ސިޔާސީ ޕާޓީއަކުން ގައުމަށް ނުރައްކާވާ ހަރަކާތްތަކެއް ކުރިއަށް ގެންދާނަމަ، ފިޔަވަޅު އަޅާނީ ކަމާބެހޭ މުއައްސަސާއަކުން އެކަން އެންގުމުން ކަމަށާއި، އާއްމު ރައްޔިތުންނަށް އެ ފުރުސަތު ހުޅުވާނުލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފުއާދު ވިދާޅުވީ މިއަދާއި ހަމައަށް އެއްވެސް ސިޔާސީ ޕާޓީއަކުން ގައުމުގެ މަސްލަހަތު ނަގާލައި، ނުރައްކާވާފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދާކަމުގެ އެއްވެސް މައްސަލައެއް ކަމާބެހޭ މުއައްސަސާއަކުން ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ހުށަހަޅާފިނަމަ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
އާއްމު ފަރާތްތަކަށް އެފަދަ މައްސަލަތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާނުލާނެކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ވަރަށް ވާދަވެރި މާހައުލެއްގައި ކަމަށެވެ. އެހެންކަމުން އެއް ސިޔާސީ ޕާޓީއަކުން ކުރިއަށްގެންދާ ހަރަކާތްތައް ކަމުނުގޮސް، އެނެއް ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅާނެ ކަމަށާއި، އެކަން ހަމައިން ނައްޓައިގެން ހިނގާދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި އީސީން އަބަދުވެސް މަސައްކަތް ކުރަމުންދާ އުސޫލުން މަސައްކަތް ކުރާނެ ކަމަށާއި، އެކްޝަން ނަގަންޖެހޭ ހާލަތުގައި އެފިޔަވަޅު ވެސް އަޅާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ގައުމުގެ ސަލާމަތަށް ނުރައްކާވާފަދަ ހަރަކާތެއް ސިޔާސީ ޕާޓީއަކުން ކުރިއަށް ގެންދާނަމަ، އެކަން ރަސްމީކޮށް އަންގަންޖެހޭނީ ޑިފެންސް މިނިސްޓްރީ، ހޯމް މިނިސްޓްރީ، ފޮރިން މިނިސްޓްރީ ނުވަތަ އަދިވެސް ކަމާގުޅުން ހުރި މުއައްސަސާއަކުން ކަމަށެވެ. އަދި ކޯޓަކުން ހުމެއްކޮށްފިނަމަ ފިޔަވަޅުއަޅާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
މިހާރު ގައުމުގެ މަސްލަހަތަށް ނުވަތަ ގައުމުގެ ދިފާއަށް އުނިކަމެއް އަންނަ ފަދަ ކަމެއް ކުރާނަމަ ގާނޫނުން އިލެކްޝަން ކޮމިޝަނަށް އޮންނާނެ ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު. އެފަދަ ކަމެއް ކަމުގައި ފާހަގަކުރައްވާފައި ނުވޭ އެއްވެސް ކޯޓަކުން ވެސް. އަނެއްކަމަކީ ހިޔާލުފާޅު ކުރުމާއި އެމީހުންގެ އަޑު އުފުލުމުގެ މިނިވަންކަމުގެ ތެރޭގައި އޮތީ ކިހާ ވަރަކަށްތޯ. މިސާލަކަށް އެބޭފުޅުން އެ އިހުސާސްތައް ނުވަތަ އެބޭފުޅުންގެ ހަރަކާތްތައް ހިމެނެނީ ކިހައި ވަރަކަށްތޯ. މިއިން އެއްވެސް ކަމަކީ އަދި އިލެކްޝަނަށް ރަސްމީ ފަރާތަކުން އަންގަވާފައިވާ އެއްޗެއް ނޫން. އެގޮތަށް އަތުވެއްޖެއްޔާ އަޅުގަނޑުމެން އެކަމަކާ ބެހޭގޮތުން ދެން އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅަކީ ކޮބައިތޯ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށްވަންޏާ އެފިޔަވަޅެއް އަޅުގަނޑުމެން އަޅާނަން.އީސީގެ ރައީސް ފުއާދު ތައުފީގު
ސިޔާސީ ޕާޓީއަކުން ގައުމަށް ނުރައްކާވާ ހަރަކާތްތަކެއް ކުރިއަށް ގެންދާނަމަ، އެޕާޓީއާމެދު ފިޔަވަޅު އަޅާނީ ކަމާބެހޭ މުއައްސަސާއަކުން އެކަން އެންގުމުން ކަމަށް އީސީން ބުނެފައިވާއިރު، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ކެމްޕޭނަކީ، ރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާ ގޮތަށް މިފަހުގެ ތާރީޚުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ، މިކެމްޕޭނުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި ސަރަހައްދީ ގައުމުތަކާއި އޮތް ގާތް ގުޅުން ހީނަރުވެ ސަރަހައްދީ ސަލާމަތީ މަސްރަހަށް ނުރައްކާވެ ރާއްޖޭގެ ގައުމީ ދިފާއާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާކަމަށެވެ.
ގައުމަށް ނުރައްކާވި ނަމަވެސް ރައީސް ޔާމީން ގެންދަވަނީ މިހަރަކާތް އިތުރަށް ފުޅާކުރައްވަމުންނެވެ.
އެގޮތުން އެކި ރަށްރަށަށް ވަޑައިގެން އެ ކެމްޕޭން ހިންގަވަމުން ގެންދަވާއިރު، އިންޑިއާ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމުގެ ނަމުގައި ފެށި ހަރަކާތް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން އަމިއްލަ ގޭގޭގައިވެސް އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލައްވާފައިވާއިރު، މިއީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ހިންގަމުން ގެންދާ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށް ގެންގޮސްފައިވާއިރު މި ޕެޓިޝަންގައި ބުނަނީ މި ސަރުކާރުން އިންޑިއާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ތަންތަން އިންޑިއާއަށް ދޫކޮށްފައިވާކަމަށެވެ.
މިހަރަކާތުގެ ސަބަބުން ޚާރިޖީ ގުޅުންތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.