ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް މަސްމަހާމެހީގެ ލިސްޓުގައި މަހަކަށް ނަންދެވިއްޖެއެވެ.
އަލަށް ނަންދެވެނު މި މަހަކީ ލެބްރިޑައި, ނުވަތަ ހިކާ އާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް ބާވަތުގައި ނުވަތަ ޖީނަސްގައި ހިމެނޭ މަހެކެވެ. މި މަހަށް ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ކިރިލެބްރަސް ފިނިފެންމާ މިހެނެވެ. މަހުގެ އާންމު ނަމަކަށް އިނގިރޭސި ބަހުން ކިޔުމަށް ކަނޑައެޅިފައިވަނީ ރޯސް ވެއިލްޑް ފެއާރީ ރާސްއެވެ. މިގޮތަށް ނަން ދެވިފައިވަނީ މި މަހުގައި ހުންނަ، ފާހަގަ ކުރެވޭ ފިޔާތޮށި ކުލައަށް ނިސްބަތް ކޮށެވެ. މިހާތަނަށް އެނގިފައިވާ ގޮތުން މި މަހަކީ ރާއްޖެއާއި ސްރީލަންކާ ސަރަހައްދުގެ ފަރުތަކުގެ 40-70 މީޓަރު ފެންނަ މަހެކެވެ.
މުޅިން އަލަށް ނަން ދެވުނު ކަމުގައި ވީނަމަވެސް މިމަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރު ވެސް ބޭނުންކުރަމުންދާ މަހެކެވެ. މި މަހަށް މީގެ ކުރިން ބޭނުންކޮށްފައިވަނީ ޗާގޯސް ސަރަހައްދުން ފެންނަ މަހެއް ކަމަށްވާ ސިރްލިބްރެސް ރުބްރިކަމިސް މަހުގެ ނަމެވެ. ނަމަވެސް ކެލިފޯނިއާ އެކަޑެމީ އޮފް ސައިންސަސްގެ "ހޯޕް ފޮރ ރީފްސް އިނީޝިއަޓިވް"ގެ ދަށުން, އެ އެކަޑެމީ އާއި ޔުނިވަރސިޓީ އޮފް ސިޑްނީއާއި އޮސްޓްރޭލިއަން މިއުޒިއަމް ރިސަރޗް އިންސްޓިޓިއުޓާއި، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީއާއި އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ގުޅިގެން ވަރަށް ފަހުން ކުރެވުނު ދިރާސާ ތަކުގެ އަލީގައި, މި މަހަކީ ޗާގޯސް ސަރަހައްދުން ފެންނަ މަހާ މުޅިން ތަފާތު މަހެއްކަން ވަނީ ޔަގީން ކުރެވިފައެވެ.
ދިރޭތަކެތީގެ ނަސްލާއި އަދި މުޅިން އަލަށް ފެންނަ ދިރޭތަކެތީގެ ދިރާސާތައް ޝާއިއުކުރާ ސައިންޓިފިކް ޖަރނަލްއެއް ކަމަށްވާ ޒޫކީސްގައި ކްރްހިލަބްރަސް ފިނިފެންމާއަކީ މުޅިން އައު މަހުގެ ބާވަތެއްކަން ދެނެގަނެވުނު ދިރާސާ މިހާރު ވަނީ ޝާއިއުކޮށްފައެވެ. މި މަހުގެ ސައިންޓިފިކް ނަން ކަނޑައެޅުމާއެކު، ދިވެހި ބަސްބަހާ ގުޅުވައިގެން ސައިންޓިފިކް ނަން ދެވިފައިވާ މަދު މަސްމަހާމެހީގެ ލިސްޓުގައި ކިރިލެބްރަސް ފިނިފެންމާ ވެސް މިހާރު މިހިމެނުނީއެވެ.
މިމަހުގެ އިތުރުން، ރާއްޖޭގެ ފުން ފަރުތަކުގައި 50-150 މީޓަރާއި ދެމެދު އެކުލެވޭ ދިރުންތައް ދެނެގަތުމަށްޓަކައި ހޯޕް ފޯރ ރީފްސް އިނީޝިއަޓިވްގެ ދަށުން, ކެލިފޯނިއާ އެކެޑެމީ އޮފް ސައިންސަސްއާ ގުޅިގެން އެމް.އެމް.އާރ.އައި އިން މި އަހަރު ކުރެވިފައިވާ މަސައްކަތްތަކުން ދުނިޔޭގައި ވެސް މުޅިން އަލަށް ފެނިފައިވާކަމަށް ބެލެވޭ 8 ބާވަތެއްގެ މަހުގެ ސާމްޕަލް ނެގިފައިވެއެވެ. މި މަސްތަކާއި، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަރަހައްދުން ހޯދޭ އައު އެހެން މަސްމަހަށްވެސް ނަން ކަނޑައެޅުމުގައި އެމަހެއް ތަމްސީލުކުރާ ފަދަ ދިވެހި ބަހެއް ހިމަނައިގެން ނަން ކަނޑައެޅުމަށް ވަނީ ރޭވިފައެވެ.