ދުނިޔެއަށް އަންނަމުންދާ ތަރައްގީއާއެކު އެކި ތަކެތި އުފެއްދުމުގައި ބޭނުންކުރާ އުކުޅުތައްވެސް ދަނީ ބަދަލުވަމުންނެވެ. މިހާރު އެއްޗެއް އުފައްދާލުމަކީ މާ އުނދަގޫކަމެއް ނޫނެވެ. މި ހުރިހާ ފަސޭހައެއް ހުރިއިރުވެސް ފަލަސްތީނުގެ ވެސްޓް ބޭންކު ސިޓީގެ ނަބްލޫސްގެ ސައިބޯނި އުފައްދާ ފެކްޓްރީއެއް ކަމަށްވާ ޓޫކަން ސޯޕް ފެކްޓްރީން އަދިވެސް ގެންދަނީ ޒަމާނުއްސުރެ ސައިބޯނި އުފައްދަން ބޭނުންކޮށްފައިވާ އުކުޅުތައް ބޭނުންކުރަމުންނެވެ.
ޓޫކާން ސޯޕް ފެކްޓްރީގައި ސައިބޯނި އުފެއްދުމުގެ މަސައްކަތަކީ މީގެ 150 އަހަރު ކުރިން ނަބްލޫސްގެ އާއިލާއަކުން ފަށާފައިވާ މަސައްކަތެކެވެ. އެމީހުން އަދިވެސް ބޭނުންކުރަނީ އެންމެ ފުރަތަމަ މި މަސައްކަތް ފަށައިގަތް އިރުވެސް ބޭނުންކުރަމުންދިޔަ އުކުޅުތަކެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސައިބޯނި އުފައްދާނަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ފަސޭހައިން މަސައްކަތްތައް ނިންމާލެވެއެވެ. އެހެންނަމަވެސް ޓޫކަން ފެކްޓްރީން ބޭނުންކުރަނީ ވަރަށް ތަފާތު އުކުޅެކެވެ. އެމީހުން މިކަން ކުރަނީ ޒައިތޫނި ތެލާއި ސޯޑާ އަދި ފެން އެއްކޮށްފައި، 5 ދުވަސް ވަންދެން ބޮޑު ތެއްޔެއްގައި ބަހައްޓައިގެންނެވެ.
5 ދުވަސް ފަހުން ތަޅުންމަތީގައި ޕްލާސްޓިކު ޝީޓު އެޅުމަށްފަހު އެ ޝީޓުތައް މައްޗަށް އެ ތަކެތި އޮއްސަނީއެވެ. އަދި އެހެން ބަހައްޓައިގެން އެތަކެތި ހިކި ސައިބޯންޏަށް ބަދަލުވެއެވެ. އެހާ ހިސާބުން ސައިބޯނި ކަފައި, އޭގައި ޖަހަންޖެހޭ ލޯގޯތައް ޖަހައެވެ.
ޓޫކަން ސޯޕް ފެކްޓްރީގައި މަސައްކަތްކުރާ 61 އަހަރުގެ އަހުމަދު ދުވެއިކަތު ބުނި ގޮތުގައި, އެމީހުން އުފައްދާ ސައިބޯންޏަށް އިތުރު އެހެން ތަކެއްޗެއް ނާޅައެވެ.
އެހެން ކުންފުނިތަކުން އުފައްދާ ސައިބޯނިތަކަށް އެސެންސާ އިނގުރު ފަދަ ތަކެތި އަޅާހެން، އަހަރުމެން އުފައްދާ ސައިބޯންޏަށް އެފަދަ ތަކެއްޗެއް ނާޅަން. އަހަރުމެން އަދިވެސް އަމަލުކުރަނީ އެންމެ ފުރަތަމަ މިކަން ކުރި ގޮތަށް.އަހުމަދު ދުވެއިކަތު
ޓޫކަން ސޯޕް ފެކްޓްރީން އުފައްދާ ސައިބޯނީގެ ބޮޑު ބަޔަކީ އެ ގައުމުން ބޭރަށް އެކްސްޕޯޓުކުރާ ތަކެއްޗެވެ. ދުވެއިކަތު ބުނިގޮތުގައި ޒަމާނަށް އައި ބަދަލާއެކު މިފަދަ ސައިބޯންޏަށް އޮތް ޑިމާންޑު ދަނީ ދަށްވަމުންނެވެ. މިހާރު ގިނަ މީހުން ޚިޔާރުކުރަނީ އެކި ސެންޓުގެ ސައިބޯނި ކަމަށް އޭނާ ބުނެފައިވެއެވެ. މިއާއެކު ނަބްލޫސްގައި ސައިބޯނި އުފައްދާ އެހެނިހެން ކުންފުނިތަކަށްވެސް ގެއްލުމާ ކުރިމަތިލާންޖެހިފައިވާކަމަށް ދުވެއިކަތު ބުނެފައިވެއެވެ.