އަތޮޅުތަކުގެ މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް ރޯދަ މަސް ފެށެންވާއިރަށް ނުނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދް ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ފައިސާ ލަހުން ހަމަޖެހުމާއި ގުޅިގެން އަތޮޅުތަކުގެ މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް ފެށުނީ ލަހުން ކަމަށެވެ. ނަމަވެސް ރޯދަ މަސް ފެށެންވާއިރަށް އަތޮޅުތަކުގެ މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތުގެ ބޮޑު ބައި ނިމިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތަށް ޖުމްލަ 15 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ އަދަދުގެ ތެރެއިން ފަސް މިލިއަން ރުފިޔާ ހަމަކުރީ މިސްކިތު ފަންޑުން ފައިސާ ނަގައިގެން ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އިސްލާމީ މަރުކަޒުގެ މާރާމާތުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. އެގޮތުން މިސްކިތަށް ބޭނުންވާ ތަށިމުށި ނުލިބުމުގެ ސަބަބުން ތަށިމުށި ޖަހާފައިވަނީ އަލުން ގަނެގެން ކަމަށް ވެސް ވިދާޅުވިއެވެ.
މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތަށް 15 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު އޭގެތެރެއިން ދެ މިލިއަން ރުފިޔާ ވަނީ ގްރޭޓަރ މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް ހަމަޖައްސާފައެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ރަމަޟާންމަހު އިސްލާމީ މަރުކަޒުގައި އަންހެނުން ނަމާދުކުރުމަށް ބޮޑު ޖާގައެއް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
އިސްލާމީ މަރުކަޒުގެ ގްރައުންޑް ފްލޯރ ސަރަހައްދުގެ އެއްބައި އަންހެނުން ނަމާދު ކުރުމަށް ޚާއްސަކޮށްފައިވާ ކަމަށާއި ދެވަނަ ފްލޯރ ވެސް އަންހެނުންނަށް ޚާއްސަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ރަމަޟާންމަހު, ފިރިހެނުން ނަމާދުކުރުމަށް ދެވަނަ ފްލޯރ ބޭނުންކުރާނީ ހުކުރު ނަމާދުގައި އެކަނި ކަމަށް ވެސް ވަނީ ބުނެފައެވެ.