ތައިލަންޑުގެ އިންސްޓަންޓް ނޫޑްލްސް ވިއްކާ ފިހާރައެއް ކަމުގައިވާ "ގުޑް ނޫޑްލް"، އެގައުމުގެ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފިއެވެ.
ތައިލަންޑަކީ އެގައުމަށް ޚާއްސަ އުފެއްދުމެއް ކަމަށްވާ އެކި ރަހަތަކުގެ ނޫޑްލްސްއަށް މަޝްހޫރު ގައުމެކެވެ. އެގައުމުގައި ނޫޑްލްސްއަށް ޚާއްސަ އެތައް ފިހާރައެއް ހުރިއިރު ޒުވާނުންގެ "ގުޑް ނޫޑްލް" ފިހާރަ ޒުވާނުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވަނީ އެ ފިހާރައިން 70 އަށްވުރެ ގިނަ ބާވަތުގެ ނޫޑްލްސް ލިބެން ހުރުމާއި، އެ ފިހާރަ ތެރޭގައި ނޫޑްލްސް ކައްކައި ކެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބެންގކޮކުގެ މޯލްއެއްގައި މި ފިހާރަ ހުޅުވީއްސުރެ މި ތަން ވަނީ އެތައް ޒުވާނުންނެއްގެ ލޯބި ހޯދާފައެވެ. މިއީ ވަކިން ޚާއްސަކޮށް އެގައުމުގެ ކިޔަވާ ކުދިންނަށް އަތުން ދާ ޚަރަދު ކުޑަކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. އެ ފިހާރައަށްދިޔަ 18 އަހަރުގެ ކަސްޓަމަރެއް ކަމަށްވާ ރަޗަޑަޕޮން ބުނިގޮތުގައި އެއީ އޭނާ ޖައްސަޖައްސައިގެން އެ ފިހާރައަށްދިޔަ 3 ވަނަ ފަހަރެވެ. އޭނާއަށް އެތަން ކަމުދަނީ އެތަނުން އެކި ވައްތަރުގެ ނޫޑްލްސް ތަޖުރިބާކޮށްލެވޭތީ ކަމަށް އޭނާ ބުނެފައިވެއެވެ.
އަހަރެން ބޭނުންވޭ މިތަނުގައި ހުރި ހުރިހާ އެއްޗެއްގެ ރަހަ ބަލާލައި ތަޖުރިބާކޮށްލަން.ރަޗަޑަޕޮން
އެ ފިހާރައަށް ދާ ގިނަ ކަސްޓަމަރުން ކަނީ އެތަނުގައި ތިބެގެންނެވެ. އެމީހުން ކާ ކޮންމެ މީލްއެއްގެ އަގު އުލެނީ 0.18 ސެންޓާއި، 7.46 ޑޮލަރާ ދެމެދުގެ އަގެއްގައެވެ. އެ ފިހާރައަށް ދިޔަ އެހެން ކަސްޓަމަރެއް ކަމަށްވާ 18 އަހަރުގެ ސިރަޔަކޯން ބުނީ ރެސްޓޯރެންޓްތަކުން ކެއުމަށްވުރެ މިތަނުން ކެއުމަށް ދާ ޚަރަދު ކުޑަ ކަމަށެވެ.
ގުޑް ނޫޑްލް ފިހާރައިގެ މެނޭޖިން ޑައިރެކްޓަރ އުނގކޫލް ވޮންގކޮލްތޫޓް ބުނީ ކޮވިޑް-19 ޕެންޑަމިކުގެ ތެރޭގައި ބެންގކޮކްގެ ގިނަ ފިހާރަތަކެއް ބަނގުރޫޓުވި ކަމަށެވެ. 350 ވަރަކަށް ވިޔަފާރި ބަނގުރޫޓުވި ކަމަށާއި، އެހާ ހިސާބުން މިފަދަ ވިޔަފާރިއެއް ފެށުމުގެ ވިސްނުން އައީ ކަމަށެވެ.
އަހަރެން ބޭނުންވީ ކަސްޓަމަރުންނަށް ހަނދާނުން ފޮހެލަން ދަތި، ރަނގަޅު ތަޖުރިބާއެއް ކޮށްލެވޭނެ ގޮތަކަށް މި ވިޔަފާރި ފަށަން.އުނގކޫލް ވޮންގކޮލްތޫޓް
އިންސްޓަންޓް ނޫޑްލްސްއަކީ އޭޝިއާގެ ގިނަ ގައުމުތަކުގައި ވަރަށް މަގުބޫލު އެއްޗެކެވެ. އެހެންނަމަވެސް ސިއްހީ މާހިރުން ބުނާގޮތުގައި އެހާ ގިނައިން މިފަދަ ތަކެތި ކައި ހެދުމަކީ ސިއްހަތަށް އެހާ ރަނގަޅު ކަމެއް ނޫނެވެ.