ހޯމް މިނިސްޓަރ އަލީ އިހްސާން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބިރުދައްކަން ކަމަށާއި، އިހްސާނަށް ކުރެވޭނެ ކަމަކީ މަގުމަތިންދާ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
އޮކްޓޯބަރު 3 ވަނަ ދުވަހުގެ ހަރަކާތާ ގުޅިގެން ނުހައްގުން ހައްޔަރުކޮށްފައިވާ މާފުށި ކައުންސިލް ރައީސް ހަސަން ސޮލާހް ވަގުތުން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީން، ހޮނިހިރު ދުވަހުގެ ރޭ މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، މިނިސްޓަރު ކަމާއި ހަވާލުވުމަށްފަހު، އެންމެ ފުރަތަމަވެސް ކަސްޓަމްސްގެ ދުއި ސައްތަ މިލިއަން ކޮޕަރްޝަނުގެ ވާހަކަ އާއި، ކަރެކްޝަންގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާފައިވަނީ، ރައީސް މުއިއްޒުއަށް އޭނާގެ މޮޅުކަން ދެއްކުމުން ގޮތުން ކަމަށް ވިދާޅުވި އެވެ.
މިއީ މިއަދުގެ ސަރުކާރުގައި ހުރި އެންމެ އަނިޔާވެރި މީހާ ކަމަށް ސިފަ ކުރައްވަމުން ޒިޔާދު ވިދާޅުވީ. މިހާރު އިހްސާން މަސައްކަތް ކުރަމުންދަނީ ރައްޔިތުން ބިރުގަންނަވަން ކަމަށާއި އެގޮތުން، ހައްގަށް ވަކާލާތުކޮށް އަޑު އުފުލާ ފަރާތްތަށް ހައްޔަރު ކުރުމާއި މަގުމަތިންދާ ޒުވާން ކުދިންގެ ފޯނު ހިފެއްޓުން ކަމަށެ އެވެ.
ނަމަވެސް އެމްޑީޕީ އަކީ މިހެން ދައްކާ ބިރަކަށް ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން ކަމަށާއި މުޒާހަރާ ކޮށްގެން ދުވާލަކަށް ފަނަރަ މީހުން ހައްޔަރުކޮށް ފަނަރަ ދުވަސް މަތިމައްޗަށް ޖެހި ކަމުގައިވީ ނަމަވެސް އަނިޔާވެރިކަމާއި ދެކޮޅަށް ވަކާލާތު ކުރުން ހުއްޓާ ނުލާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދު ތަކުގެ ތެރޭގައި އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ހައްޔަރީން ނުތިބޭނެ ކަމަށް ވައުދުވި ނަމަވެސް އެމަނިކުފާނު މިހާތަނަށް ވެފައިވާ ކޮންމެ ކަމެއް ދަނީ ނުއަތަށް ކަމަށްވާއިރު، މުޒާހަރާއަށް ނިކުންނަ މީހުން ހައްޔަރުކޮށް ބިރު ދެއްކުމަކުން ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް ނިކުތީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ލާމަރުކަޒީ ނިޒާމަށް ގެނެސްފައި އޮތް އިސްލާހުން މިއަދު ކައުންސިލްތަކަށް މާ ބޮޑު ބާރެއް ނެތް އިރު، އެކަމުގައި ރައްޔިތުންގެ ފަރާތުން ބަސް އިއްވަން ކަމަށާއި ނަމަވެސް ބިޑި އަޅުވައި، އަނިޔާކޮށް ހައްޔަރަށް ގެންދިއައީ ކޮން ކުށެއްގެ ތުހުމަތުގައި ކަމެއްވެސް ފުލުހުން ބުނެފައި ނުވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ކައުންސިލްތަކުގެ މަސައްކަތް ހަނިވާތީ މުޒާހަރާ ކުރީ، ޖުޑީޝިއަރީ ނެތް. ރައްޔިތެއްގެ ހައްގުގައި ވާހަކަ ދައްކާނެ މެމްބަރަކު ނެތް. ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން ކައުންސިލްގެ ރައީސް ނިކުތުމުން، ދޫނިދޫ ޖަލުގައި 15 ދުވަސް ޖަހާފައި ބޭއްވީ، އެއީވެސް ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ކުރި ކަމެއް. މުޅި ދުނިޔޭގެ ހުރިހާ މީހުން އުޅޭ ރަށެއް މާފުއްޓަކީ، މާފުށީ ރައްޔިތުންގެ ހައްގުގައި ސޮލާހް ނިކުތީ، މާދަމާ ހައްޔަރު ކުރާނީ ކާކު ކަމެއް ނޭނގޭ، މިއަދު މިކަމާއި އަޑު އުފުލަން ޖެހޭ
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު![]()
މިއަދު މިރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް ނެތް ކަމަށާއި ހައްގުތައް ހޯދަން މަޖިލިސް މެމްބަރުން ދާނެތަނެއް ނެތް ކަމަށް ވިދާޅުވަމުން، އަނިޔާވެރި ސަރުކާރަކަށް އަޑު އިވޭނީ ތަންކޮޅެއް ބާރަށް ބުނެގެން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
މިރާއްޖޭގެ ރައްޔިތުން ދެން އަނިޔާވެރިކަން ބޭނުން ނޫން ކަމަށާއި، މިއަނިޔާވެރި ސަރުކާރަށް އަޑު އިއްވަން 17 ނޮވެމްބަރު ގައި އަނެއްކާ ވެސް އެމްޑީޕީން ނިކުންނާނެ ކަމަށް ވިދާޅުވަމުން މިހާރު ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ހައްޔަރީން ވަގުތުން ދޫކޮށްލުމަށް ޒިޔާދު ވަނީ ރައީސް މުއިއްޒުއަށް ގޮވާލާފައެވެ.