ނޯރތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާއި ގުޅުމަށް ސްވިޑެންގެ އިދިކޮޅު ލީޑަރުން ގޮވާލުމުން އެގައުމުގެ ބޮޑުވަޒީރު މަގްޑަލީނާ އެންޑަރސަން އެކަމަށް ނޫނެކޭ ވިދާޅުވެއްޖެއެވެ.
ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ހަނގުރާމަ ކުރިއަށްދާ މިދަނޑިވަޅުގައި ނޭޓޯއާއި ގުޅުމަށް މަސައްކަތްކުރަމަކީ ޔޫރަޕު އިތުރަށް ނުރައްކަލުގެ ތެރެއަށް ވައްޓާލުންފަދަ ކަމެއްކަމަށް އެންޑަރސަން ވިދާޅުވިއެވެ.
1814 ވަނަ އަހަރުގެ ފަހުން ސްވިޑެން އެއްވެސް ހަނގުރާމައެއްގައި ބައިވެރިވެފައެއް ނުވެއެވެ. އެގައުމުން ގައުމުތަކާއެކު ޚާރިޖީގުޅުން ގާއިމުކުރަނީ ގައުމުތަކާއެކު އަސްކަރީ ގުޅުން ބާއްވަން ނުޖެހޭ ގޮތަށެވެ. ނަމަވެސް މިފަހަކަށް އައިސް ސްވިޑެންއިން ވެސް ނޭޓޯއާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރާތަން ވަނީ ފެނިފައެވެ.
އަސްކަރީ އޮޕަރޭޝަނެއްކަމަށް ބުނެ ރަޝިއާއިން ޔޫކްރެއިނަށް އަރައި އެގައުމުގައި ދެމުންގެންދާ ހަމަލާތަކާއެކު ސްވިޑެން އަދި ފިންލޭންޑްވެސް ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ގޮވާލާ ގޮވުންތައް ވަނީ އިތުރުވާން ފަށާފައެވެ. ފިންލޭންޑަކީވެސް ސްވިޑެން އާއި އެއްގޮތަށް އެއްފަރާތުގައި އޮންނަން ނިންމާފައިވާ ގައުމެކެވެ.
ސްވިޑެންގެ ބޮޑުވަޒީރު އެންޑަރސަން ވަނީ ސްވިޑެންގެ ވެސް އަދި އުތުރު ޔޫރަޕްގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިހާރު އެގައުމުން ގެންގުޅެމުންދާ ޕޮލިސީތައް ބަދަލުނުކޮށް އެގޮތުގައި ދެމިހުރުން ކަމަށް އެކަމަނާއި އަބަދުވެސް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.
ސްވިޑެން އަދި ފިންލޭންޑް ނޭޓޯ އާއި ގުޅުމަކީ ރަޝިއާއިން ބޭނުންވާ ގޮތެއް ނޫނެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ގޮވާލާފައިވާއިރު ނޭޓޯގެ މެމްބަރު ގައުމަކަށްވެއްޖެ ނަމަ ރަޝިއާއިން މަޑުންނޯންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ބޮޑުވަޒީރު އެންޑަރސަން މިގޮތަށް ވިދާޅުވެފައިވާއިރު ސްވިޑެންގެ ދެ ނޫހަކުން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓެއްގައި އެގައުމުގެ 51 އިންސައްތަ ރައްޔިތުން ވަނީ ނޭޓޯ އާއި ގުޅުމަށް ބޭނުންވާކަމަށް ބުނެފައެވެ. އަދި ނޭޓޯއާއި ގުޅެން އެއްބަސްނުވާކަމަށް ބުނެފައި ވަނީ 27 އިންސައްތަ މީހުންނެވެ. މިއީ އެގައުމުގެ މެޖޯރިޓީ މިފަދަ ކަމަކަށް އެއްބަސްވާކަމަށް ދެއްކި ފުރަތަމަ ވޯޓެވެ.
ޖެނުއަރީ މަހު ނެގި ވޯޓެއްގެ ނަތީޖާއަށް ބަލާއިރު، ނޭޓޯގެ މެމްބަރު ގައުމަކަށްވުމަށް އެއްބަސްވާކަމަށް ބުނެފައި ވަނީ 42 އިންސައްތަ މީހުންނެވެ. އަދި 37 އިންސައްތަ މީހުން ވަނީ ނޭޓޯއާއި ގުޅެން އެއްބަސްނުވާކަމަށް ބުނެފައެވެ.
ނޭޓޯއާއި ގުޅުމާއި ގުޅޭގޮތުން ސްވިޑެންގައި ސިޔާސީ މަޝްވަރާތައް މިހާރު ފަށަން ޖެހޭކަމަށް އެގައުމުގެ އިދިކޮޅު ލީޑަރުން އަންނަނީ ބުނަމުންނެވެ. ވަކިން ހާއްސަކޮށް ފިންލޭންޑް އަދި ސްވިޑެންއަކީ އަސްކަރީ ގޮތުން ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމަށްވެފައި އެގައުމުން މިހާރު ނޭޓޯއާއި ގުޅުމުގެ މަޝްވަރާތައް ކުރަމުންދާއިރު، އެގައުމުން ނޭޓޯއާއި ގުޅިއްޖެ ނަމަ ސްވިޑެންއަށް ވެސް އޭގެ ޕްރެޝަރު ކުރާނެކަން އިދިކޮޅުން ފާހަގަކުރެއެވެ. އަދި މިގޮތަށް ކަން ހިނގުމުގެ ކުރިން ސްވިޑެން އިން ގޮތެއް ނިންމުން ބުއްދިވެރިކަމަށް އިދިކޮޅުން ބުނެއެވެ.