް ލިބެންވާ ރައްކާތެރިކަމާމެދު އެކުދިންގެ ހޭލުންތެރިކަން އިތުރުވެގެން ދާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސިޔާސަތަކީ މުޅި ރާއްޖޭގައި ގައުމީ ފެންވަރެއްގައި ތަންފީޒުކުރާނެ ސިޔާސަތެއްކަން ފާހަގަކުރައްވައި، މި ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުގެ ބައިވެރިވުން ފުރިހަމަ ގޮތުގައި ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

އަދި މި ސިޔާސަތަކީ ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި، މި ސިޔާސަތު ތަންފީޒު ކުރުމުގައި، އާއިލާތަކާއި މަދަނީ ޖަމްއިއްޔާތަކާއި އަދި މުޅި މުޖްތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ބޭނުންވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ޗައިލްޑް ސޭފްގާޑިން ޕޮލިސީ"އަކީ ރާއްޖޭގައި ކުޅިވަރުގެ ހަރަކާތްތަކުގައި ކުޑަކުދިން ރައްކާތެރިކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން އަމަލުކުރާނެ ސިޔާސަތެވެ. މި ޕޮލިސީ ބައްޓަންކޮށްފައި ވަނީ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި