ސްރީލަންކާގައި ކުއްލި ހާލަތު އިއުލާންކޮށްފައި ވަނިކޮށް އެ ގައުމުގެ ވެރިރަށް ކޮލަމްބޯގައި ފާދިރީންތައް މުޒާހަރާ ކުރަން ފަށައިފިއެވެ.
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެގައުމުގައި ކުއްލި ހާލަތު އިއުލާނުކުރެއްވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނަމަވެސް މުޒާހަރާތައް އަދިވެސް ހުއްޓާ ނުލައި ކުރިއަށްދާއިރު އެ ގައުމުގެ އެކި ހިސާބުތަކުން ފާދިރީންވެސް ދަނީ އެ މުޒާހަރާގައި ބައިވެރިވަމުންނެވެ.
ރައީސް ގޮތަބަޔާ ކުއްލި ހާލަތު އިއުލާން ކުރައްވާފައި މިވަނީ ހުކުރު ދުވަހު ކެބިނެޓްގެ ހާއްސަ ބައްދަލުވުމެއްވެސް ކުރިއަށް ގެންދެވުމަށްފަހުއެވެ.
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާގެ ސަބަބުން ރައީސް އަދި ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އިދިކޮޅުން ވަނީ ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލައަކާ ސަރުކާރުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ.
ނަމަވެސް ރައީސް އަދި ބޮޑުވަޒީރުވެސް ވަނީ ތަކުރާރުކޮށް މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ސްރީލަންކާގައި މިދުވަސްކޮޅު ވަރަށް ގިނައަދެއްގެ ބަޔަކު އަންނަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.