ކ. މާލެ
|
4 މާރޗް 2022 | ހުކުރު 19:46
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
އުރީދޫ ދިވެހި ޕްރިމިއާ ލީގު
ޓީސީ އަތުން މޮޅުވެ ވެލެންސިއާ ދެވަނައަށް
 
ޓީސީގެ މައްޗަށް ވެލެންސިއާއިން ކުރިހޯދީ 1-0 ގެ ނަތީޖާއަކުން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ކުލަބް ވެލެންސިއާއިން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ފުރަތަމަ ދެ ހަމަލާ އުފައްދާފައިވަނީ ޓީސީއިންނެވެ. އެގޮތުން ޓީސީގެ މުޙައްމަދު މުސްލިހް (މުއްޓި) ވަނީ ކައިރި ކައިރީގައި ދެ ހަމަލާ ފޮނުވާލާފައެވެ. މުއްޓި ފުރަތަމަ ފޮނުވާލި ހަމަލާ ދަނޑިކައިރިން ބޭރަށް ދިޔައިރު ދެވަނަ ހަމަލާ ވެލެންސިއާގެ ކީޕަރު މުޙައްމަދު ފައިސަލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެކަމަކު މަޑުމަޑުން ވެެލެންސިއާއިން ކުޅުމުގެ ތެރެއަށް ވަދެ ޓީސީގެ ހާފަށް ބާރުބޮޑުކުރިއެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ވެލެންސިއާއަށް ލީޑު ނަގައިދިނީ ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިންއެވެ. މިއީ ޓީސީގެ އޭރިއާ ތެރެއިން ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފުގެ ކުރީކޮޅު މުއްޓިއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މުއްޓި ފޮނުވާލި ހަމަލާ ވެލެންސިއާގެ ކީޕަރު ފައިސަލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ވެލެންސިއާގެ ފޯވާޑް ޔާނު ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މިނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެން މާޒިޔާއެވެ. ދެވަނައިގައި އޮތް ވެލެންސިއާއަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި ޔުނައިޓެޑް ވިކްޓްރީ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އަދި ހަތަރު ވަނައިގައި އޮތް ކުލަބް އީގަލްސްއަށްވެސް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް