މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތިން ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ކ. މާފުއްޓާއި ތ. މަޑިފުއްޓާއި ނ. މަނަދޫގައި ހިންގި އޮޕަރޭޝަންތަކުގައެވެ.
އަންގާރަ ދުވަހު މާފުށީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ކޯޓު އަމުރުގެ ދަށުން އެ ރަށުގެ ގެއެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަންގާރަ ދުވަހު މާފުށީ ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު 18 އަހަރު ނުވާ ދެ ކުއްޖެއްގެ އަމަލު ހުރި ގޮތުން ހުއްޓުވައި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހުރި ސެލޯފިން ކޮޅަކާއި 13 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީގެ ސަރަހައްދެއް ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 36 ރަބަރު ޕެކެޓާއި، ހަ ސެލޯފިންކޮޅާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ނ. މަނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ އަތޮޅުގެ މާޅެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަންގާރަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މަނަދޫއަށް ދިޔަ ބޯޓެއް ބަލައި ފާސްކުރިއިރު ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
އިންޓެލިޖެންސާއި މަނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މަޑިފުށީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން ހޯމަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ދެ ކޮތަޅު ފެނުނު ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައިވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.