ކ. މާލެ
|
29 މާރޗް 2022 | އަންގާރަ 07:08
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބު
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގުޅޭ 106 މައްސަލައެއް
ގެވެށި އަނިޔާގެ 58 މައްސަލައެއް ރިޕޯޓުކޮށްފައިވޭ
ސިއްހީ ފަރުވާއަށް ހުރަސް އެޅުމުގެ މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވޭ
ފެބުރުވަރީމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބީ 193 ކުދިން

މިދިޔަ ފެބްރުއަރީ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 106 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ޖުމްލަ 235 މައްސަލައެކެވެ. މީގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާއި ގުޅޭ މައްސަލަތައް ކަމުގައި ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

މި ބާވަތުގެ 106 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އިހުމާލުގެ މައްސަލަތަކުގެ ގޮތުގައި 28 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ. ޖިންސީ ހާނިއްކައިގެ 23 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަށް ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 23 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 6 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 4 މައްސަލަ، އަދި އެހެންކުދިންގެ ފަރާތުން އިންޓާނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ ހުށަހަޅާފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 58 މައްސަލަ ފެބުރުވަރީމަހު މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ. މިފަދަ 25 މައްސަލައެއް ހުށަހަޅާފައިވާއިރު، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 24 މައްސަލައާއި، މާލީ ފުދުންތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ 4 މައްސަލައާއި، ބިރުދެއްކުމުގެ 2 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ، ފާރަލުމުގެ 1 މައްސަލަ އަދި އިހުމާލުގެ 1 މައްސަލަ ހިމެނޭ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 26 މައްސަލައެއް ހުށަހަޅާފައިވާކަމަށާއި، މީގެ ތެރޭގައި ހިމެނެނީ ކުދިން ބެލުމުގައި ޖެހޭ 14 މައްސަލައާއި، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 9 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 3 މައްސަލަކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 16 މައްސަލަ ހުށަހަޅާފައިވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަވެފައިވެއެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 13 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 3 މައްސަލައެވެ.

މީގެ އިތުރުން ސިއްހީ ފަރުވާއަށް ހުރަސް އެޅުމުގެ މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާއިރު، ކުޑަކުދިންގެ އަޚުލާގާއި ގުޅުންހުރި 14 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 6 މައްސަލައާއި، ރުޅި ގަދަވެގެން އުޅުމުގެ 4 މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ 4 މައްސަލަ ހިމެނެއެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާއި ގުޅޭ 10 މައްސަލައެއް ހުށަހަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ފެބުރުވަރީމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބީ 193 ކުދިން ކަމަށެވެ. ފެބުރުވަރީ މަހުގައި 1 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވެއެވެ. އަދި 1 ކުއްޖެއް ރީއިންޓަރގްރޭޓް ކުރެވި، 18 އަހަރު ފުރުމާއި ގުޅިގެން 2 ކުދިންއަށް ވަޒީފާ ހޯދާދެވިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

- ކޮމެންޓް