ސްވިޑްން އާއި ފިންލޭންޑްގެ މަންދޫބުން ތުރުކީއަށް އައިސް އެ ދެގައުމުން ނޭޓޯއާ ގުޅުމަށް ތުރުކީގެ ތާއިދު ހޯދަން ވިސްނާނެ ކަމެއް ނެތް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
ސްވިޑްން އާއި ފިންލޭންޑްގެ މަންދޫބުން އަންކާރާއަށް އައިސް ތުރުކީގެ ތާއިދު ހޯދަން މަސައްކަތްކުރާނެ ކަމެއް ނެތް ކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުއެވެ.
ފިންލޭންޑުން ނޭޓޯއާ ގުޅެން ނިންމިކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ. އަދި ޖެހިގެން އައި ހޯމަ ދުވަހު ސްވިޑްންއިން ވެސް ވަނީ އެގައުމުން ނޭޓޯއާ ގުޅެން ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ތުރުކީއިން ވަނީ ސްވިޑްން އަދި ފިންލޭންޑްއިން ނޭޓޯއާ ގުޅުމަށް އެގައުމުން ތާއިދު ނުކުރާނެ ކަމަށް ބުނެފައެވެ. މިގޮތަށް އެގައުމުން އަމަލުކުރަން ނިންމީ އެ ދެ ގައުމަކީ މީގެ ކުރިން ތުރުކީއިން ޓެރެރިސްޓުންގެ ގޮތުގައި ބަލާ މީހުންނަށް ރައްކާތެރިކަން ދީފައިވާ ދެގައުމަށްވާތީ ކަމަށް ތުރުކީއިން ބުނެއެވެ.
ހޯމަ ދުވަހު ތުރުކީއިން މިކަމަށް ތާއީދު ނުކުރާނެ ކަމަށް އެގައުމުގެ ރައީސް އުރުދުޣާން ތަކުރާރުކުރައްވާފައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އުރުދުޣާން ވަނީ ސްވިޑްން އަކީ ޓެރަރިސްޓުން އުފައްދާ ގައުމެއް ކަމަށާއި އެގައުމުގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައިވެސް ޓެރަރިސްޓުން ހިމެނޭކަމަށް ވިދާޅުވެފައެވެ.
އުރުދުޣާން ވަނީ މިދެގައުމަކީވެސް ޓެރަރިސްޓުންނާ ދެކޮޅަށް ދޯހަޅި ސިޔާސަތުތަކެއް ގެންގުޅޭ ދެގައުމުކަމަށާއި މިކަމުގެ ސަބަބުން އެ ދެގައުމަށް އިތުބާރު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ހޯމަ ދުވަހު ސްވިޑްންގެ ފޮރިން އޮފީހުން ވަނީ އެގައުމާ ފިންލޭންޑްގެ މަންދޫބުން ތުރުކީއަށް ދަތުރުކޮށް އެގައުމާއެކު މަޝްވަރާތައް ކުރަން ނިންމާފައިވާކަމަށް ބުނެފައެވެ. މިއާ ވިދިގެން އުރުދުޣާން ވަނީ އެ ދެގައުމުން ތުރުކީއަށް އަންނަނީ ތުރުކީ އެކަމަށް އެއްބަސް ކުރުވަންތޯ ސުވާލު ކުރައްވާ އެކަން ކުރަން އުޅުމަށްވުރެ ނުކުރުން ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.
އުރުދުޣާން ވަނީ ސްވިޑްން އާއި ފިންލޭންޑް ނޭޓޯއާ ގުޅިއްޖެނަމަ ނޭޓޯއަކީ ޓެރަރިސްޓް ޖަމިއްޔާތައް ތަމްސީލުކުރާ ޖަމިއްޔާއަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އުރުދުޣާން ވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތައް ނޭޓޯއާ ގުޅެން ހުށަހެޅުމުން އެކަމަށް އެގައުމުގެ ތާއީދު ނުލިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ. 2019 ވަނަ އަހަރު ސްވިޑްން އަދި ފިންލޭންޑްއިން ވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައެވެ.
މީގެ އިތުރުން ހޯމަ ދުވަހު ތުރުކީގެ މީޑިއާއަކުން ވަނީ ތުރުކީއިން އަނބުރާ ގައުމަށް ގެންނަން ބޭނުންވާ 33 މީހުން ގައުމަށް ފޮނުވާލުމަށް ސްވިޑްން އަދި ފިންލޭންޑް އިން އަދިވެސް އެއްބަސް ނުވާކަމަށް ރިޕޯޓުކޮށްފައެވެ.
ސްވިޑްން އާއި ފިންލޭންޑްއިން ނޭޓޯއާ ގުޅުމާ ތުރުކީއިން ދެކޮޅު ހެދިނަމަވެސް އެމެރިކާ އައި ނޭޓޯއިން ވަނީ އެ ދެގައުމުން ނޭޓޯއާ ގުޅުނަ ނުދީ ތުރުކީއިން ނުހިފާއްޓާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފައެވެ.
ސްވިޑްން އާއި ފިންލޭންޑް ނޭޓޯއާ ގުޅުމަކީ ބެލްޓިކް ކަނޑު އިތުރަށް ވަރުގަދަ ވާނެ ކަމަކަށް ވާތީ އެދެގައުމުން ނޭޓޯއާ ގުޅުމަށް ތާއިދުކުރުމަށް އުރުދުޣާންއަށް ޕްރެޝަރުކުރާނެ ކަމަށް ޑިޕްލޮމެޓުން ފާހަގަކުރެއެވެ. އެގޮތުން ހޮނިހިރު ދުވަހު ރައީސް އުރުދުޣާންގެ ތަރުޖަމާން ވަނީ ސްވިޑްން އާއި ފިންލޭންޑްއާއެކު މަޝްވަރާނުކުރަން ނިންމާފައި ނުވާކަމަށް ވިދާޅުވެފައެވެ.