ކ. މާލެ
|
28 މާރޗް 2022 | ހޯމަ 15:51
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން
ފުވައްމުލައް ސިޓީއަށާއި އައްޑޫސިޓީއަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވީ 4 ދުވަހުގެ ދަތުރުފުޅެއް

ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި 4 ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް އެ ދެކަނބަލުންގެ ފަރާތުން މާހެފުން ދެއްވާފައެވެ. މި ދެ ސިޓީގައި ބޭއްވެވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ސިޓީގެ ތަރައްޤީއަށް ކުރިޔަށް ރާވާފައިވާ އަދި މިހާރު ކުރިޔަށްދާ މުހިންމު މަޝްރޫޢުތަކެއްގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެސިޓީގެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރައްވައި މި ދެސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ ގޮތުންނާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަނީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްޤީކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީ ގޮތުން ހުޅުވައިދެއްވާފައެވެ. މި ޕޮލިސް އެކަޑަމީއަކީ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްޤީކުރެވިފައިވާ ފެސިލިޓީއެކެވެ. އަދި މިފެސިލިޓީގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ތަމްރީންތަކަކީ ޑިމޮކްރެޓިކް އުޞޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ތަނަކީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވެގެންދާނެކަމުގައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީ މަރަދޫ ބަނދަރާއި މަރަދޫފޭދޫ ބަނދަރުގެ އިތުރުން މީދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މަރަދޫ ސްކޫލްގައި އަލަށް އިމާރާތްކުރި 12 ކްލާސްރޫމްގެ އިމާރާތް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ވަނީ މި ދެސިޓީގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވާފައެވެ.


Advertisement
- ކޮމެންޓް