ކ. މާލެ
|
18 އޭޕްރިލް 2022 | ހޯމަ 13:20
އައްމަޓީ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން
އައްމަޓީ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން
ރާއްޖެއެމްވީ
އައްމަޓީ މައްސަލައިގެ އިސްތިއުނާފު
އައްމަޓީ މައްސަލަ: ޕީޖީ ޝަމީމްއާއި ގުޅޭގޮތުން އައްމަޓީގެ ވަކީލުންގެ ގިނަ ޝަކުވާތަކެއް
ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު
ދައުލަތުން ހުށައެޅި އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލީ 6 އޭޕްރީލްގައި
ނިހާޔަތު ވަނީ ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވާ އިބާރަތްތައް ޝަރީއަތުގައި ވިދާޅުވެފައި

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެމައްސަލަ ބޭރުކޮށްލާފައިވަނީ ރަނގަޅަށް ނޫންކަމަށް ބަޔާންކޮށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފިއެވެ.

ދައުލަތުން އިސްތިއުނާފު ހުށައެޅުން:

ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ މި އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލަ އިސްތިއުނާފު ކުރައްވާ ސަބަބުތައް ބަޔާން ކުރައްވާފައެވެ. އެގޮތުން  ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ (މުއްދަތު ގުނާނެ ގޮތާއި ގުޅޭ މާއްދާ) ގެ (ހ) ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި، އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައްނުހިމަނައިކަމަށް ދައުލަތުން ބުނެއެވެ.

ވީއިރު، މިމައްސަލައިގައި 20 މާރިޗު 2022 އަކީ ފުރަތަމަ މަރްޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަސްކަމަށް ވުމުން، އެއީ ނުގުނާނެ ދުވަހެއްކަމަށް ދައުލަތުން ދެކެއެވެ. މުއްދަތު ގުނާނެ ގޮތް ޤާނޫނުގައި ނެތްކަމަށް ހައިކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫން ކަމަށާއި، އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބައޮތްކަމަށްވެސް ދައުލަތުން ބުނެއެވެ.

އައްމަޓީގެ މައްސަލައަށް ބަލާއިރު، ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރުކަން ބަޔާންކޮށް، ދައުލަތުން ހުށައެޅި އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލީ 6 އޭޕްރީލްގައެވެ. ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވި ގޮތުގައި އިސްތިއުނާފު ގަޑި ގުނާނީ ދަށު ކޯޓުގެ އަމުރު ނެރޭތާ ހުއްޓުމެއް ނެތި 48 ގަޑިއިރު ހަމަވާ ވަގުތަށެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހައިކޯޓުން މިމައްސަލަ ބެލުމަށް އެންގެވުމަށް އެދިފައެވެ.

ޕީޖީގެ ފަރާތުން ޝަރީއަތުން ބޭރުގައި ވާހަކަ ދައްކާކަމަށް ބުނެ، އައްމަޓީގެ ވަކީލުންގެ ކަންބޮޑުވުމެއް:

ދައުލަތުގެ އިސްތިއުނާފީ ނުކުތާތަކަށް އައްމަޓީގެ ވަކީލުން ރައްދު ދެއްވުމަށް ފަނޑިޔާރުން ފުރުސަތު ދެއްވިއެވެ. އޭނާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ މަރިޔަމް ނިޔާހަތުއާއި، އައިޝަތު ފަޒްނާ އަހުމަދެވެ.

މި އަޑުއެހުމުގައި އައްމަޓީގެ ވަކީލު މަރިޔަމް ނިހާޔަތު ވަނީ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދެއްވުމުގެ ކުރިން އެފަރާތުން ހުށައަޅާފައިވާ ހުށައެޅުމަކާއި ގުޅޭގޮތުން ވާހަކަދައްކަވަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފަނޑިޔާރެއްގެ ކުރިފުޅުމައްޗަށް ހުށައެޅިފައިވާ ކަމަކާމެދު ބޭރުގައި ވާހަކަދެއްކުމާއި، ނުފޫޒެއް ފޯރުވިދާނެ ގޮތަކަށް އަމަލުކުރުން ފަދަ ކަންކަމަކީ ޝަރުއީ ނިޒާމުގެ މުޤައްދަސްކަން ގެއްލޭ ކަންކަންކަމަށް ނިހާޔަތު ވިދާޅުވިއެވެ.

އިންސާފުން ޝަރީއަތް ކުރެވުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާޔަތު ވަނީ ރަސްމީ ޙައިސިއްޔަތުން ބޭރުން މި މައްސަލައާއި ގުޅިގެން ބޮލޮގް ލިޔުއްވާކަމާއި، މި މައްސަލައަށް ނުފޫޒު ފޯރުވޭފަދަ މޭރުމަކުން އަމަލުތަކެއް ހިނގާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޯޓުން ނިންމާ ނިންމުންތަކާއި ގުޅިގެން ފަނޑިޔާރުންގެ ޒާތާށް ނިސްބަތްކޮށް ވާހަކަދެއްކުމާއި، ޕީޖީ ބޭނުންފުޅުވާ ގޮތަކަށް ނޫން ގޮތަކަށް އަމުރެއް ނުނެރެވޭނެ ފަދަ މޭރުމަކުން އަމަލުތައް ބަހައްޓަވާފައިވާކަމަށް ނިހާޔަތު ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ނިހާޔަތު އެ ވިދާޅުވަނީ ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާ ވާހަކަތަކުގެ ވާހަކައެވެ.

މީގެއިތުރުން، ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީއަށް ތުހުމަތުތަކެއް ކުރެވޭ ބީދައިން ދައުލަތުގެ ވަކީލު ހައިކޯޓުގައި ވާހަކަ ދައްކަވާފައިވާކަމަށްވެސް ނިހާޔަތު ވިދާޅުވިއެވެ. އަދި އެގާޒީ އާއި ގުޅޭގޮތުން ޕީޖީ ކުރައްވާފައިވާ ޓްވީޓެއްވެސް ނިހާޔަތު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަމާލުކަމަށް ގެންނަވާފައެވެ.

ޕީޖީގެ ޓްވީޓުގެ ސަބަބުން ނޫސްތަކުން އެ ޚަބަރު ގެންނަން ޖެހުނުކަމަށްވެސް ނިހާޔާތު ވިދާޅުވިއެވެ. އެކަންކަމުގެ ސަބަބުން އަދުލުވެރި ޝަރީއަތެއް ކުރިއަށް ގެންދިޔުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހައިކޯޓުގެ މަރުޙަލާގައިވެސް ޕްރޮސެކިއުޝަންގެ ފަރާތުން ފެނިފައިވަނީ ހަމަ އެފަދަ އަމަލުތަކެއްކަން ނިހާޔަތު ފާހަގަކުރެއްވިއެވެ. ހައިކޯޓުގެ ނިންމުމާއި ގުޅިގެންވެސް ޕީޖީ ޓްވީޓެއް ކުރެއްވިކަމަށް ނިހާޔަތު ވިދާޅުވިއެވެ.

ނިހާޔަތު އެ ވިދާޅުވާ ޓްވީޓަކީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބަޔާން ކުރައްވައި، އެ ނިންމުން އިސްތިއުނާފު ކުރައްވާނެކަމަށް ވިދާޅުވެ ޝަމީމް ކުރެއްވި ޓްވީޓެކެވެ. ނިހާޔަތު ވަނީ އެ ޓްވީޓަށްފަހު ޝަމީމްގެ ބްލޮގްގައި އަނެއްކާވެސް މި މައްސަލައާއި ގުޅޭގޮތުން ލިޔުއްވާފައިވާކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުން ޚަބަރުފަތުރާ ވަސީލަތްތަކުން އަނެއްކާވެސް އެ ވާހަކަތައް ދެއްކުމަށް މަގުފަހިވެގެން ދިޔަ ކަމަށް ވިދާޅުވެފައެވެ.

ނިހާޔަތު ވަނީ ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވާ އިބާރަތްތައް ޝަރީއަތުގައި ވިދާޅުވެފައެވެ.

މައިގަނޑު ގޮތެއްގައި އައްމަޓީގެ ވަކީލުންގެ ފަރާތުން ވަނީ އެކަންކަން ހުއްޓުވައިދިނުމަށް އެދި ޕްރޮސެކިއުޝަންގެ މައްޗަށް އަމުރެއް ނެރެދެއްވުމަށް އެދިލައްވާފައެވެ.

އެކަންކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައަށް ނުފޫޒެއް ފޯރުވުމަށް ޕްރޮސެކިއުޝަނުން މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ. ވަކި މީހަކާއި ގުޅޭގޮތުން މައްސަލައެއް އޮތްނަމަ، އެއީ އެ މައްސަލައެއް ހުށައެޅި ވާހަކަ ދެކެވިގެން ގޮތެއް ނިންމެންޖެހޭ ކަމެއްކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، ދައުލަތުން ރަސްމީ ޙައިސިއްޔަތުން އެފަދަ އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމަށެވެ.

އިސްތިއުނާފަށް އައްމަޓީގެ ފަރާތުން ޖަވާބުދިނުން:

ދެން ކުރިއަށްދިޔައީ ދައުލަތުން ހުށައަޅާފައިވާ އިސްތިއުނާފަށް އައްމަޓީގެ ފަރާތުން ޖަވާބު ދިނުމެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ 2022 މާރޗު 20 ވަނަ ދުވަހުގެ 16:00 ގައި ކަމަށްވާއިރު، 48 ގަޑިއިރު ހަމަވާނީ މާރޗު 22 ވީ އަންގާރަ ދުވަހުގެ 15:59 އާއި ހަމައަށްކަމަށް އޭނާގެ ވަކީލުން ދެކިލައްވައެވެ.

ދައުލަތުން އެ އަމުރު އިސްތިއުނާފު ކޮށްފައިވަނީ މާރޗު 23 ވަނަ ދުވަހުގެ 12:12 ގައެވެ. ދައުލަތުން ބުނާ ގޮތުގައި، ފުރަތަމަ މަރުޙަލާއިން ކޯޓުން ނިންމާ ދުވަހާއި އިސްތިއުނާފު މުއްދަތު ހަމަވާ ދުވަސް ނުހިމަނައި މުއްދަތު ގުނާއިރު، 48 ގަޑިއިރު ހަމަވާނީ 23 މާރޗަށް ނަމަވެސް، އެއީ ގުނާނެ ދުވަހެއް ނޫނެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުޙައްމަދު އިބްރާހިމާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

- ކޮމެންޓް