ލޮނު ޒިޔާރަތްކޮޅުގައި ޕާކެއް ހެދުމުގެ މަސައްކަތް ފެށީ، މާލެ-ހުޅުމާލެ ބްރިޖްގެ މަސައްކަތް ނިމި، ހުޅުވި ފަހުންނެވެ. ބްރިޖްގެ މަސައްކަތް ކުރިއަށްދިއައިރު އެތަނަކީ ކޮންޓްސްޓްރަކްޝަން ސައިޓެކެވެ. އެތަން ޕާކެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރުން ފެށިގެންނެވެ.
މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ހަދާފައިވާ ''ލޮނުޒިޔާރަތް ޕާކް'' ރަސްމީކޮށް ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30ގައެވެ. މި ޕާކަކީ ގިނަ އަދަދެއްގެ ގަސްތައް އިންދައިގެން ތަރައްގީކޮށްފައިވާ, ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ބަގީޗާއެވެ.
މި ޕާކު ތަރައްގީކުރިއިރު އެންމެ ބޮޑަށް ދެކެވެމުން ދިޔަ ވާހަކައަކީ, މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދީ، މާލޭގެ ހަލަބޮލި އަދި ކާރުބާރޫބޮޑު މަގުތަކާ ދުރަށް ޖެހިލައި، ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމަށް ތަރައްގީކުރި ތަނެއް ކަމަށެވެ.
ތެދެކެވެ. ބަގީޗާ ގަސްތަކުން ލިބޭ ހިތްހަމަ ޖެހުމުގެ އިތުރުން، ސާފު ވަޔާއި ރާޅުގެ އަޑާއި އަދި އެސަރަހައްދުގެ މަންޒަރުތަކުން ލިބޭ ހިތްހަމަ ޖެހުމާއެކު, އެ ޕާކު ވެގެންގޮސްފައިވަނީ, އާންމުން (ވަކިން ޚާއްސަކޮށް ކުޑަކުދިންވެސް) ގޮސްލާއުޅޭހިތްވާ ތަނަކަށެވެ. ހިޔާ ލިބިދޭ ބޮޑެތި ގަހާއި، ރުކާއި، މާމެލާމެލި ހައްދައި، މަސްފެންގަނޑެއް ވެސް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ޕާކާއެކު ބްރިޖު ސަރަހައްދަށްވެސް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.
ލޮނުޒިޔާރަތް ޕާކު ހުޅުވިއިރުވެސް، ހަފްލާތަކާއި އެކިއެކި ބޭނުންތަކަށް އެތަން ދޫކުރާނެކަމަށް އޮތީ ބުނެފައެވެ. އެގޮތުގެ މަތިން، ކައިވެނި ހަފްލާތަކާއި، އުފަންދުވަހުގެ ހަފްލާތަކުގެ އިތުރުންވެސް އެކި ބޭނުންތަކަށް އެތަން ދޫކުރެއެވެ.
އެހެންނަމަވެސް، މިހާރު މި ޕާކުގެ ބޭނުން އާންމުންނަށް އެންމެ ރަނގަޅަށް ނުހިފޭކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. ވަކިން ޚާއްސަކޮށް، އެކި ހަފްލާތަކަށް ޕާކު ބޭނުން ކުރަމުންދާއިރު، ޕާކުގެ ވިނަގަނޑާއި، އެކި ސަރަހައްދުތަކަށް ބައެއް ކަހަލަ ގެއްލުންތައްވެސް ލިބެމުންދާކަމަށް ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ބުނެއެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، އާންމު ރައްޔިތުންގެ އެފަދަ ކަންބޮޑުވުންތަކެއް ހުރިނަމަ، ކައުންސިލުން އެކަން އިތުރަށް ބަލާނެ ކަމަށެވެ. މުއިއްޒު ވިދާޅުވާ ގޮތުގައި މި ދުވަސްވަރަކީ ރޯދަމަހަށްވުމާއެކު، އާންމުކޮށް ވަންނަ މީހުންގެ އަދަދު ނިސްބަތުން އެހެން މަސްތަކާ އަޅާބަލާއިރު ދަށްކަމަށެވެ.
މިސާލެއްގެ ގޮތުން، ދުވަންދާ މީހުންނާއި ކުޑަކުދިންނާއި ތަރާވީސް ނަމާދު ނިންމާފައި ވަންނަ މީހުން ނިސްބަތުން މަދުކަން ޑރ މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މުއިއްޒު ވިދާޅުވާ ގޮތުގައި, މީހުން މަދުވުމުގެ ސަބަބަކީ ޕާކުގައި އިވެންޓުތައް ބޭއްވުންކަމަކަށް ނުބެލެވެއެވެ. އެގޮތުން އިވެންޓުތަކަށް ދޫކުރަނީވެސް ވަކި ސަރަހައްދުތަކެއްގައިކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އައުޓްޑޯރ އިވެންޓުތައް ބޭއްވުމަކީ މިހާރުގެ ޓްރެންޑެއް ކަމަށެވެ. ވުމާއެކު، އިވެންޓުތަކަށް ދޫކުރަނީވެސް އާންމުންގެ ހިތްހަމަޖެހުމާއި، އާންމުންގެ ބޭނުންތަކާ ގުޅިފައިވާ ކަންކަމަށްކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
މިހާރުގެ ޓްރެންޑެއް ދެއްތޯ އައުޓްޑޯރ، ގްރީން އޭރިއާތަކުގައި އިވެންޓުތައް ބޭއްވުން.މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު
ލޮނުޒިޔާރަތް ޕާކަކީ އިވެންޓުތަކަށް ޚާއްސަ ތަނެއްގެ ގޮތުގައި ބޭއްވުމަކީ ކައުންސިލުގެވެސް ވިސްނުމެއް ނޫންކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް އެ ޕާކުގެ ބޭނުން ކުރަމުންދާނީ އާންމު ރައްޔިތުން ހިތްފަސޭހަކޮށްލުމަށް ގޮސް އުޅޭ ތަނެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަށްޓަކައި ކައުންސިލުގެ ބައެއް ވިސްނުންތައްވެސް އެބަހުއްޓެވެ. އެގޮތުން ލޮނުޒިޔާރަތް ޕާކުގެ ބޭނުން މިހާރަށްވުރެ ބޮޑަށް ހިފުމަށް އާންމުންނަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެތަނަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ޚާއްސަކޮށް، ކުޅެއުޅެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކައުންސިލުން މިހާރު ދަނީ ވިސްނަމުންނެވެ.
އެ ޕާކަކީ ވިޔަފާރީގެ ބޭނުންތަކަށްވުރެ އާންމުންގެ ހިތްހަމަޖެހުމަށްޓަކައި އޮންނަންޖެހޭ ތަނެއްކަމަށް ކައުންސިލުންވެސް ދެކެއެވެ.