އިންސާނީ ކޮންމެ މުޖުތަމަޢު އަކީވެސް އެ މުޖުތަމަޢުގެ ހުރިހާ އަފްރާދުންގެ މެދުގައި އެއްބާރުލުމެއް އޮންނަންވާނެ މުޖުތަމަޢު އެކެވެ. ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި އެއްބައެއްގެ ވާގިވެރިކަން އަނެއްބަޔަކަށް ލިބިގެން މެނުވީ މުޖުތަމަޢު އެއް ނޯންނާނެއެވެ. އަދި މުޖުތަމަޢުގެ ކޮންމެ ފަރުދަކީ ޖިސްމާނީ ގޮތުންނާއި މައުނަވީ ގޮތުން ބަލިކަށި ކަމެއް ނެތް ފުރިހަމަ ސިއްޚަތެއް ލިބިގެންވާ ފަރުދަކަށް ވެގެން މެނުވީ މުޖުތަމަޢު ގަދަފަދަ އެއް ނުވާނެއެވެ. އަފްރާދުން ބާއްޖަވެރިވެގެން މެނުވީ މުޖުތަމަޢު ބާއްޖަވެރިއެއް ނުވާނެވެ.
މި ހަޤީގަތުގެ މައްޗަށް ބިނާކޮށް މިޒަމާނުގެ ބައެއް މީހުން ގޮވާލާފައިވަނީ ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ހާޖަތުތައް ފުއްދައިދިނުމަށް މުޖުތަމައުގެ އަފްރާދުންގެ މެދުގައި އެއްބާރުލުން އޮންނަންވާނެ ކަމަށެވެ. އެމީހުން ބާރު އަޅާފައިވަނީ ކެއުމާއި ބުއިމާއި، އަންނައުނާއި، ހިޔާ ވަހިކަން ހޯދައިދިނުމުގައި އެއްބާރުލުމަށެވެ. ނަމަވެސް މީގެ 14 ގަރުނު ކުރިން އިސްލާމްދީން ވަނީ އިންސާނީ ޖަމާއަތްތަކުގައި ހެޔޮކަމުގެ ހުރިހާ ރޮނގެއްގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް ގޮވާލާފައެވެ.
މާތްﷲ ވަހީކުރައްވާފައިވަނީ "وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ"
މާނައީ: އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! (އަލް މާޢިދާ 2)
އަޚުންތަކެއްކަމުގައި މި އިއުލާން މިގޮތަށް ކުރެއްވުމުން އޭގެ އެއް ބަޔަކު އަނެއްބަޔަކަށް އެހީވެ، ހެޔޮކަންތަކުގެ މައްޗަށް އެއްބާރުލުން ވާޖިބު ކުރެއެވެ. ހެޔޮކަމަކީ ކޮބައިތޯއެވެ؟
ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތަށް ވިސްނާ ބައްލަވާށެވެ. މާތްﷲ ވަޙީކުރެއްވިއެވެ.
"لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ"
މާނައީ: "ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި آخرة ދުވަހަށާއި ملائكة ންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمان ވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި مسكين ންނަށާއި (حال ގައި ޖެހިިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށްއެދި سؤال ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު قائم ކޮށް، زكاة ދީއުޅޭ މީހާއެވެ. އަދި عهد އެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوى ވެރިންނަކީވެސް ހަމަ އެއުރެންނެވެ."
ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.