މުސްލިމުން އަންނަ ދެ އީދު ކަމުގައިވާ އަލްހާ އީދާއި ފިތުރު އީދަކީ އަބަދުވެސް ވަރަށް ކުލަ ގޮތަކަށް މުސްލިމުން ފާހަގަކުރަމުން އަންނަ ދެ އީދެވެ. ދިވެހިން ކިޔާގޮތުންނަމަ ކުޑައީދާއި ބޮޑު އީދެވެ. އީދު ސަލާންކޮށް، ދޭދޭ ގުޅުންތައް ބަދަހިކޮށް، އެންމެން އެއްތާކަށް އެއްވެ މަޖާކޮށްލައި، އީދުގެ އުފަލުގައި ކުދިބޮޑު އެންމެން އަބަދުވެސް ބައިވެރިވެއެވެ. އީދަކީ މުޅި އިސްލާމީ އުންމަތަށް އަންނަ އުފާވެރި މުނާސަބަތަކަށްވާއިރު، މުޅި މުޖުތަމައުގައި ދިރިއުޅޭ ހުރިހާ އެންމެން އީދުގެ އުފަލުގައި ބައިވެރިކުރެއެވެ. އިސްލާމް ދީނުގައި އަންގަވާފައިވަނީވެސް އެގޮތަށެވެ.
އީދު ވިލޭރޭ އެކަކު އަނެކަކަށް އީދު ތަހުނިޔާ ފޮނުވައެވެ. ކުރީގައި ނަމަ ގޭގެއަށް ޒިޔާރަތްކޮށް އީދު ތަހުނިޔާ ކިޔާ ހަދައެވެ. ހަދިޔާ ދެއެވެ. ގޭގައި އުޅޭ ކުޑަކުދިން އެކި ގޮތްގޮތަށް ކާޑުތައް ހަދައިގެން އީދުގެ ތަހުނިޔާ ކިޔުމަށް އާއިލާގެ މީހުންގެ ގޭގެއާ ރަހުމަތްތެރިންގެ ގޭގެއަށް ޒިޔާރަތްކުރެއެވެ. ބަދަލުވަމުންދާ ޒަމާނާ އެއްގޮތަށް މި އާދައަށް ކޮންމެސް ވަރެއްގެ ބަދަލުތަކެއް ވަނީ އައިސްފައެވެ. ކުރީގައި އެކަކު އަނެކަކާ ދިމާވެގެން ކިޔަމުންދިޔަ އީދުގެ ތަހުނިޔާ މިހާރު ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި ސޯޝަލް މީޑިޔާ މެދުވެރިކޮށް ކިޔާ ތަހުނިޔާއަކަށް ވަނީ ބަދަލުވެފައެވެ. ފޯނުން ފޮނުވާލާ މެސެޖަކަށް ވަނީ ބަދަލުވެފައެވެ. އެހެންނަމަވެސް މިއާދަ އަދިވެސް ކުރިޔަށްދާކަން ފާހަގަކޮށްލަންޖެހެއެވެ. ފޯނުން ގުޅައިގެން ދުރުގައި ތިބޭ އާއިލާ މީހުންނާއި ރަހުމަތްތެރިންނާ ގުޅިގެން އީދުގެ ތަހުނިޔާ ކިޔުމާއެކު، އީދުގެ އުފާވެރިކަން އެކަކު އަނެކަކާ މިހާރުވެސް އަންނަނީ ހިއްސާކުރަމުންނެވެ.
ހަމަ އެފަދައިން، އީދު ހަދިޔާ ދިނުމުގައިވެސް ޒަމާނާ އެއްގޮތަށް މިވަނީ ބަދަލުތަކެއް އައިސްފައެވެ. ކުރީގައި އީދު ހަދިޔާ އެކިކަހަލަ ކަރުދާސް ބޭނުންކޮށްގެން ޕެކްކޮށްގެން އެކަކު އަނެކަކަށް ދީއުޅެއެވެ. މިހާރު ޒަމާނާ އެއްގޮތަށް އީދު ހަދިޔާ ގޮތުގައި އެކަކު އަނެކަކަށް ލާރި ޓްރާންސްފަރ ކޮށްލައެވެ. ފަސޭހައަކަށެވެ. ނަމަވެސް މިހާރުވެސް އީދު ހަދިޔާ ކުރީގައި ގޮތަށް ދޭ އުޅޭ މީހުން އުޅެއެވެ. ނަމަވެސް ދުރުގައި ތިބި އާއިލާ މީހުން ނުވަތަ ރަހުމަތްތެރިންނަށް ފަސޭހަކަމާއެކު މިހާރު ޒަމާނާ އެއްގޮތަށް އީދު ހަދިޔާ ފޮނުވާލެވެއެވެ.
މީގެއިތުރުން އީދު ނަމާދަށް ގޮސް އެކަކު އަނެކަކާ އީދު ސަލާން ކުރުމަކީ މިހާރުވެސް ކުރާކަމެކެވެ. އީދު ނަމާދަށްފަހު ގިނަ ރަށްރަށުގައި ބޮޑު ސަޔެއް ކުރިއަށްގެންދެއެވެ. އެތަނުންވެސް އެއް ބަޔަކު އަނެއްބަޔަކާ ބައްދަލުވެ އީދު ސަލާންކޮށް އީދުގެ ތަހުނިޔާ ރައްދުކުރެވެއެވެ. އީދު ސައި ބުއިމަށް ކުރިއެކޭ އެއްގޮތަށް މިހާރުވެސް އާއިލާގެ މީހުންގެ ގޭގެއާއި ރަހުމަތްތެރިންގެ ގޭގެއަށް ޒިޔާރަތްކުރެއެވެ. ދައުވަތުތައް ދީހަދައެވެ. ކުރީގައި ނަމަ ގެއަށް ގޮސްގެން ނުވަތަ މަގުމަތިން ދިމާވެގެން ދޭ ދައުވަތު މިހާރު ފޯނުގެ ޒަރީއާއިން ވަނީ ފަސޭހަކަމާއެކު ދެވޭގޮތްވެފައެވެ.
ކުރިއާ ޚިލާފަށް މިހާރު މިހުރިހާ ކަމެއްވެސް ފަސޭހަކަމާއެކު ފަހަށް ރައްކާކުރެވެއެވެ. ސޯޝަލް މީޑިޔާއަށް އެހަނދާންތައް ދޫކޮށްލެވެއެވެ. ކުރީގައި ނަމަ އެއީ ގޭގެ ބޮޑުފޮށި އަޑީގައި އޮންނަ ފޮޓޯ އަލްބަމްގައި ރައްކާކޮށްލެވޭ ފޮޓޯތަކެކެވެ. ނަމަވެސް މިހާރު ކޮންމެ އީދަކާއެކު އުފާވެރި އެތައް ހަނދާންތަކެއް ފަހަށް ރައްކާކޮށްލެވެއެވެ. ފަސޭހަކަމާއެކުއެވެ.
ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް އީދު ކުޅިވަރުތައް ހުރިހާ ރަށެއްގައިވެސް ކުރިޔަށްދެއެވެ. ސްޓޭޖް ޝޯވތައް ބޭއްވުމާއި ތަފާތު ނަންނަމުގައި ބޭތަކާއި މާލިތަކާއި ނެރެއެވެ. ކުދި ބޮޑު އެންމެން އެކަންކަމުގައި ބައިވެރިވެއެވެ. ކުރިއާ ޚިލާފަށް ޒަމާނާ އެއްގޮތަށް އިތުރުވެގެންދިޔަ ކަމަކީ ހަވާ އެރުވުމެވެ. ގިނަ ބަޔަކު އެއްތާކަށް އެއްވެ އީދުގެ އުފާފާޅުކުރަމުން މިހާރުވެސް ދެއެވެ. ދިވެހިވަންތަ އިސްމާލީވަންތަ އާދަތައް ކުރިއެކޭ އެއްގޮތަށް މިހާރުވެސް ހަމަ ކުރިޔަށްދެއެވެ. ތަފާތަކީ ޒަމާނަށް އައި ބަދަލާއެކު އެކަން ކުރާ ގޮތަށް އައިސްފައިވާ ބަދަލުތަކެވެ. ނަމަވެސް އުފަލަކީ ރީދި އާދަތައް އަދިވެސް އެގޮތުގައި ކުރިޔަށްދާކަމެވެ.