އައްޑޫ ސިޓީއަށް ރައީސް ވައުދުވެވަޑައިގެންނެވި ބޮޑެތި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ފެށިގެން ހިނގައްޖެ ކަމަށާއި، މަސައްކަތުގެ 80 އިންސައްތަ މި ދައުރު ތެރޭގައި ނިމިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްމުހައްމަދު ސާލިހު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިޒާރު ވިދާޅުވީ، މިހާރު ފެނިގެން މިދަނީ، ރައީސް ސާލިހު އައްޑޫ ސިޓީއަށް ވައުދުވެވަޑައިގެންފައިވާ އަދި އައްޑޫ ސިޓީއށް ޚާއްސަކޮށްގެން މެނިފެސްޓޯގައި ހިމެނިފައިވާ ހުރިހާ ކަމެއް ކުރެއްވުމަށް ސޮއި ކުރެވި ނުވަތަ އަމަލީ މަސައްކަތް ފެށިގެންދާތަން ކަމުގައެވެ.
އައްޑޫގެ ކަސްޓަމްސް އިމާރާތް ނިމިފައިވާ ކަމަށާއި ދިގު އަހަރެއް ވަންދެން ނުނިމި އޮތް ދަނޑެއް މިހާރު ނިމެމުން އަންނަކަން ނިޒާރު ފާހަގަކުރެއްވިއެވެ.
މިއީ ވެރިކަމެއްގައި އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި މިހާ ގިނަ މަޝްރޫއުތަކެއް ހިންގާ ފަހަރުކަމުގައި ނިޒާރު ވިދާޅުވިއެވެ.
މުޅި އައްޑޫ ސިތީގެ ހުރިހާ އަވަށެއްގެ މަގު ހެދުމާއި، 195 ހެކްޓަރުގެ ބިން އިތުރުވެގެން އަންނަ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގެ މަޝްރޫއުތައް ނިމިގެން އަންނައިރު އެއީ ޒަމާނީ ފެންވަރަށް ކުރެވޭ މަސައްކަތްތަކެއް ކަމުގައެވެ. އެހެންކަމުން ރައީސް ސާލިހަށް އައޑޫ ސިޓީގެ ހުރިހާ ރައްޔިތުންގެ ހިފެހެއްޓުމެއް ނެތް ޝުކުރު ހައްގު ކަމަށް މޭޔަރު ވިދާޅުވިއެވެ.