ތުރުކީގެ އަލިފާން މަތިންދާ ބޯޓެއް ބުރާސްފަތި ދުވަހު ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެފައިވާ ކަމަށް ތުރުކީގެ ފޮރެސްޓްރީ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
މި ހާދިސާ ހިނގީ ތުރުކީގެ ސިފައިންގެ އެހެން މަތިންދާ ބޯޓެއް ވެއްޓި 20 މީހުން މަރުވި ހާދިސާއަށް ދެ ދުވަސް ފަހުންނެވެ.
ތުރުކީގެ އަލިފާން ނިއްވާ 2 ބޯޓު ގައުމަށް އެނބުރި ދިއުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑިގެން ދިޔަ ކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި އެއް ބޯޓު ކޮރޭޝިއާގެ އެއާޕޯޓެއްގައި ޖެއްސި ނަމަވެސް އަނެއް ބޯޓު ވެއްޓުނު ކަމަށް މިނިސްޓަރު އިބްރާހިމް ޔުމަކްލީ އެކްސްގައި ލިޔުއްވައިފައިވެ އެވެ.
އޭނާ ވިދާޅުވީ އަލިފާން ނިއްވާ އުޅަނދުގެ ބަޑިތައް، ކޮރޭޝިއާގެ ސެންޖް ރަށުގެ ކައިރީގައި ފެނިއްޖެ ކަމަށެވެ. އަދި މި ހިތާމަވެރި ހާދިސާގައި މަރުވި ޕައިލެޓުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވި އެވެ.
މީގެ ކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި، މިނިސްޓްރީން ބުނީ ދެ އޭޓީ802 އަލިފާން ނިއްވާ ބޯޓު ބުދަ ދުވަހުގެ ހެނދުނު ޒާގްރެބްގައި މެއިންޓެނެންސް މަސައްކަތްތަކަށް ތުރުކީން ފުރި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ހުޅަނގުގައި އޮންނަ ރިޖެކާ އެއާޕޯޓުގައި ރޭގަނޑު މަޑުކުރަން މަޖުބޫރުވި ކަމަށެވެ.
އެ ބޯތުތައް ބުރާސްފަތި ދުވަހު ހަވީރު 5:38 ގައި ޒާގްރެބް އެއާޕޯޓުން ފުރި ނަމަވެސް އެނބުރި ދިއުމަށް މަޖުބޫރުވި ކަމަށް އެތަނުން ބުންޏެވެ. ވެއްޓުނު ބޯޓު ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށް ދާ ކަމަށް އޮފިޝަލުންވަނީ ބުނެފަ އެވެ.
މި ހާދިސާ ހިނގީ އަންގާރަ ދުވަހު ތުރުކީގެ ސިފައިންގެ ކާގޯ ޕްލޭނެއް އަޒަރުބައިޖާނުން އެނބުރި އަންނަނިކޮށް ޖޯޖިއާއަށް ވެއްޓި މަރުވި 20 ސިފައިންގެ ހަށިތައް ތުރުކީއަށް އަނބުރާ ގެންދިޔަތާ ގަޑިއިރުތަކެއް ފަހުންނެވެ.
ތުރުކީގެ ތަހުގީގު ކުރާ ފަރާތްތަކުން މި ހާދިސާގެ ސަބަބު ބަލަމުން އަންނައިރު، ސަލާމަތީ ގޮތުން ސީ-130 ކާގޯ ބޯޓުތަކުގެ ހުރިހާ ދަތުރުތައް ވަގުތީ ގޮތުން ވަނީ ހުއްޓާލާފަ އެވެ.