ކ. މާލެ
|
16 މާރޗް 2022 | ބުދަ 21:47
ޖޭއެސްސީ
ޖޭއެސްސީ
ރާއްޖެއެމްވީ
ކޮނޑޭ އިސްމެޖިސްޓްރޭޓް ސަސްޕެންޑްކުރުން
މުސާރަ ނުލިބޭ ގޮތަށް، ކޮނޑޭ އިސްމެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި
ސަސްޕެންޑްކޮށްފައިވަނީ އެއްމަސް ދުވަހަށް
މަސްލަހަތު ފުށުއަރާތީ މައްސަލައިން ތަނާޒުލުވުމުމަށްފަހު، ކޯޓު އަމުރުތަކުގައި އިސް-މެޖިސްޓްރޭޓް ވަނީ ސޮއިކޮށްފައި

މުސާރަ ނުލިބޭ ގޮތަށް, ގއ. ކޮނޑޭ މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ 16 މާޗް 2022ގައި ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 18 ވަނަ ބައްދަލުވުމުގައެވެ.

ޖޭއެސްސީން ބުނީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކަށް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމަށްފަހު، އެ މައްސަލާގައި ދައުވާ ލިބޭފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި އޭނާ ސޮއިކޮށްފައިވާކަމަށެވެ. އަދި އަމުރުތަކުގައި ސޮއިކުރުމަށް, އެ މައްސަލައާ ހަވާލުވެހުރި މެޖިސްޓްރޭޓް، އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ކައިރީ އެދިފައި ނުވާކަމަށް ބުނެފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ, އެ ގަޒިއްޔާއާ ގުޅިގެން ދައުވާލިބޭފަރާތާ މުއާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ކަމަށްވާތީ، އޭނާގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށް، އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް އަމަލީގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. އަދި މި އަމަލުތަކަކީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް 17 މާޗު 2022ން ފެށިގެން އެއް މަސްދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން ޖޭއެސްސީން ވަނީ މަނާކޮށްފައެވެ.

- ކޮމެންޓް