ކ. މާލެ
|
5 އޭޕްރިލް 2022 | އަންގާރަ 13:42
ބާޒާރުމަތި ފިހާރައެއްގައި ބަޔަކު ވިޔަފާރި ކުރަނީ
ބާޒާރުމަތި ފިހާރައެއްގައި ބަޔަކު ވިޔަފާރި ކުރަނީ
ރާއްޖެއެމްވީ
ކުންފުނިތަކުގެ ބިލް
ކުންފުނިތައް ހަދައިގެން ވިޔަފާރި ތެރެއަށް ސަރުކާރުގެ މުއައްސަސާތަކުން ވަނުމަކީ ކަންބޮޑުވުމެއް - މެމްބަރުން
 
އެމްޑީޕީން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގެ ފުރުސަތު އެމީހުންނަށް ފަހިކޮށްދިނުމަށް
 
އެއް ކަމެއް ކުރުމަށް އެތައް ކުންފުންޏެއް އޮތުމަކީ ދައުލަތަށް ބުރަ ބޮޑު ކަމެއް
 
ބޯހިޔާވަހިކަމަށްވެސް 3 ކުންފުންޏެއް އެބައޮތް

ކުންފުނިތައް ހަދައިގެން ވިޔަފާރި ތެރެއަށް ސަރުކާރުގެ މުއައްސަސާތަކުން ވަނުމަކީ ކަންބޮޑުވުމެއް ކަމަށާއި، ސަރުކާރުގެ ތެރޭގައި އެއްކަމެއްކުރާ އެތައް ކުންފުންޏެއް އޮންނަ ކަމުގެ ޝަކުވާ މެމްބަރުންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސް ކުރަމުން އަންނަ ކުންފުނީގެ ބިލުގެ ބަހުސްގެ ތެރެއިން މެމްބަރުން ވަނީ އެއްކަމެއް ކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާއި، ވުޒާރާތަކުގެ ބެލެނިވެރިކަމުގެ ދަށުގައި ކުދި ކުންފުނިތައް އުފައްދައި، އެކުންފުނިތަކަށްވެސް މުވައްޒަފުން ނަގައި މުސާރަ ދެމުން އަންނަ ކަމަށް ވިދާޅުވެފައެވެ. މިއީ ދައުލަތަށް މިކަމުގެ ސަބަބުން ބުރަތަކެއް އުފުލަން ޖެހޭ ކަމެއް ކަމަށްވެސް މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތް ހޯދާ ރައްޔިތުންނަށްވެސް ތަކުލީފެއް ކަމަށް މެމްބަރުން ވިދާޅުވިއެވެ.

ބިލަށް ވާހަކަފުޅުދަައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ސަރުކާރުން ވިޔަފާރިތެރެއަށް ވަނުމަކީ ވިޔަފާރިވެރިން ކަންބޮޑުވާނެ ކަމެއް ކަމަށާއި، އެއީ އެމްޑީޕީގެ ފިކުރެއް ނޫން ކަމަށެވެ. އަދި މިއީ އެމްޑީޕީން ވަކާލާތު ކުރަމުން އައިސްފައިވާ ކަމެއް ކަމަށެވެ. އާޒިމް އެމްޑީޕީން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގެ ފުރުސަތު އެމީހުންނަށް ދިނުމަށް ކަމަށެވެ. އެހެންނަަމަވެސް އެމްޑީޕީގެ ހިއްސާ އޮތް ސަރުކާރެއްގައި ކުންފުނިތަކުގެ ތެރެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ އާޒިމްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އާޒިމް ވިދާޅުވީ ގާނޫނަށް އިސްލާހު ގެންނައިރު އުވާލަންޖެހޭ ގިނަ އަދަދެއްގެ ކުންފުނިތައް މިހާރުވެސް އެބައޮތް ކަމަށެވެ. އެއްކަމެއް ކުރުމަށް އުފައްދާފައިވާ ކުންފުނިތައްވެސް ގިކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ބޯހިޔާވަހިކަމަށްވެސް 3 ކުންފުންޏެއް އެބައޮތް ކަމަށެވެ. އެހެންނަމަވެސް މި ކުންފުނިތަކުން މާ އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށެވެ. އަދި އެކަކު ހަތަރުވަކަށް ކުންފުނީގައި މަސައްކަތްކޮށް ހަތަރު ކުންފުނިންވެސް މުސާރަ ނަގަމުން އަންނަ މައްސަލަތައްވެސް ކުރިމަތިވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިއީ ހަމަ އެކަނި މިސަރުކާރުން ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ސަރުކާރާއި އިދިކޮޅުވެެގެން ދައްކަވާ ވާހަކަފުޅެއް ނޫންކަމަށެވެ. އެހެންނަމަވެސް އާޒިމްގެ ވާހަކަފުޅު ކުރިއަށްގެންދެވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ބޭނުން ކުރަމުން އަންނަ ކެމްޕެއިން މޮޓޯއެއް ކަމަށްވާ "ހިންގާލަން" ބޭނުން ކުރައްވައިގެންނެވެ.

އާޒިމް ވިދާޅުވީ، ދައުލަތް ހިންގާލަން، ސަރުކާރު ހިންގާލުމުގެ ވިސްނުމުގައި 12 ކުންފުންޏެއް މި ތިން އަހަރުގެ ތެރޭ އުފައްދާފައި އެބައޮތް ކަމަށެވެ.

އަޅުގަނޑު ބަލައިލި އިރުގައި، ހިންގާލުމުގެ ޑެފިނިޝަނަކަށް މި އޮންނަނީ ޖީބު ބޮޑުކުރުން، ދައްކާ ވާހަކައާއި ކުރާ ކަންތަކާއި ދިމާ ނުވުން
އަލީ އާޒިމް / މެދު ހެންވޭރު ދާއިރާގެ މެމްބަރު

މިބަހުސްގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުން ކުންފުނިތައް ހަދައިގެން ވިޔަފާރި ތެރެއަށް ވަނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ސިރާޖް ވަނީ ފުލުހުންނާއި ސިފައިން ވަކިން ކުންފުނި ހަދައިގެން ކުރަމުން އަންނަ ވިޔަފާރިތައް ފާހަގަކުރައްވާފައެވެ.

އެމްއެންޑީއެފުން ވަކި ކުންފުންޏެއް އުފައްދައި ކައްދޫ އެއަރޕޯޓް ހިންގަމުން އަންނަކަން ފާހަގަކުރައްވައި ސިރާޖް ވިދާޅުވީ، ކައްދޫ އެއަރޕޯޓްވެސް އެކަށީގެންވާ ވަރަށް ތަރައްގީ ނުވެގެން އުޅޭ މައިގަނޑު ސަބަބަކީވެސް އެއީ ކަމުގައެވެ. އެކަން ކުރަން ޖެހޭނީ އެކަމުގެ ތަޖުރިބާ ހުރި ބަޔަކާއި ހަވާލުކޮށްގެން ކަމަށް ސިރާޖް ވިދާޅުވިއެވެ.

ސިފްކޯ ކަމުގައިވީ ނަމަވެސް ޕޮލްކޯ ކަމުގައި ވީނަމަވެސް ވިޔަފާރިތެރެއަށް ވަދެ އެމަސައްކަތް ކުރާ ކަމީ އަޅުގަނޑު ކަންބޮޑުވާ ކަމެއް. އަޅުގަނޑުމެން ދައުލަތެއްގެ ގޮތުގައި ހިނގާއިރު އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެމްއެންޑީއެފުން ޓޫތް ޕިކް ވިއްކަން ޖެހޭ ކަމަށް. އަފި ފުލުހުންނަށް ތަންތަނުގައި ސައި ހަދާ ކައްކާ ކާން ދޭން ޖެހޭ ކަމަށް ގަބޫލެއް ނުކުރެވޭ.
މޫސާ ސިރާޖް / ފޮނަދޫ ދާއިރާގެ މެމްބަރު

ސިރާޖް ވިދާޅުވީ، ކުންފުނީގެ ގާނޫނު އިސްލާހުވެގެން ދާއިރު ޚާއްސަކޮށް ސަލާމަތީ ބާރުތަކުން ވިޔަފާރި ތެރެއަށް ވަނުން ހުއްޓުވަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ކުންފުނިތަކުގެ ބިލަކީ ކުންފުނި އުފެއްދުމާއި ރަޖިސްޓްރީ ކުރުން، ހިންގުން އަދި އުވާލުމާއި ގުޅޭ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެކެވެ.

މި ބިލުގައި ޕްރައިވެޓް، ޕަބްލިކް، ސަރުކާރުގެ ކުންފުނި އަދި ލޯކަލް އޮތޯރިޓީ ކުންފުންޏާއި ގުޅޭ އެންމެހައި އުސޫލްތައްވެސް ވަނީ ބަޔާންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
5 އޭޕްރިލް 2022 | އަންގާރަ 16:10
އާޒިމްއަށް
އޭސީސީއާ ޕޮލިސް އޮއްވާ ބޮޑެތި މުސާރަ ދީފަ ހެދީ ކޮމިޝަން އުފެއްދީ މަޖިލީސް އިން. ކޮން ވާހާކައެއް ދައްކާކަށް. ކޮންކަމެއްތޯވީ. ފުލުހުންނަށް ނުވި.