ކ. މާލެ
|
18 އޭޕްރިލް 2022 | ހޯމަ 19:04
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ހދ. އިސް މެޖިސްޓްރޭޓް ސަސްޕެންޑްކުރުން
އަމިއްލަ ޖަމިއްޔާއެއް އުފައްދައިގެން ހިންގާފައިވާތީ ހދ. އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
ތަފްރީޤް ކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވޭ
އިސްމެޖިސްޓްރޭޓް ޢަލީ އާދަމް އުފެއްދި ޖަމްޢިއްޔާއިން އިސްނަގައިގެން ހދ.ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޢަމަލީ ގޮތުން ބައިވެރިވެފައިވޭ
ޢަލީ އާދަމްގެ ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުޢޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ އިޢުތިރާފުވެފައިވޭ

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ހދ އިސްމެޖިސްޓްރޭޓް އަލީ އާދަމް ޖަމިއްޔާއެއް އުފައްދައިގެން ހަރަކާތްތެރިވެފައިވާތީ މުސާރަ އާއި އިނާޔާތް ނުލިބޭގޮތަށް ދެ ހަފްތާގެ މުއްދަތަށް އޭނާ ސަސްޕެންޑްކޮށްފިއެވެ.

އެކަމާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.5.4 ވަނަ ނަންބަރާ ޚިލާފަށް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޖަމްޢިއްޔާއެއް އުފައްދައި އެ ޖަމްޢިއްޔާގައި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ހަރަކާތްތެރިވެފައިވާކަން ސާބިތުވާ ކަމަށެވެ. އަދި، ތަފްރީޤް ކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ސާބިތުވާ ކަމަށެވެ. މީގެ އިތުރުން އިސްމެޖިސްޓްރޭޓް ޢަލީ އާދަމް އުފެއްދި ޖަމްޢިއްޔާއިން އިސްނަގައިގެން ހދ.ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޢަމަލީ ގޮތުން ބައިވެރިވެފައިވާކަމަށެވެ.

އަދި އެ ހަރަކާތަކީ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި އާންމުން ގަބޫލުކުރުމުގެ ފުރުސަތު އޮތް ޙަރަކާތަކަށްވާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތްކޮށްފައިވާކަމާއި، އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުޢޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ އިޢުތިރާފުވެފައިވާތީއާއި، އެއީ ސިޔާސީގޮތުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ޝުޢޫރުތަކެއްކަމަށް އާންމުން ގަބޫލުކުރުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި އޮތް ކަމަކަށްވީއިރު، ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހަކު ކޮށްގެންނުވާނެފަދަ ޢަމަލެއް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކުރިކަން ސާބިތުވާހިނދު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ (5) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 ވަނަ ނަންބަރާއި، 1.8 ވަނަ ނަންބަރާއި، 3.2 ވަނަ ނަންބަރާއި، 4.9 ވަނަ ނަންބަރާއި، 6.3 ވަނަ ނަންބަރާއި، 6.5 ވަނަ ނަންބަރާއި، އަދި 7.2 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ ޢަމުލުތަކަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރުގެ ދަށުން، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް 02 (ދޭއް) ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް، އޭޕްރީލް 17 ވަނަ ދުވަހު ބޭއްވުނު، 27 ވަނަ ބައްދަލުވުމުގައިވަނީ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިމުއްދަތުގައި ހދ.ޖުޑީޝާލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިސްމާޢީލްއާ ޙަވާލުކުރުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

- ކޮމެންޓް