Advertisement
ކ. މާލެ
|
25 މާރޗް 2022 | ހުކުރު 19:14
ނޭވާހޮޅިޔަށް ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ނޭވާހޮޅިޔަށް ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
އިދިކޮޅު މުޒާހަރާ
އިދިކޮޅު މުޒާހަރާއިން 11 މީހުން ހައްޔަރުކޮށްފި
އެމީހުން ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި

ނޭވާހޮޅިޔަށް މި ނަމުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި މި މުޒާހަރާއިން 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

ހުކުރު ދުވަހުގެ ހަވީރު މި މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީސް ސަރަހައްދު ހިމެނޭ މަގުތައް ބަންދުކޮށްފައެވެ. އަދި މާލޭގެ މަގުތަކާއި، ޕާޓީ އޮފީސް ސަރަހައްދާއި، ކާނިވާ ސަރަހައްދާއި، ރަސްފަންނު ސަރަހައްދާއި، ބޮޑުތަކުރުފާނު މަގާއި، މާލޭ ދެކުނުފަރާތު އުސްފަސްގަނޑު ސަރަހައްދުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބޭއްވި އެއްވުމަކީ ސުލްހަވެރިކަމާއެކު، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމާއި، މިފަދަ އެއްވުމުގެ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވެފައިވާކަމަށްބުނެ، މިއެއްވުން ނުބޭއްވުމަށް ފުލުހުން ވަނީ އަންގާފައެވެ.

އެހެންނަމަވެސް އިދިކޮޅު މި އެއްވުން ބާއްވާފައިވާއިރު އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވަނީ ކާނިވާ ސަރަހައްދަށް އެއްވެ "އިންޑިއާ އައުޓް" ގޮވާފައެވެ. އަދި އެ ސަރަހައްދުން ނިކުތުމަށް އުޅުމުގެތެރޭ ފުލުހުން ވަނީ އެމީހުން ހުއްޓުވާ، އަދި ނުކިޔަމަންތެރިކަން ދެއްކުމުން ޕެޕަރ ސްޕްރޭ ވެސް ޖަހާފައެވެ.

Advertisement

ޕީޕީއެމުން ވަނީ "ނޭވާ ހޮޅިޔަށް" މިނަމުގައި ޤާނޫނާއި އެއްގޮތަށް ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިޔަ ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފައެވެ.

މި ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ޕާޓީ އޮފީސް ހުންނަ ސަރަޙައްދު މަގާއެއްކޮށް ބަންދުކޮށް، ޕާޓީ އޮފީހަށް ވަދެ ނުކުތުން މަނާކޮށް، ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމުގެ އިތުރުން، ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކާނިވާ ތައްޔާރު ކުރުމަށްޓަކައި، ޕާޓީ އޮފީހުން ކާނިވަލަށް ތަކެތި ގެންދިއުމާއި، އޮފީހުގެ މުވައްޒަފުންގެ ދަތުރުފަތުރަށް ހުރަސް އަޅާ މަސައްކަތުގައި އިދާރީ ގޮތުން ޙަރަކާތްތަތެރިވާ ފަރާތްތައް ހައްޔަރު ކުރި ކަމަށް ވެސް އެޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު "އިންޑިއާ އައުޓް" ހަރަކާތް ގެންދަނީ ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުންނެވެ. މިގޮތުން އެކި ރަށްރަށަށް ވަޑައިގެން އެ ކެމްޕޭން ހިންގަވަމުން ގެންދަވާއިރު، އިންޑިއާ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމުގެ ނަމުގައި ފެށި ހަރަކާތުގެ މިސްރާބު މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. މިއާއެކު މިއީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ހިންގަމުން ގެންދާ ހަރަކާތެއް ކަަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް