ވަކިވަކި އެސޯސިއޭޝަންތަކުންނާއި, އަމިއްލަ ބައެއް ފަރާތްތަކުންވެސް ކުޅިވަރުގެ އެވޯޑްތައް މީގެކުރިންވެސް ދެމުން އައެވެ. އެކަމަކު އެއެވޯޑްތައް މައިގަނޑުގޮތެއްގައި ލިބެނީ ކުޅުންތެރިންނަށެވެ. އެވޯޑްތަކުގެ ހިތްހަމަޖެހުން ހަޤީޤަތުގައި އޮންނަނީ އެތްލީޓުންނަށެވެ. އެންމެ މޮޅު ފުޓްބޯޅަ ރެފްރީ ހޮވުން ހަވީރުން އަދި އޭގެ ފަހުން މިހާރުން ކުރިއަށްގެން ދިޔައެވެ. އެހެން ކުޅިވަރުތަކުގެ އޮފިޝަލުންނަށް އެފުރުޞަތެއްވެސް ނުލިބެއެވެ.
ޓެކްނިކަލް އޮފިޝަލުންނާއި, ރެފްރީންނަށްވުރެވެސް ފަނޑުކޮށް ފެންނަން އޮތީ މެޑިކަލް އޮފިޝަލުންގެ މަސައްކަތެވެ. ހަޤީޤަތުގައި އެތުލީޓުންގެ ކާމިޔާބީތަކުގެ އެންމެ މުހިއްމު މަސައްކަތްތަކެއް ކުރާ ފަރާތްތަކެވެ. އެމީހުންގެ ނަން ދުލަކުން އިވުމަކީވެސް ނާދިރުކަމެކެވެ. އެކަމަކު މިމަހު ސަރުކާރުން ބޭއްވި މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް އަކީ އެކަންކަން ބަދަލުވެގެންދިޔަ އެވޯޑެކެވެ. ނުވަތަ ބަދަލުވުމުގެ ފެށުމެކެވެ. ކުލަގަދަ އެވޯޑް ހަފްލާގައި މެޑިކަލް އޮފިޝަލުންގެ ތެރެއިން އެންމެ މޮޅު އަދި ޓެކްނިކަލް އޮފިޝަލުންގެ ތެރެއިން އެންމެ މޮޅު ފަރާތްތައް ހޮވާ އެވޯޑްދޭން ފެށުން އެއީ އެމީހުންނަށް ލިބުނު އުފަލަކާއި, ހިތްހަމަޖެހުމަކަށްވުރެ ބޮޑަށް އެތުލީޓުންނަށް, ކުޅުންތެރިންނަށް ލިބުނު އުފަލެކެވެ. ހިތްހަމަޖެހުމެކެވެ. ދިވެހި ކުޅިވަރަށް ލިބޭނެ ކުރިއެރުމެކެވެ.
ދިވެހި ވަކިވަކި އެތުލީޓުންނަށްވުރެ ގިނައިން ނުވަތަ އެއާ އެއްހަމައެއްގައި ރާއްޖޭގެ ރެފްރީން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މުބާރާތްތަކާއި, ގޭމްސްތަކުގައި އިންސާފް ކުރެއެވެ. އެކަމަކު އެމީހުންގެ ވާހަކަ ދައްކާ އަޑު މަޑެވެ. ރާއްޖޭގެ މުބާރާތްތަކުގައިވެސް އިންސާފްކުރަނީ އެމީހުންނެވެ. ހަޤީޤަތުގައި ރެފްރީން ނުވަތަ ޓެކްނިކަލް އޮފިޝަލުންގެ ކޮންމެ ނިންމުމަކީ ޓީމެއް, ކުޅުންތެރިއެއް ނުވަތަ އެތްލީޓެއް މާޔޫސްކޮށްލާނެ ނިންމުމަކަށް ވެދާނެއެވެ. ނިންމޭ ކޮންމެ ގޯސް ނިންމުމެއްގެ އަސަރު މުޅި ކުރިއަވަރަށް ކުރެއެވެ. އެފަދަ ގޯސް ނިންމުންތައް ކުޑަކުރުމަށް ރެފްރީންނާއި, ޓެކްނިކަލް އޮފިޝަލުން އެކަމުގައި ދެމިތިބެންވީ ސަބަބުތަކެއް މެދުވެރިކުރަން ޖެހެއެވެ. ހަމައެކަނި ޝައުޤުވެރިވެގެން ކުރާ ކަމެއްގެ ބަދަލުގައި އެމީހުންނަށްވެސް މާލީ އެހީތެރިކަން ނުވަތަ އިނާޔަތްތައް ކުޅުންތެރިންނާ އެއްގޮތަށް ލިބިދިނުން މުހިއްމެވެ. އެމީހުންގެ އަގު ވަޒަންކުރުން މުހިއްމެވެ. މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްއަކީ އޭގެ ފެށުމެއްކަމަށް ޓެކްނިކަލް އޮފިޝަލުން އުއްމިދުކުރެއެވެ. އެއީ އެމީހުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
މިއެވޯޑާ ހަމައަށް އެއްވެސް ގޮތަކަށް ހިތަކަށް ނުގެނެވޭ ބަޔަކު މިކަން ފާހަގަކޮށްފާނެކަމަކަށް. ނުވަތަ އޮފިޝަލުން ނޫނީ ރެފްރީންގެ ކަންތައް ވަކި ކެޓަގަރީއެއްގެ ގޮތުގައި ނަގާފާނެކަމަކަށް. މީގެކުރިން އެކަންކޮށްފަ ނެތީމަ. އެއްވެސް ވަރަކަށް އުއްމީދުކުރިކަމެއްނޫން މީކީ, އެހެންނަމަވެސް ފެށުމެއް އައިއިރު އޮފިޝަލުންގެ ވަކި ކެޓަގަރީއެއް ހިމަނައިގެން ފެށުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއްއަހުމަދު ޝިހާމް (ޕުޗޫ) / އެންމެ މޮޅު ޓެކްނިކަލް އޮފިޝަލަކަށް ފިރިހެން ކެޓަގަރީން ހޮވުނު ބެޑްމިންޓަން އަމްޕަޔަރު
ޕުޗޫ ބުނީ ކުޅިވަރުތަކުގެ ޓެކްނިކަލް އޮފިޝަލުންގެ އަގުވަޒަންކޮށް އެވޯޑެއް ދޭން ފެށުމުން އެކަން ހުރިހާ ކުޅިވަރެއްގެ ޓެކްނިކަލް އޮފިޝަލުންވެސް ފާހަގަކުރާ ކަމަށެވެ. އަދި މިއީ ހަމައެކަނި އޭނާއަށް ލިބުނު އެވޯޑެއްގެ ބަދަލުގައި ހުރިހާ ޓެކްނިކަލް އޮފިޝަލުންނަށް ލިބުނު އެވޯޑެއްކަން ދެކޭކަމަށެވެ. އެކަމަކު އޭނާވެސް ޤަބޫލުކުރާ ކަމަކީ ތަފާތު އެކި ކުޅިވަރުތައް އެއްކޮށްލައިގެން އެންމެ މޮޅު އެކަކު ހޮވުމަކީ އުނދަގޫ ކަމެއްކަމެވެ. މެޗު ލިބޭ މިންވަރުގައިވެސް ބޮޑު ތަފާތުތަކެއް ހުރުމުން އެއީ އިތުރަށް ވިސްނާލަން ޖެހޭކަމެއްކަމަށް އޭނާވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް މިއެވޯޑަކީ ކުރިއަށްދާން ލިބުނު ހިތްވަރެއްކަމަށް ޕުޗޫ ޤަބޫލުކުރެއެވެ.
ކުޅުންތެރިންނަށް އެންމެ މުހިއްމު ޚިދުމަތެއް ދޭ ބަޔަކީ ހަޤީޤަތުގައި މެޑިކަލް އޮފިސަރުންނެވެ. ފުރިހަމަ ޞިއްހަތެއްގައި ހުރެގެން މެނުވީ ކުޅުންތެރިއަކަށް ރަނގަޅަށް ޕާފޯމެއް ނުކުރެވެއެވެ. ކުޅުންތެރިޔާ ކުރާ ހުރިހާ މަސައްކަތެއް ބިނާވަނީ ރަނގަޅަށް ޕާފޯމް ކުރުމަށެވެ. އަޅުގަނޑުމެން އެންމެންގެވެސް ފޯކަސް ހުންނަނީ އެތްލީޓުންގެ ޕާފޯމަންސަށެވެ. އެކަން ވާންއޮތީ ކުޅުންތެރން ރަނގަޅު ޞިއްހަތުގައި ތިބެގެންނެވެ. އެއީ ހަމައެކަނި އަނިޔާއެއްވެސް ނޫނެވެ. މެންޓަލީ, ފިޒިކަލީ އަދި ސައިކޮލޮޖީވެސް ކުޅުންތެރިން ތައްޔާރަށް ތިބެންޖެހެއެވެ. މިއިން ކޮންމެ ކަމަކީވެސް ކުޅުންތެރިންގެ ޕާފޯމަންސަށް އަސަރުކުރާނެ ކަންކަމެވެ. މިކަމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ މެޑިކަލް އޮފިޝަލުންނެވެ.
އެހެންކަމުން ރަނގަޅު މެޑިކަލް އޮފިޝަލުން, ޑޮކްޓަރުން ކުޅުންތެރިންނަށް ބޭނުންވެއެވެ. ޓީމްތަކާއި, އެތްލީޓުންވެސް ފިޓްކޮށް, ރަނގަޅު ހާލަތުގައި ތިބުމަށް މެޑިކަލް އޮފިޝަލުންގެ އެހީތެރިކަން ބޭނުންވެއެވެ. މެޑިކަލް އޮފިޝަލުން ކުޅިވަރުގެ ތެރެއަށް ޝައުޤުވެރިކުރުވަން ޖެހެއެވެ. އެކަން ކުރުމަށް އެމީހުންގެ އަގު ވަޒަން ކުރަން ޖެހެއެވެ.
އެހެންވީމަ މެޑިކަލް ކެޓަގަރީ ހިމެނުމަކީ މިރޮނގުން ކުޅިވަރަށް ކޮންޓްރިބިޔުޓްކުރައްވާ ބޭފުޅުންނަށް ވަރަށްބޮޑު ހިތްހަމަޖެހުމަކަށްވާނެ. ގިނަ އަދަދެއްގެ ބޭފުޅުން މިކަމުގައި ބައިވެރިވާން ލިބޭ ވަރަށްބޮޑު ފުރުޞަތަކަށްވާނެ. އޭގެ ސަބަބުން ޓީމްތަކުގެ ޕާފޯމަންސަށް ވަރަށްބޮޑަށް އަސަރުކުރާނެޑރ.އަބުދުالله ރާފިއު (ރާއްޕެ) / ސްޕޯރޓްސް މެޑިކް އެވޯޑް ހާޞިލުކުރި ފަރާތް
ހަޤީޤަތުގައި ވަޒަންކުރެވުނީ މެޑިކަލް އޮފިޝަލުންނާއި, ޓެކްނިކަލް އޮފިޝަލުންގެ އަގެއް ނޫނެވެ. ދިވެހި ކުޅިވަރު ކުރިއަށް ގެންދަން އެޅުނީ މުހިއްމު ފިޔަވަޅެކެވެ. މީގެކުރިން ނާޅާ ދޫކޮށްލެވިފައި އޮތް ފިޔަވަޅެއް އެޅުނީއެވެ. އެކަމަކު ފިޔަވަޅު އެޅުމަކުން އަދި ނުފުދެއެވެ. އެކަން އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން އޮންނަން ޖެހެއެވެ. އެއީ އެތްލީޓުންނާއި, ކުޅުންތެރިންގެ ކާމިޔާބީއާއި ގުޅިފައިވާ މުހިއްމު ނިންމުމެކެވެ.