ކ. މާލެ
|
18 މެއި 2022 | ބުދަ 09:04
އެމިރޭޓްސް ނިއުސް އެޖެންސީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްވި އިންޓަވިއުގެ ތެރެއިން
އެމިރޭޓްސް ނިއުސް އެޖެންސީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްވި އިންޓަވިއުގެ ތެރެއިން
އެމިރޭޓްސް ނިއުސް އޭޖެންސީ
ޔޫއޭއީގެ އައު ރައީސް
ޔޫއޭއީގެ އައު ރައީސްއަކީ އުންމީދުގެ ދަންމަރެއް: ރައީސް ޞާލިޙް
 
ދެ ޤައުމުގެ ދެމުދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އައު ރައީސް، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރު ޝެއިޚް މުހައްމަދު ބިން ޒާއިދު އާލް ނަހްޔާން އަކީ މުޅިސަރަހައްދަށްވެސް އުންމީދުގެ ދަންމަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމިރޭޓްސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޞާލިޙް ވިދާޅުވީ އިސްލާމީ އުސޫލްތައް ކުރިއެރުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޝެއިޚް މުހައްމަދު ބިން ޒާއިދު އާލް ނަހްޔާން އަކީ މެދުއިރުމަތީގެ ޤައުމަތަކަށް ހުރި އުންމީދުގެ ދަންމަރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އަބަދުވެސް ގާތް ބޭފުޅެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޝެއިހް މުހައްމަދާއި ވަރަށް ގިނަ ފަހަރު ބައްދަލު ވެވަޑައިގަތް ކަމަށާއި އެމަނިކުފާނާއެކު ގާތުން މަސައްކަތްޕުޅު ކުރައްވާ، ދެ ޤައުމުގެ ދެމުދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޔޫއޭއީގެ އައު ރައީސަށް، ރައީސް ޞާލިޙް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް ޔޫއޭއީއަށް ދަތުރުފުޅެއްކުރެއްވީ، ޔޫއޭއީގެ ކުރީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި، އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާނާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެހީތެރިކަމަށް އެދިވަޑައިގެންފިނަމަ އެމަނިކުފާނަކީ އަބަދުވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެއްވަން ތައްޔާރަށް ހުންނަވާ ބޭފުޅެއް ކަމަށާއި، މިގޮތުން ސުނާމީ އާއި ކޮވިޑުގެ ހާލަތުގައި ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވިކަން ފާހަގަކުރެއްވިއެވެ.

އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ އާއި ޔޫއޭއީގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާކަން ފާހަގަކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ އެ ޤައުމަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންގެންދާ ޤައުމެއް ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރު އަބޫދާބީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމާއި 2019 ވަނަ އަހަރު ރާއްޖޭގައި ޔޫއޭއީގެ އެމްބަސީއެއް ހުޅުވުނުކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި މި ވަރުގަދަ ގުޅުމުގެ ތެރެއިން އެކި އިވެސްޓްމަންޓްތަކާއި ޔޫއޭއީގެ އެހީތެރިކަމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމާއި ރިނިއުބަލް އެނާޖީ އާއި ކައުންޓަރ ޓެރަރިޒަމްގެ އެކި ޙަރަކާތްތަކުގައި ދެއްވި އެއްބާރުލުން ފާހަގަކުރައްވާ ރައީސް ވަނީ މިއެންމެހައި ކަންކަމަކީ ދެޤައުމުގެ ގުޅުމުން އައި ކުރިއެރުންތައް ކަމުގައި ވިދާޅުވެފައެވެ.

ރައީސް ވަނީ ކޮވިޑުގެ ހާލަތުގައި ޔޫއޭއީގެ އެމިރޭޓްސް އެއާލައިނުން ކާގޯ އާއި ބޭސް ރާއްޖެއަށް ފޯރުކޮށްދިނުމުން އެކަން ވެސް ފާހަގަކުރައްވާފައެވެ. އަދި އެކަމަށްޓަކައި އެ ޤައުމަށް އަބަދުވެސް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރައީސްކަމުގެ މަޤާމަށް ޝައިޚް މުހައްމަދު ބިން ޒައިދު އިންތިޚާބުކުރައްވާފައިވަނީ ފެޑެރަލް ސުޕްރީމް ކައުންސިލުގެ އިއްތިފާގުންނެވެ. އެއާއެކު، އެމަނިކުފާނު ވެވަޑައިގެންފައިވަނީ އެ ޤައުމުގެ 3 ވަނަ ރައީސަށެވެ. މަޤާމަށް އިންތިޚާބުކުރެއްވުމާ ގުޅިގެން އެމަނިކުފާނު ވަނީ، މަޤާމުގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި