ކ. މާލެ
|
13 އޭޕްރިލް 2022 | ބުދަ 07:11
ޕީޕީއެމް ޕީއެންސީން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޕީޕީއެމް ޕީއެންސީން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ޕާޓީތަކުން މަޖިލީހުގައި ޕްރެސް ބޭއްވުން
މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީތަކަށްވެސް މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވޭނެ: މަޖިލިސް
މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ފުރުސަތު އޮތްކަން މަޖިލީހުގެ ރައީސް އިއުލާންކުރައްވާފައިވޭ
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ބައިވެރިވެވަޑައިގެންނެވީ އެކޯލިޝަންގެ ޕާލަމަންޓްރީ ގްރޫޕްގެ ސެކެރެޓަރީގެ ހައިސިއްޔަތުން

ޕީޕީއެމް ޕާލަމަންޓްރީ ގްރޫޕުން އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ މަޖިލީހުގައި ހިމެނޭ ހުރިހާ ޕާލަމަންޓްރީ ގްރޫޕްތަކަށް ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްކަމަށް އެއިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ އިދާރާއިން މިހެން ބުނީ ޕީޕީއެމް އިން މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުން އެކަމުގެ ފާޑުކިޔުންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރަމުން ދަނިކޮށެވެ. އެފުރުސަތު އިދިކޮޅު ކޯލިޝަނަށް ދިނީ ސަރުކާރާ މެދު ރައީސް ނަޝީދުގެ އޮތް ކަންބޮޑުވުމުގެ ތެރެއިންކަމަށް އެކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަންގާރަ ދުވަހު މަޖިލީހުގެ އިދާރާގައި ޕީޕީއެމް ޕީޖީން ބޭއްވި ބައްދަލުވުމަކީ ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގެ ކަންބޮޑުވުމާއެކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ މައްސަލަތައް މަޖިލީހުން ބޭރުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބޭއްވި ބައްދަލުވުމެކެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނުން މިހަފްތާގައި ހުށައެޅި ރައްޔިތުންނާއި ގުޅުން ހުރި ދެ މައްސަލަވެސް މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށާއި، މި ދެ މައްސަލައަކީވެސް ރައްޔިތުންނާއި ގުޅުންހުރި ދެ މައްސަލަ ކަމަށެވެ. 

މި ބައްދަލުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ފުރުސަތު އޮތްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ 2020 ވަނަ އަހަރުގެ ތިން ވަނަ ދައުރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއުލާންކުރައްވާފައިކަމަށެވެ.

މިބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ބައިވެރިވެވަޑައިގެންނެވީ އެކޯލިޝަންގެ ޕާލަމަންޓްރީ ގްރޫޕްގެ ސެކެރެޓަރީގެ ހައިސިއްޔަތުންކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ. ހީނާ އަކީ ޕީޕީއެމް/ޕީއެންސީ ޕާލަމަންޓްރީ ގްރޫޕްގެ ސެކްރެޓަރީއެވެ.

މިބައްދަލުވުމުގައި ހީނާ ބައިވެރިވެވަޑައިގެންނެވި ނަމަވެސް ވާހަކަދައްކަވާފައެއް ނުވެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވާފައިވަނީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފާއި ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

މިއީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީއެއްގެ ޕާލަމަންޓްރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އެކި ކޮމިޓީތަކުން ވަނީ ނޫސްވެރިންގެ ބައްދަލުވުން މަޖިލީހުގެ އިދާރާގައި ބާއްވާފައެވެ. އަދި އަމީންއާންމުންވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވާފައެވެ.

- ކޮމެންޓް