ކ. މާލެ
|
2 އޭޕްރިލް 2022 | ހޮނިހިރު 13:51
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ރާއްޖެއެމްވީ
ހިޔާ ފްލެޓް
ހިޔާ ފްލެޓްގެ ކުލި މި މަހުން ފެށިގެން ނަގަންފަށައިފި
 
ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާ

ހިޔާ ފްލެޓްތަކުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނަގަން ފަށައިފިއެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ "މައި ހުޅުމާލެ" އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށެވެ. ނަމަވެސް މި އިންތިޒާމް މިވަގުތު ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އެކަނި ކަމަށާއި, މީގެ އިތުރުން އެޗްޑީސީގެ ކަލެކްޝަން ކައުންޓަރުންވެސް ކުލި ދެއްކޭނެކަަމަށް ވަނީ ބުނެފައެވެ. އެޗްޑީސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށް ޚާއްސަ ކޮށްފައިވާ ކައުންޓަރުން، ނަގުދު ފައިސާއާއި ޗެކު އަދި ބޭންކް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.

ހިޔާ ފްލެޓްތަކުން ކުލި ނަގަންފަށާފައި މިވަނީ 3 ފަހަރެއްގެ މަތިން، ކުލިނެގުން ސަރުކާރުން ފަސްކޮށްދިނުމަށް ފަހުގައެވެ. ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން, ފްލެޓްތައް ނިންމުމަށްޓަކައި، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރައްވާފައިވަނީ 26 ޑިސެންބަރު 2021ގައި ބޭއްވި, އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އަދި އެމަނިކުފާނު ވިދާޅުވީ 2022 ވަނަ އަހަރުގެ މާޗު މަސް ނިމޭއިރު، ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އެތަނުގައި ފްލެޓް ލިބުނު ފަރާތްތަކަށް ދިރިއުޅެން ފެށޭވަރުވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރާއެކު, އެތަނުގެ ފިނިޝިންގ މަސައްކަތް ކުރުމަށް އެއްބަސްވެވިފައެއްނުވެއެވެ. އެހެންކަމުން، މި ތަންތަން އާންމުންނާ ހަވާލު ކުރެވިފައިވަނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. ވުމާއެކު ފްލެޓްތަކުގައި މުށިޖެހުމާއި، ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި، ފަންކާއާއި ބޮކިވެސް ހަރުކުރަންޖެހުނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދިނީ ފިނިޝިންގ މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާކަމަށް ވަނީ ނިންމާފައެވެ. އަދި ފްލެޓްގެ މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހެނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް