ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 10:43
ކިއާނޫ ރީވްސްގެ ޖޯން ވިކް ކެރެކްޓަރގެ ބޮޑީ ޑަބަލްއަކަށްވެސް ފުދޭ މި މީހާގެ އަސްލު ނަމަކީ އެންޑްރިއާޒް
ޖޯން ވިކްއާ ވައްތަރު މީހެއް ފެނުން
ތައިލޭންޑްގެ ބާޒާރުގައި ކޮފީ ގިރަން އެ ހުރީ ކިއާނޫ ރީވްސްތަ؟ ޖޯން ވިކްތަ؟
 
ދެމަފިރިން ބޭރަށް ނުކުމެއްޖެއްޔާ، ފޮޓޯއަކަށް ހުއްޓިލަން އެދޭ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވަމުން ދިޔަ
 
ކިއާނޫ ރީވްސްއާ ސިފައިގެ ގޮތުން އެއްގޮތް ކަމެއް ހުރިކަން އެންމެ ފުރަތަމަ ފާހަގަވީ، އެ ދެމަފިރިން ޖަރުމަނުވިލާތުގައި ދިރިއުޅުނު ދުވަސްވަރުގަ

އެހެން މީހެއްގެ ސިފައާއި އެއް ގޮތް ކަމެއް ހުރުމަކީ، އެކަމެއްގެ ނަތީޖާ، އެކި ފަހަރު އެކި ގޮތަށް ލިބޭ ކަމަކަށް އޮންނަނީ ވެފައެވެ. ބައެއް ފަހަރު ނުރައްކަލާއި ބިރުވެރިކަމުގެ ތެރެއަށް ހުށަހެޅެއެވެ. ހައިޖާނާއި އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ގެނބެން ޖެހެއެވެ. އަނެއް ބައި ފަހަރު، އެއީ ފިސާރި ވަރުގަދަ ނަސީބަކަށްވެސް އޮންނަނީ ވެފައެވެ.

ދައްކަން މި އުޅެނީ މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވައިރަލް ވަމުން އަންނަ ވީޑިއޯތަކަކުން ފެންނަ މީހެއްގެ ވާހަކައެވެ. އެ ވީޑިއޯތަކުން ފެންނަނީ މަޝްހޫރު ބަޠަލް، ކިއާނޫ ރީވްސްގެ ޝަޚްސީ ފިލްމު ކެރެކްޓަރއެއް ކަމަށް ޖޯން ވިކްއާއި ސިފައިގެ ގޮތުން އެއްގޮތް ކަމެއް ހުރި މީހަކު، ތައިލޭންޑްގެ މަގުމަތީ ބާޒާރެއްގައި ކާބޯތަކެތި ވިއްކަން އުޅޭ މަންޒަރެވެ. ވީޑިއޯތައް އާންމު ވަމުން ދިޔަ ވަރަކަށް، އެކި ގޮތް ގޮތަށް ބަހުސް ކުރަން ފެށުނެވެ. މަގުމަތީ ބާޒާރުގައި ކާބޯތަކެތި ވިއްކަން އެ އުޅޭތީ އެ ފެންނަނީ، ޙަޤީޤީ ބަޠަލުގެ ރިޓަޔަރމަންޓް ހަޔާތް ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ.

"ޖޯން ވިކް މީހުން މެރުން ހުއްޓާލައިފި. މިހާރު އުޅެނީ ކޮފީއާއި ފިހުނު އިހި ވިއްކަން." މިހެން ލިޔެފައި އޮތް ކެޕްޝަނަކާއެކު ދޫކޮށްލި ވީޑިއޯ ވައިރަލް ވީ ފަތުއަޑުކިޔާފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ފުރަތަމަ ނަޒަރުން އެއީ ހަމަ ޖޯން ވިކްއެވެ. ފަހަރެއްގައިވެސް ޖަރީމާއެއް ހިންގަނީއެއް ނޫނެވެ. ކާބޯތަކެތި ވިއްކަނީއެވެ. އެކަން އެކަންޏެއް ނޫނެވެ. ކަސްޓަމަރުން ކައި ނިމުމުން ތަށި ދޮވުމުގެ މަސައްކަތްވެސް ކުރަނީ ޚުދު އޭނާއެވެ. އިސާހިތަކު، ވީޑިއޯތައްވެސް ގިނަ ވާން ފަށައިފިއެވެ. ޖޯން ވިކްގެ ކެރެކްޓަރާ އެއްގޮތަށް، ސޫޓެއްލައި، ހުދު ޓައިއެއް އަޅައިގެން މަގުމަތީ ބާޒާރެއްގައި ކާބޯތަކެތި ވިއްކަން އުޅޭ މަންޒަރުވެސް ފެނެއެވެ. ތައިލޭންޑްގައި އޭނާ އެ އުޅެނީ، މިޝަންއެއްގައި ކަމަށް ބުނެ، ބައެއް މީހުން ޖޯކުވެސް ޖަހައެވެ.

މާ ގިނަ ދުވަހެއް ނުވެ އެތައް ބަޔަކު ތައިލޭންޑްއިން މި ފެންނަ ޖޯން ވިކްއަށް ހިތްކިޔަން ފަށައިފިއެވެ. އެއީ ކާކުތޯ ބަލަން ބޭނުންވެއްޖެއެވެ. ތައިލޭންޑްގެ ވަރުގަދަ މީޑިއާތަކުންވެސް އޭނާ ހޯދަން ނުކުތީއެވެ. ތައިލޭންޑްގެ ބާޒާރުން މި ފެންނަ ޖޯން ވިކްގެ ވަނަވަރު ކަޝްފުކޮށްދިން މީހަކީ ޚުދު އޭނާގެ އަނބިމީހާއެވެ. ޖޯން ވިކްގެ ޙަޤީޤަތަށް ފެންބޮވައިގެންފައި ތިބި މީހުންގެ ކަރު ހިއްކުން ފިލުވާލަދިނެވެ.

ތައިލޭންޑްގެ މަގުމަތީ ބާޒާރެއްގައި ކާބޯތަކެތި ވިއްކާ، ތަށިތައް ދޮވެ ހަދަން މި އުޅޭ ޖޯން ވިކްއަކީ ތައިލޭންޑްގައި އިން އޭނާގެ އަނބިމީހާ ގާތަށް މި ވަގުތު ގޮސް ހުރި، ޖަރުމަނު މީހެކެވެ. ޓުކްގެ ނަމުން ސޯޝަލް މީޑިއާގައި ވަނަން ދެވިފައިވާ ޓުކް ބުނި ގޮތުގައި އޭނާގެ ފިރިމީހާއާއި ކިއާނޫ ރީވްސްއާ ސިފައިގެ ގޮތުން އެއްގޮތް ކަމެއް ހުރިކަން އެންމެ ފުރަތަމަ ފާހަގަވީ، އެ ދެމަފިރިން ޖަރުމަނުވިލާތުގައި ދިރިއުޅުނު ދުވަސްވަރުގައެވެ. އެހެން ކަމުން ފިރިމީހާގެ ބޮލުގެ ކުލަ ބަދަލުކޮށް، ތުނބުޅި ކަޅު ކުރަން ލަފާ ދިނެވެ. ޓުކްގެ ރޭވުން ވަރަށްވެސް ކާމިޔާބެވެ. ދެމަފިރިން ބޭރަށް ނުކުމެއްޖެއްޔާ، ފޮޓޯއަކަށް ހުއްޓިލަން އެދޭ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވަމުން ދިޔައެވެ. ދެމަފިރިން އެކުގައި ތައިލޭންޑަށް އައުމުންވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ.

ޓުކް ވަނީ 'ޓުކްޓިކްލައިފް'ގެ ނަމުގައި އޭނާ ހިންގާ ޓިކްޓޮކް ޗެނަލްގައި، ވައިރަލް ވީޑިއޯތަކެއް ހިއްސާކޮށްފައެވެ. ނަމަވެސް، މަގުމަތީ ބާޒާރުގައި ކާބޯތަކެތި ވިއްކަން އުޅުމުގެ ޚިޔާލަކީ، ޚުދު ފިރިމީހާގެ ޚިޔާލެއް ކަމަށް ވެއެވެ. ތައިލޭންޑް މީހުން އާންމުކޮށް ލައިގެން އުޅޭ ކަހަލަ ހެދުންތަކުގައި ޓުކްގެ ޖޯން ވިކް ފެންނަ ވީޑީއޯތަކަށް ބަލާއިރު، އޭނާ ކޮފީ ގިރާތަނާއި، ފިހުނު ޑިނގާ ތައްޔާރު ކުރާ މަންޒަރާއި ތަށި ދޮންނަ މަންޒަރުވެސް ފެނެއެވެ.

ކިއާނޫ ރީވްސްގެ ޖޯން ވިކް ކެރެކްޓަރގެ ބޮޑީ ޑަބަލްއަކަށްވެސް ފުދޭ މި މީހާގެ އަސްލު ނަމަކީ އެންޑްރިއާޒްއެވެ. މިއަދު އެންޑްރިއާޒްއަކީ ތައިލޭންޑްގައި މަގުބޫލު ވަމުން އަންނަ 'ސެލެބްރިޓީ' އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް