ކ. މާލެ
|
15 އޭޕްރިލް 2022 | ހުކުރު 12:16
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓްރީ
ސްމޯލް ސްޓޭޓްސް ފޯރަމް
މާލީ އެހީ ހޯދަން ދަތި ގައުމުތަކަށް އެކަން ފަސޭހަކޮށްދެއްވާ: އަމީރު
ކޮވިޑް-19އާއެކު ސިއްހީ ދާއިރާއަށް އިންވެސްޓްމެންޓުތައް ގެންނަންޖެހޭ
ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގެ އިގްތިސާދީ ދުވެލި އިތުރަށް ހަލުވި ކުރުވަން

މާލީ އެހީތެރިކަން ހޯދުމަށް ދަތި ގައުމުތަކަށް އެކަން ފަސޭހަކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގަންނަވައިފިއެވެ.

ފިނޭންސް މިނިސްޓަރު މިފަދައިން އެދިވަޑައިގެންފައިވަނީ ކުދި ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ބައިވެރިވާ ސްމޯލް ސްޓޭޓްސް ފޯރަމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. މި ފޯރަމްއަކީ މިމަހުގެ 18 އިން 24 އަށް އޮންނަ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކް ގްރޫޕް (ޑަބްލިއުބީޖީ)ގެ ސްޕްރިންގ މީޓިންއަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ފޯރަމެކެވެ.

މި ފޯރަމްގައި ބުރާސްފަތި ދުވަހު ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް-19 އާއެކު ރާއްޖޭގެ ސިއްހީ ނިޒާމަށް އިންވެސްޓްމެންޓުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ. މިއީ ލަސްނުކޮށް ސިއްހީ ފަރުވާ ދިނުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް، އިގްތިސާދީ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެ މި އަމާޒު ހާސިލްކުރުމަށް މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މާލީ އެހީތެރިކަން ހޯދުމަށް ދަތި ގައުމުތަކަށް އެކަންކަން ފަސޭހަކޮށްދެއްވުމަށް މިނިސްޓަރު އަމީރު ވަނީ މި ބައްދަލުވުމުގައި ގޮވާލައްވާފައެވެ. އެ ގައުމެއްގެ ޚާއްސަ ކަންކަމަށް ބަލައި، ފަންޑު ކުރެވޭނެ އިތުރު ގޮތްތައް ހޯދައިދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގަންނަވާފައެވެ.

ސަރުކާރުން މަސައްކަތްކުރަމުންދަނީ އިތުރު އިންވެސްޓްމެންޓުތައް ގެނެސް ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއެރުވުމަށެވެ. ކޮވިޑް-19ގެ ހާލަތަށްފަހު މިކަން ރަނގަޅުކުރުމަށް މިހާތަނަށް ކުރި މަސައްކަތުގައި މިއަހަރުވެސް ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގްތިސާދީ އަޕްޑޭޓުގައި ބުނެފައިވެއެވެ.

މި އަޕްޑޭޓުގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހަލުވި މިނެއްގައި އިއާދަވަމުން އައުމުގެ ސަބަބުން 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 7.6 އިންސައްތައިގައި ކުރިއަރައި އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2023 ވަނަ އަހަރު އިއާދަވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

އެންމެ ފަހުގެ 'ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް ރީޝޭޕިން ނޯމްސް: އަ ނިއު ވޭ ފޯވާޑް' ގައި އަންދާޒާކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގެ އިގްތިސާދު 2022 ވަނަ އަހަރު 6.6 ޕަސެންޓް އަދި 2023 ވަނަ އަހަރު 6.3 ޕަސެންޓް ކުރިއަރާނެ އެވެ. 

- ކޮމެންޓް