ރައީސް މުއިއްޒަކީ މިރާއްޖޭގެ ތާރީހުގައިވެސް އެންމެ ދުރާލާ ރާވައިގެން ވެރިކަމަށް އަރާވަޑައިގެން ހުންނެވި ރައީސް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ސަބަބުތައް ކިތަންމެހާވެސް ގިނައެވެ. ސިޔާސީ ގޮތުން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލު ކުރުމަށް ރައީސް މުއިއްޒު ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެކަން ތާރީހު ހެކިދެއެވެ. އަދާލަތު ޕާޓީ އަދި ސިޔާމުގެ އެމްޑީއޭގެ ތެރެއިން ސިޔާސީ ފުރުސަތުތައް ހޯއްދަވައި ޕީޕީއެމް އަށް ބަދަލުވެ މަގާމު ދަމަހައްޓަވާ ރާއްޖޭގެ ވެރިކަމަށް އަންނަން މިހާރުގެ ރައީސް މުއިއްޒު ކޮށްޓެވި މަގު ސާފުކޮށް ފެންނަން އެބައޮތެވެ.
ޕީޕީއެމްގައި ހުންނަަވައިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ކެމްޕެއިން ކުރެއްވި ކެމްޕޭނަކީ ރާއްޖޭގެ ރައީސް ކަމުގެ މަގާމަަށް އައުމަށް ޑރ. މުއިއްޒު ފާޅުގައި އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. މޭޔަރުކަމާ ހަވާލުވުމަށްފަހު އެމަނިފާނު ދިޔައީ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެކި ގޮތް ގޮތުން ރިޔާސީ އިންތިހާބަށް ފައިސާ އެއްކުރައްވަމުންނެވެ. އަނެއްކޮޅުން ޕާޓީ ތެރޭގައި ރައީސް ޔާމިނުގެ އޮފު ކަނޑުވާލާ، ރިޔާސީ ޓިކެޓް ހީލަތްތެރި ގޮތެއްްގައި ހޯއްދެވުމުގެ މަސައްކަތްވެސް ހަމަ އެހާ ބާރު ސްޕީޑުގައި ރައީސް މުއިއްޒު ދިޔައީ ކުރައްވަމުންނެވެ.
ދިވެހި ރައްޔިތުންނަށާއި ހުދު ތިމާ މިހާ ނިސްބަތްވާ ޕާޓީއަށްވެސް އެތައް އޮޅުވާލުމެއް އޮޅުވާލުމަށް ފަހު 2023 ވަނަ އަހަރު ޑރ. މުއިއްޒު ރާއްޖޭގެ ރާއީސް ކަމާ ހަވާލުވިއެވެ. ރައީސް މުއިއްޒުގެ ހީލަތްތެރި ރޭވުމުގެ ދަށުން ކުރީގެ ރައީސް ޔާމިން ސިޔާސީ ގޮތަކުން އެކަހެރިކޮށް، ޕީޕީއެމް އުވާލާ، ރޯމާދުވާލު ޑީއެންއާރުން ވައްކަން ކޮށްގެން ޕީއެންސީ އަކީ އެންމެ ގިނަ ފާއިސާ ދައުލަތުން ހަރަދުކުރާ ޕާޓީކަމަަށް ހެއްދެވިއެވެ.
ކޮންމެއަކަސް ރައީސް މުއިއްޒު ވަނީ މަޖިލިސް މެމްބަރުންވެސް އެމަނިކުފާނު ބޭނުންނުވާ ގޮތަކަށް ނޭވާއެއްވެސް ނުލެވޭހާ ވަރަށް ހިފަހައްޓާފައެވެ. އަދި މަޖިލީހުގެ ސުޕަރމެޖޯރިޓީއާ އެކު ރައްޔިތުންނަށް ގޮންޖަހާ ބޭނުންހާ ކަމެއް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާތާ މިހާރު ދެ އަހަރު ވާން ކައިރި ވަނީއެވެ. ފުރިހަމަ އާާރާބާރުގައި ވެރިކަން ކުރަމުން ގެންދަވަނީ ގައުމެއް ރައްޔިތަކަށް ލިބޭނެ ގެއްލުމަކަށް ފާރުވާލެއް ނެތިއެވެ.
ޑިމޮކްރަސީ އާ ބީރައްޓެހި، ހުދުމުހުތާރު ވެރިކަމަކާ ރައްޓެހި ގާނުނުތައް ހަދާ ރައްޔިތުންގެ މަށްޗަށް އަނިޔާވެރިކަން އިސްކުރަމުންދަނީ ބޮޑާކަމާ ކިބުރުވެރި ކަމާއެކުއެވެ. ރައީސް މުއިއްޒުގެ ވެރިމަަށް މިވީހާ ދުވަހަކަު އެއްވެސް ކަހަލަ ޖެހިލުމެއްނެތި އެދަނީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށްޓަކާ ވިރާސީ ރަސްކަމަކަށް މަގު ކޮށްޓަވަމުންނެވެ. ހަމަލާ އަކަށްފަހު ހަމަލާއެއް ދެމުން ރާއްޖޭގެ ދުސްތޫރީ ނިޒާމު މިހާރު އޮތީ އަމިއްލައަށް ނޭވާއެއްވެސް ނުލެވޭހާ ނިކަމެތި ހާލެއްގައެވެ.
ނަމަވެސް އާރާއި ބާރާއި ނުފޫޒުގެ ޣާފިލުކަމުގެ ތެރެއިން ރައީސް މުއިއްޒަށް ހޭލެވެން ފެށިއިރު، އެއްކަލަ ނިކަމެތި ރައްޔިތުން ތިބީ ރައީސް މުއިއްޒު ޖަހާހާ ބެރަކަށް ނަށަން ނޫންކަން ރައީސް މުއިއްޒަށް އެނގުންވާން ފަށައިފިއެވެ. އަދި އަމަނިކުފާނުގެ ވަށައިގެންވާ ސިޔާސީ ފަރާތްތަކުން ދައްކަވަމުން ގެންދިޔައީ އަވާމެންދުރެއްކަން ރައީސް މުއިއްޒަށް އެނގުންވިއިރު ރައްޔިތުން ތިބީ ރައީސް މުއިއްޒު ނޫން ވެރިޔެއް ހޯދުމަށް ކެތްމަދުވެފައެވެ.
ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން މާލޭގައި ބާއްވާ ބޮޑު އެއްވުމަށް ރައްޔިތުންގެ ފަރާތުން ލިބޭ ތަރުހީބާ ގުޅިގެން ރައީސް މުއިއްޒު ކުއްލިއަަކަށް ވިލާތަކުގައި އެޅި ގަނޑުވަރުން ނިކުންނަށް މަޖުބޫރުވިއެވެ. ހޭލެވުނު އިރު ކަމަކުދާކަށްނެތެވެ. އިދިކޮޅު ފަރާތްތަކުން މިއޮތީ ފުލުފުލުން ގޯލު ޖަހާ ރައީސް މުއިއްޒު ޑިފެންސަށް ކުޅެން މަޖުބޫރު ކުރުވާފައެވެ.
ވާނުވާ އޮޑިޓް ތަކާ، ވަކި ފަރާތެއް ބޭނުންވާ ގޮތަށް ނެރޭ ހުކުމްތަކާ ދޮގުގެ ބޮޑެތި ގަނޑުވަރުތަކުން ރައީސް މުއިއްޒު މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ހަމަ ހަގީގަތުގައިވެސް ޑިފެންސަށް ވެއްޓިފައެވެ. އެމްޑީޕީގެ ބޮޑުއެއްވުމަށް އާއްމު ރައްޔިތުންގެ ތަރުހީބު އޮތްވަރު ފެނި، އެ އެއްވުމަށް މީހުން ދިޔަ ނުދިނުމަށް ސަރުކާރުންދަނީ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނެވެ. ނަމަވެސް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން އިސްލާހަށް ލޯބިކުރާ އެތައް ސަތޭކަ ރައްޔިތުން ވަނީ އެއްވުމުގައި ބައިވެރިވުމަށްޓަކައި މާލެ އައިސްފައެވެ. ފެންނަމުންދާ މަންޒަރަކީ ބޮޑުއެއްވުމުގެ ކުރިންވެސް ރައީސް މުއިއްޒުގެ ޑިފެންސް ފޫއަޅުވާލާ އިދިކޮޅު ފަރާތްތަކުން ގޯލުޖަހާ މަންޒަރެވެެ.