ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް ކުޅުންތެރިންގެ ހުނަރު ހުރިކަން އިންޑިޔާގެ ޤައުމީ ކްރިކެޓް ޓީމްގެ ކުރީގެ ކެޕްޓަން ސުރޭޝް ރެއިނާ ފާހަގަކޮށްފިއެވެ. އޭނާ އެކަން ފާހަގަކުރީ މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖެއަށް ކުރި ޒިޔާރަތުގެ ތެރެއިން ޤައުމީ ކްރިކެޓް ޓީމްގެ ކުޅުންތެރިންނާއެކު ވަގުތު ހޭދަކުރުމަށްފަހުއެވެ.
އިންޑޯ ކްރިކެޓް ހޯލްގައި ޤައުމީ ޓީމްގެ ކުޅުންތެރިންނާއެކު ހޭދަކުރި ވަގުތުތަކަށްފަހު ސްރޭޝް ފާހަގަކުރީ ރާއްޖޭގެ ބޯލަރުންނާއި, ބެޓްސްމަނުންގެ ހުނަރު ރަނގަޅު ކަމަށެވެ. އަދި އިންޑޯ ކްރިކެޓް ހޯލްގެ ފެންވަރު ރަނގަޅުކަންވެސް ސުރޭޝް ފާހަގަކުރިކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވިއެވެ. ރާއްޖޭގައި މުބާރާތްތައް ކުޅޭ ރަސްމީ ކްރިކެޓް ދަނޑުގައި ސިންތެޓިކް ޓްރެކް އޮތުމުން ރަނގަޅު ނަތީޖާ ނެރެން އުނދަގޫވާނެކަންވެސް ސުރޭޝް ފާހަގަކުރިކަމަށް ފައިސަލް ވިދާޅުވިއެވެ.
ސުރޭޝް ރެއިނާ ވަނީ ރާއްޖޭގެ ތަމްރީނުތައް ރަނގަޅުކުރާނެ ގޮތުގެ އިރުޝާދުތައްވެސް ދީފައެވެ. އަދި އިންޑިޔާއިން ރާއްޖޭގެ ކުޅުންތެރިންނަށް ފުރުޞަތުތައް ހޯދައިދޭން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށް ކްރިކެޓްބޯޑްގެ ރައީސް ފައިސަލް ވިދާޅުވިއެވެ.