ފޯމް ދަށްވެ, އުނދަގޫ ހާލަތުގައި އޮތް ވެލެންސިޔާއިން އެންމެ ފަހުން މޮޅެއް ހޯދާ ތާވަލްގެ ހަތަރުވަނައަށް ޖެހިލައިފިއެވެ. ވެލެންސިޔާ މޮޅެއް ހޯދީ ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް މޮޅެއް ނުލިބި ފުލުގައި ދަ ގްރާންޑޭ އަތުންނެވެ.
ވެލެންސިޔާ މެޗު ކާމިޔާބުކުރީ 4-1 ނެވެ. 28 ވަނަ މިނިޓްގައި ވެލެންސިޔާއަށް ކުރި ހޯދައިދިނީ އަބުދުالله ޔާމީންއެވެ. ދެވަނަ ހާފްގައި ދެވަނަ ގޯލާއި ތިންވަނަ ގޯލް ޖެހީ ބޯހާސްއެވެ. އޭނާ ދެވަނަ ގޯލްޖެހީ މެޗުގެ ފަހު މިނިޓްގެ ތެރޭގައެވެ. ވެލެންސިޔާގެ ހަތަރުވަނަ ގޯލް އަލީ ފާސިރު (ސެންޓޭ) ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މިއީ މިސީޒަންގެ ލީގުގައި ސެންޓޭ ކުޅުނު ފުރަތަމަ މެޗެވެ. ޕްރެޒިޑެންޓްކަޕް ފައިނަލްގައި ލިބުނު އަނިޔާގެ ސަބަބުން ލީގުގެ ފުރަތަމަ ބުރާއި, ދެވަނަ ބުރުގެ މިއަދުގެ މެޗާ ހަމައަށްވެސް ސެންޓޭ ހުރި ކުޅުމާ ދުރުގައެވެ. ސެންޓޭ ކުޅެން ނިކުތީ މެޗުގެ އެންމެ ފަހު މިނިޓްގައެވެ. ލަނޑުޖެހީ އިތުރުވަގުތުގެ ހަތަރުވަނަ މިނިޓްގައެވެ. މެޗުގައި ދަ ގްރާންޑޭގެ ލަނޑަކީ ވެލެންސިޔާ ކީޕަރު ފައިސަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 1-1 ނެވެ.
މިމޮޅާއެކު ވެލެންސިޔާ ހަތަރުވަނާގައި އޮތީ 16 ޕޮއިންޓާއެކުއެވެ. ތިންވަނާގައި ޓީސީ އޮތީ 17 ޕޮއިންޓާއެކުއެވެ. ލީގުގައި ބުދަ ދުވަހުގެރޭ ވާދަކުރާނީ އީގަލްސްއާއި ޔުނައިޓެޑް ވިކްޓްރީއެވެ