މާތްވެގެންވާ ރަމަޟާން މަހު ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ރިވެތި އާދަ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ފެނިގެންދެއެވެ. ކާބޯތަކެތި ލިބުމަށް ދަތިވެފައިވާ އެތައް ހާސް އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަރުމަވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން ހަރަކާތްތެރިވެއެވެ.
މެދު އިރުމަތީގެ ޤައުމުތަކުން މި ރަމަޟާން މަހު މި ރިވެތި އާދަ ދަނީ ފެންނަމުންނެވެ. ފަލަސްތީނުގެ ގާޒާ ސިޓީގައި ދިރިއުޅެމުން އަންނަ ރެފިއުޖީންނަށް ކާބޯތަކެތި ބެހުމުގައި އިސްކޮށް ހަރަކާތްތެރިވާ އެކަކީ އަމްޖަދު އަލް-މަޖްދަލަވިީ އެވެ.
"ގިނަ މީހުން އުޅެނީ ވަރަށް ދަތި ހާލުގައި. އެހެންވެ އަހަރެން ނިންމީ މި ކޭމްޕްތަކުގައި ތިބި މީހުންނަށް އެހީވުމަށް. ހުރިހާ އެންމެންނަށް ނުދެވިދާނެ. އެކަމަކު މަސައްކަތް މި ކުރަނީ ވީހާވެސް ގިނަ ފަޤީރުންނަށް މި ރަމަޟާން މަހު ކާން ބޭނުންވާ ތަކެތި ފޯރުކޮށްދެވޭތޯ" އޭނާ ބުންޏެވެ.
މިސްރާއި އިރާޤު ފަދަ ޤައުމުތަކުގައިވެސް ދަރުމަވެރިން ގެންދަނީ ފަޤީރުންނަށް އެހީތެރިވަމުންނެވެ. މިއީ އެޤައުމުތަކުގައިވެސް ޒަމާނުއްސުރެ މިކަން ހިނގަމުން އަންނަ އުސޫލެވެ.
މިސްރުގައި ފަޤީރުންނަށް އެހީތެރިވަމުން އަންނަ ގަމީލް ކަމެލް ބުނީ، "ކޮންމެ އާއިލާއެއްވެސް ކާނީ އެކުއެކީ ތިބެގެން. ބައެއް މީހުންނަކީ ބަލިކަމުން ތަކެތި ބަލާ ނާދެވޭ މީހުން. އެނެއް ބައި މީހުން ލަދުން ނާންނަނީ. އެކަމަކު ބަކީވާ ކާއެއްޗެހިން އެހެން ވަގުތެއްގެ ކެއުމުގައިވެސް ބޭނުން ކުރެވިދާނެ. އަހަރެމެން މި ތިބީ އާއިލާތަކުން އެދިއްޖެ ނަމަ ހިލޭ ސާބަހަށް ޑެލިވަރ ކޮށްދޭންވެސް ތައްޔާރަށް."
ލުބްނާންގެ އިޤްތިސާދަށް އައި ލޮޅުމާއެކު ގިނަ އަދަދެއްގެ މުސްލިމުންނަށް މި ރަމަޟާން މަހު ރޯދަ ވީއްލުމަށް ބޭނުންވާ ރަނގަޅު ކާނާ ހޯދުމަށް ވަނީ ނުކުޅެދިފައެވެ.
ލުބްނާންގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ އަލް-އަމާން ޖަމިއްޔާގެ މެމްބަރު ޖާމިލް ދަހާރް ބުނީ "އަހަރެމެން އަމިއްލައަށް ވައުދުވިން މިކަން ހުއްޓާނުލާ މި ރަމަޟާން މަހު ކުރަން. އަހަރެމެންނަށް އެމީހުން ދޫކޮށް ނުލެވޭނެ. އަހަރެމެން ފުރަތަމަ ފެށީ ގޭ ތެރެއިން, އަހަރެންގެ އަންހެނުންނާ ބައެއް ރަށްޓެހިންނާއެކު. މިކަމުގައި އެހީވާ އެންމެންނަށް ޝުކުރު އަދާ ކުރަން."
މިފަދަ މާތް މައްސަރެއްގައި ބޭނުން ޖެހިފައިވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް އަގުހުރި ފުރުސަތެކެވެ. ފައިސާއިން ވިޔަސް ކާބޯތަކެތިވިޔަސް ބޭނުން ޖެހިފައިވާ ބަޔަކަށް ހަދިޔާ ކުރުމަކީ މުސްލިމުންގެ ރިވެތި ސިފައެކެވެ.
އެހީ ދޭ ޖަމާއަތްތަކުންނާއި, ދަރުމަވެރިން ގެންދަނީ ކެއުމުގެ އެކި ބާވަތްތައް ތާޒާ ކަމާއެކު ފަޤީރު އާއިލާތަކަށް ފޯރުކޮށްދެމުންނެވެ. މިއީ މުޖުތަމުގެ ތެރޭގައި އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަވެގެންދާ ކަމެކެވެ.