މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްއަށް ޓީޓީގެ ކުރީގެ ތަރި ޒޯރާންވެސް ހިމެނޭ ގޮތަށް ދުނިޔޭގެ ޗެމްޕިއަނުން ރާއްޖެ އަންނަން ހަމަޖެހުމުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް ޝިއުރީ އޭރުވެސް ބުނީ އެކަމުން ރާއްޖެއަށް ދެގޮތަކުން ފައިދާކުރާނެކަމަށެވެ. އޭގެތެރެއިންވެސް އެންމެ މުހިއްމު ކަމަކަށް ފާހަގަކުރީ އެޗެމްޕިއަނުންނާއި އުފެދޭ ގުޅުމުގެ ތެރެއިން ދުރު މުސްތަޤްބަލަށް ކުރާނެ ފައިދާތަކެވެ.
ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައިވެސް ޝިއުރީ ތަކުރާރު ކުރީ އެވާހަކައެވެ. ޒޯރާންއާއެކު ޓީޓީގެ ކުރިމަގަށް ފުރުޞަތުތަކެއް ހުޅުވުނު ވާހަކައެވެ. އުއްމީދުތަކެއް އޮތްވާހަކައެވެ. ޒޯރާންއާ ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާއި ގާތް ގުޅުމެއް އުފެދުނު ވާހަކައެވެ. އެގުޅުމުގެ ތެރެއިން އުއްމީދުކުރެވޭ ފުރުޞަތުތަކުގެ ވާހަކައެވެ.
ޒޯރާންއާއެކު ކުރި މަޝްވަރާތަކުން ލިބުނު އެންމެ ބޮޑު އެއް އުއްމީދަކީ ކޮރޭޝިޔާ ކުޅުންތެރިންތަކެއް ރާއްޖެ ފޮނުވާދޭނެކަމުގެ އުއްމީދެވެ. އެއީ ރާއްޖޭގެ ކުޅުންތެރިން ސައުތު އޭޝިޔަން މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެމަޝްވަރާތައް އެސޯސިއޭޝަނުން ވަނީ ޒޯރާންއާއެކު ކޮށްފައެވެ. މީގެއިތުރުން ކޮރޭޝިޔާ ޓީޓީ އެސޯސިއޭޝަނާއި ގުޅިގެން އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އެކަމުގައި ޒޯރާންގެ ސަޕޯޓް ލިބޭނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ. ޒޯރާންއަކީ ކޮރޭޝިޔާ ބޭފުޅެކެވެ.
ޒޯރާންއަކީ އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ގެވެސް ވަރަށް ސީނިއަރ ބޭފުޅެކެވެ. ރާއްޖޭގެ ކުޅިވަރުގެ އެންމެބޮޑު އެވޯޑް ހަފްލާގައި ބައިވެރިވެވުނީތީވެސް ޒޯރާން ހުރީ އުފަލުންނެވެ. ޒޯރާން ދިން ޔަޤީންކަމަކީ އައިޓީޓީއެފް މެދުވެރިކޮށްވެސް ދެވެން ހުރި ސަޕޯޓެއް ދޭނެކަމެވެ.
މިހާރު އެސޯސިއޭޝަނާ މީނީ ވަރަށް ގާތްވެފައި. އެހެންވީމާ އަޅުގަނޑުމެންނަށް މިލިބުނީ ވަރަށް ރަނގަޅު ފުރުޞަތެއް އެއްކޮށް މަސައްކަތްކޮށްލަން. ކުރިއަށް އޮތްތާ އުއްމީދުކުރެވޭ ވަރަށް ގިން ކަންތައްތަކުން ފަހިވާނެކަމަށް. މިތާ އިންޓަރނޭޝަނަލް މުބާރާތެއް ބާއްވަންވިޔަސް ޒޯރާންގެ ސަޕޯޓް ލިބޭނެވާހަކަ ދަންނަވާފަ ވަނީ. ބުނަންވެސް ނޭންގޭހާ ރަނގަޅު ފާލެކޭ ދަންނަވާނީ.ޝިއުރީ/ ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސް
ޒޯރާން ވަނީ ރާއްޖޭގެ ޓީޓީ ކުޅުންތެރިންނާއެކު ރާއްޖޭގެ ޓީޓީ ހޯލްގައި ވަގުތު ހޭދަކޮށްފައެވެ. ރާއްޖޭގެ ކުޅުންތެރިންނާއެކު ކުޅުނެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ކިޔައިދިނެވެ. އޭނާގެ ތަޖުރިބާ ޙިއްޞާކުރިއެވެ. ރާއްޖޭގެ ޓީޓީ ހޯލަކީވެސް އެކަށީގެންވާ ތަނެއްކަން ފާހަގަކުރިއެވެ. ޚާއްޞަކޮށް ޖޫނިއަރ ލެވެލްއަށް އެފެސިލިޓީ ރަނގަޅުކަން ފާހަގަކުރިއެވެ. ސަރުކާރުގެ ނިންމުމަކީ 24 މޭޒުގެ ޓީޓީ ހޯލެއް އެޅުމެވެ. އެއީ 24 ގަޑިއިރު ޓީޓީއަށް ލިބޭ ތަނަކަށް ވުމުން އެކަން ވެގެންދާނީ ރާއްޖޭގެ ޓީޓީއަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކަށްކަން ޒޯރާން ފާހަގަކުރިކަމަށް އެސޯސިއޭޝަނުން ބުންޏެވެ.
ރާއްޖޭގެ ޓީޓީގައި އެންމެ ބޮޑު އުއްމީދެއް އަދިވެސް އޮތީ ރަފާއާއި ދީމާއަށެވެ. އެދެކުޅުންތެރިން ހޯދައިދެމުންދާ ކާމިޔާބީތައް އަހަރުތަކަކަށް ދެމިގެންދާނެކަމުގެ ޔަޤީންކަން ބޮޑެވެ. އެދެކުޅުންތެރިންނަށް އިތުރު ފުރުޞަތު ހޯދައިދޭން މަސައްކަތްކުރަންވެސް ޒޯރާން ހުރީ ތައްޔާރަށެވެ. ޝިއުރީ ވިދާޅުވީ އެސޯސިއޭޝަނުން ޒޯރާންއާއެކު މަސައްކަތްކުރަނީ ޕޮޒިޓިވް ވިސްނުމުގައިކަމަށެވެ. އުއްމީދަކީ ކޮރޭޝިޔާއާއެކު އެކްސްޗޭންޖް ޕްރޮގްރާމްތައްވެސް ބަދަލުކުރެވިގެން ދިއުމެވެ. ޓީޓީއަށް އިތުރު ފުރުޞަތުތައް ފަހިވެގެން ދިއުމެވެ.
ޒޯރާންއަކީ ދެފަހަރު ޓީޓީގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. ހަތް އޮލިމްޕިކް ގޭމްސްގައި ވާދަކުރި މަދުކުޅުންތެރިންގެ ތެރޭގައި ޒޯރާން ހިމެނެއެވެ. ޒޯރާންގެ ކެރިއަރުގައި އޭނާ ވަނީ ރޭންކިންގެ ދެވަނައަށް ދަތުރުކޮށްފައެވެ.