ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 17:41
ފެނަކައިން ކުޑަހުވަދޫގައި ސްމާޓް މީޓަރިން ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -29 އޮގަސްޓް 2024
ފެނަކައިން ކުޑަހުވަދޫގައި ސްމާޓް މީޓަރިން ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -29 އޮގަސްޓް 2024
ވޯލްޑް ބޭންކް ރިޕޯޓް
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގައި ހަރުދަނާ ކަމެއް ނެތް، ދެފުށް ނުފެނޭ: ވޯލްޑް ބޭންކް
ފައިސާ މެނޭޖު ކުރުން ފީކަޅާ ވުމާއި، އެތަންތަން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ހިންގުމުގެ އެފިޝަންސީ ދަށްވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނޭ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީތައް) ދެފުށް ނުފެންނަ ކަމަށާއި، އެތަންތަން ހިންގުމުގައި ހަރުދަނާ ކަމެއް އަދި ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މި ހިނގާ އޮކްޓޯބަރ ގައި ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ގައި ބަޔާންކޮށްފައިވާ ގޮތުގައި، އެސްއޯއީތައް ވެފައިވަނީ މާލީ ބުރައަކަށް ކަމަށާއި، އެއީ ދައުލަތުގެ ދަރަނި އިތުކުރުމަށް މަގުފަހިކުރާ، ތަންތަން ކަމުގައެވެ.

ވޯލްޑް ބޭންކުން ބުނެފައިވަނީ އެސްއޯއީތަކުގެ ހިންގުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ފައިސާ މެނޭޖު ކުރުން ފީކަޅާ ވުމާއި، އެތަންތަން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ހިންގުމުގެ އެފިޝަންސީ ދަށްވެފައިވާ ކަމަށް ބުނެފައިވެއެވެ.

އެސްއޯއީ ތަކުގެ ހިންގުން ރަނގަޅު ކުރުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށާއި، ގައުމުގެ މާލީ ތަސައްވުރު ރަނގަޅު ކުރުމަށް މުހިންމު ކަމެއް ކަމުގައި ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓުގައި ކަންބޮޑުވުމާއެކު ވޯލްޑް ބޭންކުން ފާހަގަ ކޮށްފައިވަނީ އެސްއޯއީތަކުގެ ހިސާބުތައް ހާމަކުރުމުގައި ދެފުށް ނުފެންނަ ކަމުގައެވެ. ބޭންކުން ބުނެފައިވަނީ ދެފުއް ފެންނަ ގޮތައް ހިސާބުތަކާއި މައުލޫމާތު ހާމަކުރުން އިތުރު ކުރުމަކީ ކަމާބެހޭ ފަރާތްތަކުގެ އިތުބާރު ލިބުމަށާއި، މާލީ މައްސަލަތައް ދިމާވުމުގެ ކުރިން އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަކެވެ.

ވޯލްޑް ބޭންކުގެ ބަހުން، އެސްއޯއީތައް ނާކާމިޔާބުވަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑެވެ. އިސްލާހީ ފިޔަވަޅުތައް ނޭޅިއްޖެނަމަ، އިތުރުވަމުންދާ ދަރަނި އަދި އެއާ ގުޅުންހުރި ނުރައްކާތައް މެނޭޖްކުރުމަށް ސަރުކާރަށް ދަތިވާނެކަމަށް މި ރިޕޯޓުގައި އިންޒާރުދީފައިވެއެވެ.

އެ ބޭންކުން ދެކޭ ގޮތުފައި އެސްއޯއީތައް އިސްލާހުކުރުމުން، ސަރުކާރަށް ވަސީލަތްތައް އެހެން މުހިންމު ދާއިރާތަކަށް، މިސާލަކަށް ޞިއްޙަތު، ތަޢުލީމު އަދި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ދިގު މުއްދަތުގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު ކަންކަން ކަމުގައި އެ ބޭންކުން ވަނީ ބުނެފައެވެ.

އެސްއޯއީތަކަށް ސީދާ ގޮތުން ދެވޭ މާލީ އެހީ މަދުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވޯލްޑް ބޭންކުން ބާރުއަޅާފައިވެއެވެ. ފައިދާ ނުވާ ވިޔަފާރިތަކަށް ސަބްސިޑީ އަދި ލޯނު ދިނުން ކުރިއަށް ގެންދިއުމަކީ ޤައުމުގެ މާލީ ގޮންޖެހުންތައް އިތުރުކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ. ވޯލްޑް ބޭންކުން ބުނެފައިވަނީ ސަބްސިޑީތައް މަޑުމަޑުން ހުއްޓާލައި، އެސްއޯއީތައް އިތުރަށް ވިޔަފާރީގެ އުސޫލުތަކާ އެއްގޮތަށް ހިންގުމަށް ބާރުއެޅުމަކީ ސަރުކާރުގެ މާލީ ބުރަ ލުއިކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭ ކަމުގައެވެ. މިއާ އެއްގޮތަށް، އެސްއޯއީތައް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، ސަރުކާރުގެ ފައިސާއަށް ބަރޯސާވާ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތައް އަވަސްކުރުމަށް ވޯލްޑް ބޭންކުން މި ރިޕޯޓުގައި ސަރުކާރަށް ވަނީ ގޮވާލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް