Advertisement
ކ. މާލެ
|
17 މާރޗް 2022 | ބުރާސްފަތި 23:01
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު
އޭޖީ އޮފީސް
މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުވުން
މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ކުރުމަށް ޓާސްކްފޯހެއް އެކުލަވާލަނީ
މަދަނީ އިޖުރާއަތުގެ ބިލް ގެޒެޓްގައި ޝާއިއުކުރި ތާރީޚުކަމުގައިވާ 16 ޑިސެމްބަރ 2021ން ފެށިގެން 6 މަސް ދުވަސް ފަހުން ގާނޫނަށް އަމަލުކުރަން ފަށާނެ
ކަމާގުޅޭ މަސައްކަތްތައް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އޭޖީ އޮފީހުން ބުނޭ

މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ކަމާގުޅޭ ޕްރޮގްރާމްތަކެއް ރާވައި ހިންގުމުގެ މަސައްކަތް، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)ގެ އެހީއާއެކު ފެށުމަށް ހަމަޖެހިފައިވާކަމަށް އެޓަރނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މަދަނީ އިޖުރާއަތުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ތާރީޚު ކަމުގައިވާ 16 ޑިސެންބަރު 2021ން ފެށިގެން 6 މަސް ދުވަސް ހަމަވާ ތާރީޚުގައި އެ ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. 

Advertisement

މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން, އެ ގާނޫނުން އަލަށް ތައާރުފުކުރާ މަފްހޫމްތަކަށާއި އިޖުރާއަތުތަކަށް އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކޮށް، އެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލައި، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްޓަކައި ވާންޖެހޭ އެނޫންވެސް ތައްޔާރީތައް ވުމަށް އޭޖީ އޮފީހުން ނިންމާފައިވަނީ, އަދުލު އިންސާފުގެ ދާއިރާގެ ކަމާބެހޭ ކޯޓުތަކާއި އިދާރާތަކާއި، ގާނޫނީ ވަކީލުންނާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުގެމަތިންނެވެ. އެގޮތުން އެ ދާއިރާތައް ތަމްސީލުވާ ގޮތުގެމަތިން އެކުލަވާލެވޭ ޓާސްކްފޯހެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ކަމާގުޅޭ މަސައްކަތްތައް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކޮށްދޭ، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މުހިންމު ގާނޫނެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް