ރަމަޟާން މަސް ނިމުމުން މުސްލިމުންނާ ކުރިމަތިވާ ފިތުރު އީދަކީ މުސްލިމުންނަށް ވަރަށް ޚާއްސަ ދުވަހެކެވެ. މިދުވަސް ގިނަ މީހުން ހޭދަކުރަނީ އާއިލާއާއި ރައްޓެހިންނާއި، ގާތްތިމާގެ މީހުންނާއެކު ވަގުތު ހޭދަކޮށްލުމުގައެވެ. ކުލަ ގަދަކޮށް އީދު ހަރަކާތްތައް ކުރިއަށްގެންދާ ރަށްރަށަށް ދިއުމާއި، އީދަށް ކައިރި ރަށްރަށަށް ގޮސް އުޅޭ މީހުންވެސް މަދެއް ނޫނެވެ. މިއިން އެއްވެސް ކަމެއް ކުރުމުގެ ނަސީބު ނުލިބޭ މީހުންގެ ތެރެއިން އެއް ބަޔަކު މި ދުވަސް ހޭދަކުރަނީ މަސައްކަތުގައެވެ. ނޫނީ އެއްވެސް ކަމެއް ނުކޮށް ގޭގައި ތިބެނީއެވެ.
ގިނަ ބަޔަކު މި ފާހަގަކުރި ގޮތްގޮތަށް އީދު ދުވަސް ހޭދަކުރަމުން އަންނައިރު އާންމުގޮތެއްގައި މީހުން އަޑުނާހާ ގޮތްގޮތަށް އަދި ހީވެސް ނުކުރާ ގޮތްގޮތަށް އީދު ފާހަގަކުރަމުންދާ މީހުންވެސް އުޅެއެވެ. މި ކިޔައިދެނީ އަމިއްލަ ހިތްހަމަޖެހުމަށްޓަކައި އެހެން މީހުން ހިތްހަމަޖައްސައިދީ އުފާކޮށްދެމުންދާ ބައެއްގެ ވާހަކައެވެ. މުޖުތަމައަށް ނުހަނު ބޭނުންތެރި، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭ ބައެއްގެ ވާހަކައެވެ. އެއީ މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "އީދު ޕްރޮޖެކްޓް" އެވެ.
މިއީ 2000 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އެ އެސޯސިއޭޝަނުން ހިންގަމުން އަންނަ ހަރަކާތެކެވެ. އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ މި ޕްރޮޖެކްޓުގެ ތެރެއިން އެ އެސޯސިއޭޝަނުން ކުރަނީ ވަރަށް ތަފާތު މަސައްކަތެކެވެ. އެ އެސޯސިއޭޝަންގެ ޒުވާން ލީޑަރުންގެ އިސްނެގުމުގެ މަތިން އެތައް އަހަރެއް ވަންދެން ހިންގަމުން އައިސްފައިވާ މި ޕްރޮޖެކްޓު އަމާޒުކުރެވިފައިވަނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންނަށެވެ. އެމީހުންނަށް ހަދިޔާ ދީ، އެމީހުން ހިތްހަމަޖައްސައި ދިނުމުގައި ކޮންމެ އަހަރެއްގެވެސް ވަޅު އީދު ދުވަސް އެ އެސޯސިއޭޝަންގެ ސުވާން ލީޑަރުން ހޭދަކުރެއެވެ.
ހަމަގައިމުވެސް އާއިލާއާ ދުރުގައި އަހަރުތަކެއް ހޭދަކުރަންޖެހުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ގުރައިދޫ މަރުކަޒުގައި ތިބޭ ގިނަ މީހުންނަކީ ވަރަށްވެސް އުނދަގޫ ދުވަސްތަކެއް ތަހައްމަލުކުރަމުންދާ ބައެކެވެ. އެފަދަ ބަޔަކަށް އެހެން މީހުންނާ ބައްދަލުވެލާ ހިތްހަމަޖައްސާލެވުމަކީ ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދާނެ ކަމެކެވެ. ގަރލް ގައިޑް އެސޯސިއޭޝަންގެ މި ހަރަކާތަކީ މަރުކަޒުގައި ތިބޭ މީހުން ވަރަށް ބޮޑަށް އިންތިޒާރުކުރާ ހަރަކާތެކެވެ. މި ހަރަކާތަކީ ގަރލް ގައިޑް އެސޯސިއޭޝަނުން ވަރަށް ދުރާލާ ތައްޔާރުވެގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިގޮތުން މަރުކަޒުގައި ތިބޭ މީހުންނަށް އެންމެ ބޭނުންވަނީ ކޮން ތަކެއްޗެއްކަމާއި މިކަންކަން ދުރާލާ ދެނެގަނެއެވެ. އަދި އެތަކެތި ހޯދައި، ޕެކްކުރެއެވެ. އަދި ވަޅު އީދު ދުވަހު ގުރައިދޫއަށް ގޮސް، އެމީހުންނަށް ހަދިޔާ ދީ ހަދައެވެ. އަދި އެމީހުން ހިތްހަމަޖައްސައިދިނުމަށް ފަންނާނުންވެސް ގެންދެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މި ހަރަކާތް ކުރިއަށްގެންދިއުމަށް ގަރލް ގައިޑް އެސޯސިއޭޝަނުން ދަނީ ތައްޔާރުވަމުންނެވެ. ކޮވިޑް-19ގެ ހާލަތުގައި މި ހަރަކާތް އޮންލައިންކޮށް ކުރިއަށްގެންދިއުމަށްފަހު މިއަހަރު އެރަށަށް ގޮސް އެމީހުންނާ ބައްދަލުވެލާ ހެދުމަށް ގަރލް ގައިޑް އެސޯސިއޭޝަންގެ ޒުވާން ލީޑަރުން ތިބީ ކެތްމަދުވެފައެވެ. އެމީހުން ބުނިގޮތުގައި މަރުކަޒަށް ގޮސް މަރުކަޒުގައި ތިބޭ މީހުންނާ ބައްދަލުވެލާ ހެދުމަކީ ބަޔާން ކުރަން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަމަށެވެ. ހަދިޔާ ދިނުމުން އެމީހުންނަށް ލިބޭ އުފާވެރިކަން ބަލާލެވުމަކީ އުފާވާ ކަމެއް ކަމަށް އެމީހުން ބުނެއެވެ. އަދި ދެން އޮތް އަހަރުގެ ހަރަކާތަށް އަނެއްކާވެސް އިންތިޒާރުކުރަން ފެށޭކަމަށް ބުނެއެވެ.
އާއިލާއާ ރައްޓެހިންނާ ދުރުގައި ދުވަސްތަކެއް ހޭދަކުރަމުންދާ ބަޔަކަށް އެންމެ ބޮޑަށް ބޭނުންވާނީ ހިތްހަމަޖެހުމެވެ. އެމީހުން ހިތްހަމަޖައްސައިދީ އުފާކޮށްލައިދިނުމަށް ގަރލް ގައިޑް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެކެވެ. އަދި މިކަމުން ނަމޫނާ ލިބިގަނެ، އެތަނުގައި އުޅޭ މީހުންނަކީވެސް މުޖުތަމައަށް މުހިންމު ބައެއްކަން ގަބޫލުކުރަންޖެހެއެވެ.
އާއިލާއާ ރައްޓެހިންނާ ދުރުގައި ދުވަސްތަކެއް ހޭދަކުރަމުންދާ ބަޔަކަށް އެންމެ ބޮޑަށް ބޭނުންވާނީ ހިތްހަމަޖެހުމެވެ. އެމީހުން ހިތްހަމަޖައްސައިދީ އުފާކޮށްލައިދިނުމަށް ގަރލް ގައިޑް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެކެވެ. އަދި މިކަމުން ނަމޫނާ ލިބިގަނެ، އެތަނުގައި އުޅޭ މީހުންނަކީވެސް މުޖުތަމައަށް މުހިންމު ބައެއްކަން ގަބޫލުކުރަންޖެހެއެވެ.