ކ. މާލެ
|
17 މާރޗް 2022 | ބުރާސްފަތި 06:42
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
މަޖިލިސް އެކުލެވިގެންވާ ގޮތް
މުޅި ރާއްޖެ ތަމްސީލުކުރާ މެމްބަރުން މަޖިލީހުގައި ތިބުމަކީ ބޭނުންތެރި ކަމެއް: ރައީސް ނަޝީދު
ސަރަހައްދީ ވަކާލާތުގައި މެމްބަރުން ބަނދެވުމުން މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން މަދުވާކަމަށް ނަޝީދު ވިދާޅުވި
ގައުމީ ނަޒަރަކުން ކަންކަމާއި ވަކާލާތު ކުރާނެ ބަޔަކު ބޭތިއްބުމަށް ނެޝަނަލް ލިސްޓުގެ މެމްބަރުންގެ ބޭނުންތެރިކަން ވަނީ އެތައް ގައުމެއްގެ ސިޔާސީ ހަޔާތް ކަށަވަރުކޮށްދީފައި

މިއަދު ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ، މުޅި ރާއްޖޭގެ ފަރާތުން ވަކާލާތުކުރާނެ މެމްބަރުންނެތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރުން ނަމުގައި ޓްވިޓަރ ގައި އާންމު ކުރެއްވި ބަޔާނެއްގައި ރައީސް ނަޝީދު ވިދާޅުވީ ވަކި ސަރަހައްދެއްގެ ވޯޓު ލިބި އެސަރަހައްދެއް ތަމްސީލުކުރުމަށް މަޖިލީހަށް އިންތިޚާބުވާ މެމްބަރުންގެ އެންމެ އަސާސީ މަސައްކަތަކީ އެ މެމްބަރެއްގެ ސަރަހައްދުގެ ފަރާތުން ވަކާލާތު ކުރުންކަމަށެވެ. ސަރަހައްދީ ވަކާލާތުގައި މެމްބަރުން ބަނދެވުމުން މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން މަދުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ އެންމެހާ ކަންކަން ހިގަމުންދަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ކަމަށާއި މަޖިލީހަށް އިންތިޚާބުވާ ގިނަ މީހުންނަކީ ޕާޓީތަކުގެ ފިކުރުގައި އިންތިޚާބުވެފައިވާ މެމްބަރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގިނަ ގައުމުތަކުގައި ޕާޓީތަކަށް ލިބޭ ކޮންމެ ގޮނޑިއަކަށް އެޕާޓީއަކު އިތުރު ގޮނޑި ލިބޭ އުސޫލެއް އޮންނަކަމަށެވެ. އެއީ ނޭޝަނަލް ލިސްޓުގައި މަޖިލީހުން ޖާގަ ލިބޭ މެންބަރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިބާވަތުގެ ބަދަލެއް ގެނައުމަކީ ބޭނުންތެރި ކަމެއްކަމަށާއި މަޖިލީހުގެ މެމްބަރުންނަށް އެމެމްބަރުންގެ ރަށްތައް ތަމްސީލުކުރުން ފިޔަވާ އެހެން ކަމެއް ކުރުން ދަތިކަމަށެވެ. ގައުމީ ނަޒަރަކުން ކަންކަމާއި ވަކާލާތު ކުރާނެ ބަޔަކު ބޭތިއްބުމަށް ނޭޝަނަލް ލިސްޓުގެ މެމްބަރުންގެ ބޭނުންތެރިކަން ވަނީ އެތައް ގައުމެއްގެ ސިޔާސީ ހަޔާތް ކަށަވަރުކޮށްދީފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ބިލް، ގަރާރު އަދި މައްސަލަވެސް ހުށަހެޅެނީ މުޅި ރާއްޖެ އަށް ނިސްބަތްކޮށްކަމަށެވެ. ވަކި ރަށަކަށް ނިސްބަތްކޮށް ހުށަހަޅާ ގިނަ ކަންކަމަކީ އެރަށެއްގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅޭ ކަންކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެރަށެއްގައި އެކަން ހިނގީތީ އެރަށަކަށް ނުވަތަ ސަރަހައްދަކަށް ނިސްބަތް ވަނީ ކަމަށާއި މެމްބަރުން އިންތިޚާބު ވެފައިވަނީ ސަރަހައްދުތަކުން ކަމުން މެމްބަރުން ވަކާލާތުކުރާނީ ރަށަށް އަތޮޅަށް ފަހިވާގޮތަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރަދުންގެ 8 މެމްބަރުންވެސް އަދި ރައީސްގެ 8 މެމްބަރުންވެސް ވަކާލާތުކުރީ ރަދުންގެ ފަރާތްޕުޅުންނެވެ. ނުވަތަ ރައީސްގެ ފަރާތްޕުޅުންނެވެ. މަޖިލީހުގެ އެއްވެސް މެމްބަރަކީ އިންތިޚާބަކާއި ނުލާ އަތްނުލާ އައްޔަނުވާ މެމްބަރެއްގެ ގޮތުގައި އޮތުމަކީ، ޑިމޮކްރަޓިކް މަޖިލީހެއްގެ އަސާސީ އުސޫލާއި މުޅިން ޚިލާފު ކަމެކެވެ. ދުރޫސުލް އަޚްލާގާވެސް ނުބައްދަލުކަމެކެވެ. މުޅި ރާއްޖެ ތަމްސީލުކުރުމަށް މަޖިލީހުގައި މެމްބަރުން ތިއްބެވުން ބޭނުންތެރިއެވެ. އަދި އެ މެމްބަރުން އިންތިޚާބުކުރާނެ ގޮތެއް ކަނޑައަޅަން ޖެހެއެވެ.
މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް

ރައީސް ނަޝީދު ވިދާޅުވީ އެތައް ގައުމެއްގެ ގާނޫނު ހަދާ މަޖިލީސްތައް އެކުލެވިގެންވަނީ ގައުމީ ލިސްޓެއްގެ މެމްބަރުން ހިމެނޭ ގޮތަށްކަމަށެވެ. އެފަދަ މެމްބަރުން އިންތިޚާބު ކުރުމުގައި އެކި ގޮތްގޮތް ބޭނުންކުރާކަމަށެވެ. ގިނަ ގައުމުތަކުގައި ގެންގުޅޭ އެއް ހަމައަކީ މެމްބަރުން ހަމަވެގެން ރަޖިސްޓްރީ ވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮނޑިއެއް ދީ އަދި ސިޔާސީ ޕާޓީތަކުން ކާމިޔާބުކުރާ ކޮންމެ ގޮނޑިއަކަށް އެޕާޓީއަކުން މެމްބަރެއް ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލެވެ. ރައީސް ނަޝީދު ވިދާޅުވީ މިފަދަ މެމްބަރުން ވަކާލާތުކުރާނީ އެބޭފުޅުން އިންތިޚާބު ވެފައިވާ ދާއިރާ ނުވަތަ އެބޭފުޅުންގެ ސިޔާސީ ޕާޓީތަކުގެ އުސޫލުތަކާއި ފަލްސަފާތަކުގެ ދިފާއުގައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުވާން ފެށުމުން މުޅި ރާއްޖޭގެ ވަކާލާތައް ފަހިކަން ލިބޭކަމަށެވެ. މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި އަންހެނުން ތިބުން އިންތިހާއަށް ބޭނުންތެރި ކަމަށެވެ. ގައުމީ ލިސްޓުގެ އަދަދެއް ނުވަތަ ވަކި އެހެން އަދަދަކީ އަންހެނުން ކަމުގައި ކަނޑައެޅުމަކީވެސް ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހުގައި ގެނެވިދާނެ ބަދަލެއްކަމަށެވެ.

ދިވެހިންގެ އާންމު ހާލަތު ރަނގަޅުކޮށް ދިވެހިންނަށް ލިބޭ އެއްޗެއް އިތުރުކުރުމަށް ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތުގެ އަޑު ގަދަވާންޖެހޭ ކަމަށާއި ރާއްްޖޭގެ މަޖިލިސް އެކުލެވިގެން ވާގޮތް ބަދަލުވާން ޖެހޭކަމަށް މިއަދު ދެކެން މަޖުބޫރުވެއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިމޭރުމުން ބަޔާނެއް ނެރުއްވިއިރު އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައިވެސް އެމަނިކުފާނު ވަނީ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރެވޭ ގޮތް ބަދަލުކުރަން ޖެހޭކަމަށް ވިދާޅުވެ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް