މާލެ ސިޓީ ކައުންސިލްގައި ވިލިމާލެ ތަމްސީލް ކުރައްވާ މެމްބަރު ނަހުލާ އަލީ އެ ދާއިރާއަށް ނޭރުމަށް އަންގާފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ފޭސްބުކްގައި ނަހުލާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޭޔަރ ޑރ. މުޙައްމަދު މުއިއްޒުއާއެކު ވިލިމާލޭގެ ޑޯޓުޑޯއަށް ވަޑައިގަތުމަށް ނިންމަވާފައި ވަނިކޮށް އެރަށަށް އަރައިގެން ނުވާނެ ކަމަށް އަންގާފައިވާ ކަމަށެވެ. އެކަން އެންގީ ކޮން ބައެއް ކަމާއި އެއީ ކީއްވެގެން އެންގި އެންގުމެއް ކަމެއް ނަހުލާ ހާމައެއް ނުކުރައްވައެވެ.
ނަހުލާ ވިލިމާލެއަށް އެރުން މަނާކޮށްފައިވާއިރު އޭނާ ނިސްބަތްވާ ޕާޓީ، ޕީޕީއެމް އިން ވަނީ އޭނާ އާއި އޭނާގެ މަންމަގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އެއީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ޕީޕީއެމް އިން ވާދަ ކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕޭން ކުރާތީ ބަލާ މައްސަލައެއް ކަމަށް މައުލޫމާތު ލިބެއެވެ.
ޕީޕީއެމް އިން ނަހުލާގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނުމުގެ ކުރިން ނަހުލާ ވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރ އިބްރާހިމް ސުޖާއުގެ ފަރާތުންނާއި ޕީޕީއެމްގެ އެތެރެއިން ނުފޫޒާއި ހުރަސްތައް ދިމާވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައެވެ. އެގޮތުން ކޮމެޓީގެ ބައި އިލެކްޝަނަށް އޭނާ ހުށަހެޅުއްވި ނަން ކެންޑިޑޭޓް ލައްވައި ނަންގުވާފައިވާ ކަމަށާއި ސުޖާއު ބޭނުންވާ ކެންޑިޑޭޓަށް ޓިކެޓް ދިން ކަމަށް ވިދާޅުވިއެވެ.
ނަހުލާގެ ތުހުމަތުތައް ޕީޕީއެމް އިން ވަނީ ދޮގުކޮށް ބަޔާނެއް ވެސް ނެރެފައެވެ.