މިއީ ވެހޭއިރު ފެން ނެގުމުގެ ފައިދާ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލު ކުރަމުން ދާ ބައެކޭވެސް ދެންނެވިދާނެވެ. ދައްކަން މިއުޅެނީ ތައިލޭންޑްގެ މެދު ތެރޭ ޕަތޯމް ޕްރޮވިންސްގައި އޮންނަ ތާ ޗިން ކޯރުގެ އައްސޭރީގައި ހިންގަމުން އަންނަ ތައި ނޫޑްލްސް ކަޑައެއްގެ ވާހަކައެވެ. ކަކޫތާ ފެނަށް ބޮޑުވެފައި ވާ ފެންގަނޑު ތެރޭގައި ވިޔަފާރީގެ ފުރިހަމަ ނަފާ ހާސިލު ކުރަމުން ދާ ގޮތުގެ ވާހަކައެވެ. ބޮޑުވެފައިވާ ފެންގަނޑަކީ އެ ކަޑައިން ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރުންގެ ޢަދަދަށް އެޅިފައި އޮތް ކުޑަ ނަމަވެސް ހިޔަންޏަކަށް ނުވެއެވެ.
ހުސްވި މަހު ކުރިމަތިވި ތޫފާން ނޯބޫއާއި، އިރުއުތުރުގެ ޕްރޮވިންސްތަކުން އެތައް ޑޭމަކުން ފެންގަނޑުތައް ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ޗާއޯ ފްރާޔާ ކޯރާ ގުޅިފައިވާ ފެން އާރުތަކުގެ އޮއެވަރު ބާރުވެ، ބަނޑުންވާ ގޮތް ވަނީ މެދުވެރިވެފައެވެ. ކޯރުގެ އައްސޭރިފަށުގެ ވަޒަންވެރިވެ އުޅޭ މީހުންނަށް މިއަދު ދިރިއުޅެން ޖެހިފައިވަނީ އެތައް މީޓަރެއް ފުން ފެންގަނޑުގެ ތެރޭގައެވެ.
ކަން މިހެން އޮތް ކަމުގައި ވީ ނަމަވެސް، ހައިވޭ ބްރިޖު ދަށުގައި ހިންގަމުންދާ ޕާ ޖިޓް ޗިކަން ނޫޑްލްސް ކަޑައިގެ ވިޔަފާރީއަކަށް ހީނަރުކަމެއް ނެތެވެ. މީގެ 30 އެތައް އަހަރެއް ކުރިން ހުޅުވި އެ ރެސްޓޯރަންޓަށް، ބޮޑު ފެންގަނޑުގެ ސަބަބުން ކުރިމަތިވި ދައްޗެއް ނެތް ފަދައެވެ. ސަބަބައެއް ނެތިއެއް ނޫނެވެ. އެންމެ ބޮޑު އެއް ސަބަބަކީ، ނޫޑްލްސް ކަޑައިގެ އޯނަރު، ޕޯންކަމޯލް ޕްރަންގްޕްރެމްޕްރީގެ ގަދަ ހިތްވަރާއި ޢަޒުމެވެ.
އެންމެ ފުރަތަމަ ފެންގަނޑު ބޮޑުވަމުން ދިޔައިރު، ކަޑަ ހުޅުވާނަމެކޭ އަހަރެންގެ ހިތެއް ނުބުނި. ކާކުހޭ ކާން އަންނާނީ ހިތަށް އެރި. އެކަމަކު، މަސް ހުރީމައާއި، ކަސްޓަމަރުން އަދިވެސް އަންނަމުންދާތީ، މަށަށް އިތުރު ހިތްވަރެއް ލިބުނީ މިކަން ކުރިއަށް ގެންދަން. ގިނަ ކަސްޓަމަރުންގެ މެދުގަ ވަރަށް މަޤުބޫލު ކަމެއް މަސްތަކަށް ކާންދިނުމަކީ. ކެއުމަށް އިންސާފު ކުރަމުން ދާއިރު، ފަޔަށްވެސް މަސާޖެއްތާ މި ދެވެނީ.ޕޯންކަމޯލް ޕްރަންގްޕްރެމްޕްރީ؛ ނޫޑްލްސް ކަޑައިގެ އޯނަރު
ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި ޚިދުމަތް ދިނުމަށް ގެނައި އިންޤިލާބީ ބަދަލު، އެހާ މަޤުބޫލުވެދާނެ ކަމަކަށް ޕޯންކަމޯލްއަށް އެންމެ ފުރަތަމަ ޤަބޫލުވެސް ނުކުރެވުނެވެ.
ޕޯންކަމޯލްގެ ކަޑައިން ދެމުންދާ ޚިދުމަތްތަކާ މެދު ކަސްޓަމަރުންވެސް ތިބީ ހައިރާންވެފައެވެ.
މިތަނަށް އައި ފުރަތަމަ ފަހަރު ވަރަށް ތަފާތު އިޙްސާސް ކުރެވުނީ. ވަރަށް އެހެން ކަހަލަ. މޭޒު މި ހުރީ ފެނުތެރޭގަ ވިއްޔަ. ނުތެމި ވޭތޯ އަހަރެން ބަލަމުން ދިޔައީ. އެހެންވެ، ކާން ޖެހުނީ ކޮޅަށް ހުރެގެން.ނަރޮންގްވުޓް ސުވިސުއްތަގުލް؛ ކަސްޓަމަރެއް
ޕޯންކަމޯލް ބުނި ގޮތުގައި މި އަހަރު، ކޯރުގެ ފެންގަނޑު އުފުލެމުން ދަނީ އިންތިހާ ހަލުވި ދުވެލީގައެވެ. ކަކުލާ ހިސާބަށް ފެންގަނޑު ބޮޑުވުމަށް މި ފަހަރު ނެގީ އެންމެ 10 ވަރަކަށް ދުވަސް ކަން އޭނާ ފާހަގަ ކުރިއެވެ.
ފެންގަނޑު އުފުލެމުންދާތާ މިހާރު 10 ވަރަކަށް ދުވަސް މިވީ. އެންމެ ފަހުން މިހާ ގަދައަށް ފެންބޮޑުވީ 2011 ގަ. ދެން އޭގެ 10 އަހަރުން، 2021 ގަ އަނެއްކާވެސް ފެންގަނޑު އައި. އަނެއްކާވެސް 2022 ގަ މިއޮތީ ފެންގަނޑު ބޮޑުވެފަ.ޕޯންކަމޯލް ޕްރަންގްޕްރެމްޕްރީ؛ ނޫޑްލްސް ކަޑައިގެ އޯނަރު
ޕާ ޖިޓް ޗިކަން ނޫޑްލްސް ކަޑައިގައި މިހާރު ދެމުންދާ ޚިދުމަތްތަކަކީ ކުޑަ ކުދިންގެ މެދުގައިވެސް އިންތިހާއަށް މަޤުބޫލު ޚިދުމަތަކަށް ވަނީ ވެފައެވެ. މަސްތަކަށް ކާންދިނުމަކީ އެންމެ ބޮޑު އެއް ސަބަބެވެ. މަސްތަކަށް ކާންދިނުމުގެ މަސައްކަތުގައި ކުޑަކުދިން އަވަދެނެތި އުޅެމުން ދާ އިރު، ރަހަތައް ހެޔޮވަރު ނޫޑްލްސް ކާލުމުގެ ފުރުޞަތު މައިންބަފައިންނަށް އޮވެއެވެ.
ކޮންމެއަކަސް މީ ވަރަށް އާދަޔާ ޚިލާފު ކަމެއް. ކާން އިންނައިރު، ފައިގަ މަސްކޮށާލަކޮށާލަ އެ ހުންނަނި. (ސެއިޔާ) ފުރަތަމަ އަހަރެން ވަރަށް ބިރުގަތް، އެކަމަކު ފަހުން ވަރަށް މަޖާ. (އަރީރާތު) ވަރަށް މަޖާ ދޯ؟ (ސެއިޔާ) އާނ، އެންމެ ފުރަތަމަ ވަރަށް ބޮޑަށް ބިރު ގަތް. (ރިޕޯޓަރު) މަހަށް ކާންދޭ ހިތްވޭތަ؟ (ސެއިޔާ) ވަރަށް ފެނާ ކުޅޭ ހިތްވޭ. އަނެއްކާވެސް، މަސްތަކަށް ކާންދޭން ބޭނުން.އަރީރާތު ސުވިސުއްތަގުލްއާއި އޭނާގެ ދަރިފުޅު ސެއިޔާ
މޫސުމީ ގޮތުން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާއެކު، ތައިލޭންޑްގެ އެކި ހިސާބުތަކަށް ފެންބޮޑުވުމުގެ ހާދިޘާތައް ކުރިމަތިލާން ޖެހިފައިވާތާ މިހާރު ދޮޅުމަހެއްހާ ދުވަސް ވަނީ ވެފައެވެ. މި ކަމުގެ އަސަރު، 2 ލައްކައަށް ވުރެ ގިނަ ގޭބިސީއަށް ވަނީ ފޯރާފައެވެ.