ނޭޝަނަލް ޓްރޭޑް ޓެސްޓިންގް އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ޓްރޭޑް ޓެސްޓް ސެންޓަރެއް ގޮތުގައި ރަޖިސްޓަރީ ކޮށްފިއެވެ.
މިގޮތުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން ވަނީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއިއެކު ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ޕްރޮގްރާމް ހިންގުމަށް ކޮލިޓީ އެޝުއަރެންސް ފަހުމުނާމާގައި ސޮއި ކޮށްފައެވެ. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ބޭއްވުނު މިހަފްލާގައި، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އަށް ވަނީ ޓްރޭޑް ޓެސްޓިންގ ސެންޓަރ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލްކޮށް ޓްރޭޑް ޓެސްޓިންގް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ.
ހުނަރުގެ ރަސްމީ ތަމްރީނުގެ ތެރެއިން ސެޓްފިކެޓެއް ނުލިބި ފަންނީ މަސައްކަތުގައި ގިނަ ދުވަހު ދެމިތިބޭ ދިވެހި ރައްޔިތުންނަށް ހުނަރުގެ ރަސްމީ ސަނަދެއް ހޯދޭނެ ނިޒާމް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ވަނީ ޤާއިމް ކޮށްފައެވެ. މިގޮތުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން ހިންގާ ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ވަޒީފާއަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބެލުމަށް ޤައުމީ އިމްތިހާނެއްދީ އެ އިމްތިހާނުން ފާސްވާ މީހުނަށް ޤައުމީ ސަނަދު ނުވަތަ ނެޝަނަލް ސެޓްފިކެޓެއް ދެވޭނެއެވެ.
މިގޮތުން ދެވޭ ޤައުމީ އިމްތިހާން ނުވަތަ ނޭޝަނަލް އެސެސްމަންޓް ޓެސްޓް ދެވޭނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑް ތަކުގައި ކަނޑައަޅާފައިވާ އެންމެހައި ކޮމްޕިޓެންސީތައް ހާސިލުވެފައިވާކަން ކަށަވަރުކޮށްފައެވެ.