ކ. މާލެ
|
17 މެއި 2022 | އަންގާރަ 16:34
ޔޫއެންއެފްސީސީސީ ގެ އެގްޒެކެޓިވް ސެކްރެޓަރީ
ޔޫއެންއެފްސީސީސީ ގެ އެގްޒެކެޓިވް ސެކްރެޓަރީ
ރައީސް އޮފީސް
މޫސުމަށް އަންނަ ބަދަލުތައް
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވަކާލާތު ކުރަން ރާއްޖެއަށް އިތުބާރު ކުރެވޭ: ޔޫއެންއެފްސީސީސީ
ކޮޕް 26 ސަމިޓުގައި ރާއްޖެއިން އަޑުއުފުލާފައިވާތީ ޔޫއެންއެފްސީސީސީ ގެ އެގްޒެކެޓިވް ސެކްރެޓަރީ ޝުކުރު އަދާ ކުރެއްވި

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަޝްވަރާތަކުގައި ވަކާލާތު ކުރުމަށް ރާއްޖެއަށް އިތުބާރު ކުރެވޭ ކަމަށް ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީޝިއާ އެސްޕިނޯސާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތަށް ފަހު ރައީސްއާއި ބައްދަލު ކުރައްވައެވެ. މި ބައްދަލު ކުރެއްވުމުގައި އެސްޕިނޯސާ ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަޝްވަރާތަކުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާ ކަން ފާހަގަ ކުރައްވާފައެވެ. އަދި ސްކޮޓްލެންޑްގެ ގްލާސްގޯގައި ނިމިދިޔަ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ދިވެހިރާއްޖެއިން އަޑުއުފުލާފައިވާތީ، އެ ކަމަނާ ވަނީ ރާއްޖެއަށް ތައުރީފު ކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުން މޫސުމީ ބަދަލުތަކާދެކޮޅަށް ކުރާ މަސައްކަތުގެ ކުރީ ސަފުގައި ތިބެން ޖެހޭ ކަމަށް ވެސް އެސްޕިނޯސާ ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން ރާއްޖެއިން އެންމެ ބޮޑު އިސްކަމެއް ދެނީ މާލީ އެހީތެރިކަން ހޯދުމަށް ކަމަށެވެ. އެގޮތުން އެދެވޭ ގޮތެއްގައި ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ދައުލަތުގެ ބަޖެޓުގެ ހަތަރު ގުނަ ޚަރަދުކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ޚަދީޖާ ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޔޫއެންއެފްސީސީސީގެ އެގްޒެކެޓިވް ސެކްރެޓަރީ ރާއްޖެއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ކްރޮސްރޯޑް މޯލްޑިވްސްގައި މިހާރު ކުރިޔަށްދާ "ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑޮޕްޓޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

- ކޮމެންޓް