Advertisement
ކ. މާލެ
|
14 އޭޕްރިލް 2022 | ބުރާސްފަތި 21:40
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ސަރުކާރުން ފަރާތުން 3 ބިލެއް ހުށަހެޅުން
ސަރުކާރުގެ ފަރާތުން މަޖިލީހަށް 3 ބިލެއް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވޭ
މާލިއްޔަތު ގާނޫނު ތަންފީޒުކުރުމަށް ދިމާވާ މައްސަލަތައް ހައްލުކުރަން ހުށަހަޅާފައިވޭ
ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ކުރެވޭނެ ކަންކަން ހުށަހަޅާފައިވޭ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 3 ބިލެއް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެޓަރނީ ޖެނެރަލް އޮފީހުން ބުނީ އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ބިލު ކަމަށެވެެ.

އޭޖީ އޮފީހުން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ހެކިބަސްދޭ ފަރާތްތައް ހިމާޔަތްކުރުމާގުޅޭ ތަފްސީލީ އުސޫލުތަކެއް ކަނޑައެޅުމަށާއި ކުށަށް އިއުތިރާފުވާ ފަރާތްތަކާ އެކު އިއުތިރާފުގެ އެއްބަސްވުން ވެވޭނެ ހާލަތްތަކާއި އެކަން ކުރުމުގައި އަމަލުކުރާނެ އިޖުރާއަތްތައް އިތުރަށް ތަފްސީލުކޮށް ބަޔާންކުރުމަށާއި އެ ނޫން ވެސް ޖިނާއީ އަދުލުގެ ނިޒާމުގެ އެކިއެކި އިޖުރާއަތްތައް ހިންގުމުގައާއި ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ.

Advertisement

ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅަން ނިންމާފައިވަނީ ދައުލަތުގެ ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާއިން ޚާއްސަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ. އަދި ދައުލަތުގެ ސްވޮރިން ޑިވެލޮޕްމަންޓް ފަންޑާއި އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމަށާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމަށާއި، ގާނޫނާ ޚިލާފުވާ ހަލަތްތަކުގައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭ ގޮތުން ކަނޑައެޅިފައިވާ އުސޫލުތައް އިސްލާހުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ބިލު ހުށައަޅަން ނިންމާފައިވަނީ ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގައި، އެ ކަންކަން ބެލެހެއްޓުމަށްޓަކައި، އަންނަނިވި ކަންކަން ހިމެނޭ ގޮތުން ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުގެ މައްޗަށް އެކުލެވޭ ގާނޫނީ އޮނިގަނޑެއް ކަނޑައެޅުމަށް ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އަދި ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ހުއްޓުވުމާއި، ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ޚިދުމަތް އެކުލަވާލުމުގެ އިތުރުން ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމަށް ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް