Advertisement
ކ. މާލެ
|
13 މާރޗް 2022 | އާދީއްތަ 12:09
ޓެކްސީ ޑްރައިވަރުުންގެ މުޒާހަރާ
ޓެކްސީ ޑްރައިވަރުުންގެ މުޒާހަރާ
ރާއްޖެއެމްވީ
ޓެކްސީތަކުން ނަގާ އަގުގެ މައްސަލަ
ޓެކްސީ ޑްރައިވަރުން އަމިއްލަ އަގު ކަނޑައެޅިތާ 3 ދުވަސް ފަހުން ޓްރާންސްޕޯޓުން ފިޔަވަޅު އަޅާނެކަމަށް ބުނެ ފިނި އިންޒާރެއް ދީފި
ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީތަކުން ދަތުރުކުރަނީ ބޮޑު އަގުގައި
އަގުގެ މައްސަލައިގައި ޓްރާންސްޕޯޓުން ބަހެއް ބުނެފައިވަނީ 3 ދުވަސް ފަހުން
މިހާތަނަށް އަގުބޮޑުކުރި މައްސަލައިގައި އެެއްވެސް ބަޔަކަށް ފިޔަވަޅެއް ނާޅާ

ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން އަމިއްލަ އަގެއް ކަނޑައަޅައި އެއަގަށް ދަތުރުކުރަން ފެށިތާ 3 ދުވަސް ފަހުން އެކަމާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ފިނި އިންޒާރެއް ދީފިއެވެ.

ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން، ޓެކްސީ ސެންޓަރުތަކުންނާއި ޓެކްސީ ޑްރައިވަރުން ގުޅިގެން މަޝްވަރާކުރުމަށްފަހު އަމިއްލަ އަގެއް ކަނޑައަޅައި، އެ އަގުގެ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރުމަށްފަހު އެކަމުގައި އެދެވޭނެ ޖަވާބެއް ނުލިބުމުން، ޓެކްސީ ސެންޓަރުތަކުން މުޒާހަރާ ކުރުމަށްފަހު އަމިއްލަ އަގުގައި ދަތުރުކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެދުވަހުގެ މެންދުރުން ފެށިގެން ޓެކްސީ ސެންޓަރުތަކުން އަންނަނީ މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ދަތުރުތަކަށް އަގު ނަގަމުންނެވެ. ނަމަވެސް މިނިސްޓްރީން އެކަމުގައި ވަކިއެއްޗެއް ބުނެފައި ނުވެއެވެ.

ޓެކްސީ ދަތުރުތަކުގެ އަގުގެ މައްސަލައިގައި މީޑިއާތަކުން މިނިސްޓްރީގެ މީޑިއާ ގްރޫއްޕުގައި ސުވާލުކުރާތާ 3 ދުވަސް ފަހުން، އާދީއްތަ ދުވަހު މި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޓެކްސީގެ ޚިދުމަތަކީ ރައްޔިތުންނާއި ގުޅުން ހުރި އަސާސީ ޚިދުމަތަކަށްވެފައި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އަދި ދިވެހިރާއްޖޭގައި ވެސް މި ޚިދުމަތަކީ ރެގިއުލޭޓް ކުރެވިގެން ދެވޭ ޚިދުމަތަކަށްވާތީ، ޓެކްސީ ރަޖިސްޓަރީ ކުރުމާއި ޓެކްސީތަކަށް ހުއްދަ ދިނުމާއި ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަކީ ޚިދުމަތް ހޯދާ ފަރާތާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

ތެލަށް އައި ބަދަލާއި ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ޚިދުމަތުގެ އަގުތަކަށް ބަދަލު ގެނައުމާއި ގުޅޭގޮތުން 16 ޓެކްސީ ސެންޓަރެއް ހިމެނޭ ގޮތަށް 17 މާރޗުގައި ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ޓެކްސީގެ ޚިދުމަތުން އަގު ނަގާނެ ގޮތާއި ގުޅޭގޮތުން އެ މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ޓެކްސީ ސެންޓަރުތަކުން ހުށަހެޅި ކަންކަމާއި ގުޅިގެން އެމިނިސްޓްރީން ފާހަގަކޮށްފައިވަނީ ޓެކްސީގެ ޚިދުމަތަކީ ހުރިހާ ރައްޔިތުންނާވެސް ގުޅިލާމެހިފައިވާ އަސާސީ ޚިދުމަތަކަށްވެފައި ދެ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

Advertisement

އަދި އަގު ކަނޑައެޅުމަކީ ޓެކްސީ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން އެ މިނިސްޓްރީއަށް ލިބިގެންވާ ބާރެއްކަމަށާއި އަދި ޓެކްސީ ޚިދުމަތުގެ އަގު ކަނޑައެޅުމަކީ ޓެކްސީތަކަށާއި ސެންޓަރުތަކަށް ގަވާއިދުގެ ދަށުން ލިބިގެންވާ ބާރެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. އަދި ޓެކްސީ ސެންޓަރުތަކުން ހުށަހެޅި އެހެނިހެން ކަންކަމުގައި ވަގުތުން ފިޔަވަޅު އަޅައިދެވެން ހުރިކަންކަމަށް ފިޔަވަޅު އަޅައި ދޭނެކަމަށާއި، އެހެންކަންކަން ހައްލުކޮށްދުނުމަށް ދެފަރާތުން މަޝްވަރާކޮށްގެން ގޮތެއް ހޯދާނެކަަމަށް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން އެމީހުންގެ ޑިމާންޑްތަކާއެކު ހުޅުމާލޭގައި އިހުތިޖާޖުކޮށް 11 މާރޗުގެ ރޭގަނޑު ހުޅުމާލެއާއި މާލެއާއި ގުޅޭމަގު ބޭނުންކޮށްގެން ދަތުރު ނުކުރެވޭގޮތަށް އެމަގު ބަންދުވާނެފަދަ ގޮތަށް ޢަމަލުތައް ބަހައްޓައި ޢާންމު ރައްޔިތުންނަށް ދެމުންއައި ޓެކްސީގެ ޚިދުމަތް މެދުކަނޑާލައިފައިވާތީ ޓެކްސީގެ ޚިދުމަތް ހޯދުމަށް ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގެއް ނުނެގުމަށާއި އަދި ޓެކްސީގެ ޚިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ޓެކްސީ ގަވާއިދުގެ 20 ވަނަމާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިނިސްޓްރީން މިހެން ބުނެފައިވީ ނަމަވެސް، މިވީ 3 ދުވަހުގެ ތެރޭގައި މިނިސްޓްރީން މި މައްސަލައިގައި އެއްވެސް ޓެކްސީއަކީ އަދި ޓެކްސީ ސެންޓަރަކާއި ދޭތެރޭގައި ވެސް ފިޔަވަޅު އަޅާފައި ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް