2024 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރާނެ އަންހެނުން ނެރެން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ އަންހެނުގެ ރައީސް ކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީ ހިންގުމުގައި އެ ޕާޓީގެ ހުރިހާ އަންހެނުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ކުރިން އަންހެނުންގެ ރޫހުގެ ޙަރަކާތްތައް މާލެއަށް ޚާއްސަ ވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ހުރިހާ ރަށެއްގެ އަންހެން މެމްބަރުން ބައިވެރިވާ ގޮތަށް ޙަރަކާތްތައް ހިންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބުގައި ވާދަ ކުރާނެ އަންހެން މެމްބަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ އެ މަސައްކަތް މިހާރުން ފެށިގެން އޭނާ ކުރައްވާނެ ކަމަށެވެ.
މިހާތަނަށް މި ޕާޓީގެ އަންހެނުންގެ ރޫހަކީ ވަރަށް ބޮޑަށް މާލެއަށް ޓާގެޓް ކުރެވިގެން މާލޭގައި ހަރަކާތްތެރިވެ، ރަށްރަށުގައި ތިބި އަންހެންވެރިނާ މާބޮޑު ގުޅުމެއް ނެތި ކުރިއަށްގެންދިޔަ މަސައްކަތްތަކެއް. އެހެންވެ އަޅުގަނޑު ބޭނުންވަނީ އެންމެ ފުރަތަމައިނުންވެސް ހުރިހާ ރަށެއްގައި ތިބި އަންހެން ބޭފުޅުން ބައިވެރިވާ ގޮތަށް ކޮންމެ ރަށަކުން އަންހެނުންގެ ރޫހުގެ ރައީސަކު ހޮވި އެ ރަށުގައި ތިބި ހުރިހާ މެމްބަރުންނާ އެކީ މަސައްކަތް ކުރަންރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އަންހެނުންގެ ރޫހު ކުރިއެރުވުމުގައި ޕާޓީގެ ހުރިހާ މެމްބަރުންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ސަރުކާރުގައި މަސައްކަތް ކުރާ އަންހެން މެމްބަރުންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރޮޒައިނާ އިންތިޚާބުވެވަޑައިގެންފައިވަނީ 65 އިންސައްތަ ވޯޓާއެކުއެވެ. އޭނާއާއެކު ވާދަކުރެއްވި ސަފާތުއަށް ލިބިފައިވަނީ 35 އިންސައްތަ ވޯޓެވެ.