އަލަށް ފަށަން އެގްރީމެންޓް ކޮށްފައިހުރި ހޮސްޕިޓަލުތަކުގެ މަސައްކަތް މިއަހަރުތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަސީމް މިފަދައިން ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމަށް ބޭނުންވާ 96 އެމްބިއުލާންސް ސަޕްލައިކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން އެސްޓީއޯއާ ހަވާލުކުރި ޕްރޮޖެކްޓް ނިންމައި، 96 ރަށުގެ އެމްބިއުލާންސް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށް އަންގާރަ ދުވަހު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދެއްވާފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓަރޝަރީ ހޮސްޕިޓަލުތައް ތަރައްގީކުރުމަށް ފަށާފައިވާ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އެމްބިއުލާންސްގެ ޚިދުމަތް ނެތް ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެ ގެނެވިފައިވާއިރު މި އެމްބިއުލާންސްތައް ވަރަށް އަވަހަށް އެ ރަށްރަށަށް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި މި އަހަރަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އާދަޔާ ޚިލާފު ކުރިއެރުންތަކެއް އަންނާނެ އަހަރެއް ކަމުުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިގޮތުން މިއަހަރު ނިމެންވާއިރަށް ސިއްހީ ދާއިރާގެ ސްޓްރެޓެޖީތައް ރާވައިނިމި، އެއާ އެއްގޮތަށް މަސައްކަތްތައް ފެށިގެންދާނެ ކަމަށާއި، އަލަށް ފަށަން އެގްރިމެންޓް ކުރެވިފައި ހުރި ހުރިހާ ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
13 ވަރަކަށް ހޮސްޕިޓަލެއް އެގްރިމެންޓް ކުރެވި މިމަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހި މަސައްކަތް ފެށޭގޮތަށް މިހާރު ހަމަޖެހިފައި އޮތީ. މީހާވެސް ގިނަ ހޮސްޕިޓަލުތަކެއްގެ މަސައްކަތް މިއަހަރު ތެރޭގައި ފައްޓައި މަސައްކަތް ކުރިއަށްދާނެމިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް
މީގެ އިތުރުންވެސް ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތްތައް ކޮންޓްރެކްޓު ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން 17 ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ކޮންޓްރެކްޓު ކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މޮބައިލް ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. މިއަހަރު ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.